ރާއްޖޭގެ ހުރިހާ ހިސާބެއްގާ ހުރި ތާރީހީ އާސާރުތައް ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ކުރާންޖެހޭ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ހއ. އުތީމުގައި މިއަދު ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ގައުމެއްގެ މިނިވަންކަމާއި ސިޔާދަތާ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ފުރަތަމަ އެނގެންޖެހޭނީ އެ ގައުމެއްގެ ތާރީހު ކަމަށެވެ. ތާރީހާއި ސަގާފާތާއި އާސާރުތައް ދަމަހައްޓަން ޖެހޭ ކަމަށާއި ނަމަވެސް އާސާރުތަކަށް އިހުމާލުވެ އަޅައިނުލައި ދޫކޮށްލާފައި ވުމުގެ ސަބަބުން ރާއްޖޭގައި ހުރި މުއްސަނދި އެތައް އާސާރުތަކެއް ނެތި ގޮސްފައިވާކަން ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އުތީމުގައި ހުންނަ އުތީމު ގަނޑުވަރު ފިޔަވައި ރާއްޖޭގައި އެފަދަ ތާރީހީ އަދި އާސާރީ ބިނާއެއް ފެންނަން ނެތް ކަމަށެވެ. މާލޭގައި ހުންނަ ކަޅުވަކަރު މިސްކިތް ނެތި ދިއުމުގެ ކުރިން ހިމާޔަތް ކުރެވިފައި އެވަނީ ސަރުކާރުގެ ވަރަށްބުރަ މަސައްކަތުން ކަމަށާއި ސަލްޓަން ޕާކުގައި ހުރި އުސްގެކޮޅު ވެސް މިހާރު އޮތީ އެ ލިސްޓަށް އަރާފައި ކަމަށް ރައީސް ވިދާޅުވި އެވެ.
"މާލޭގައި ހުރި ތާރީހީ ބިނާތައް މާލެތެރޭގައި ގިނަވެ، ބިކަވެ، އެގޮތްމިގޮތް ވެގެންދިޔައީ. މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ހުރި ތާރީހީ އާސާރުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ ރާއްޖެއަށްޓަކައި ކުރަންޖެހޭނެ ކަމެއް. ވަކި ސިޔާސަތަކާއެކު ސަރުކާރުން މި އަންނަނީ އެކަން ކުރަމުން" ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ގައުމިއްޔަތަކީ ތަފާތެއްނެތި އަމާޒެއް އޮވެ، ޖަޒީރާ ކުދި ރަށްތަކާއެކު ދިރިއުޅެވޭނެ ގޮތެއް ރައްޔިތުންނަށް ހޯދައިދިނުން ކަމަށާއި ކުޑައެއް، ބޮޑެއްނެތި ރާއްޖޭގެ ހުރިހާ ރަށަކަށް، ޖަޒީރާ ފަސޭހަ ދިރިއުޅުން ކަށަވަރުކޮށްދިނުމަކީ އިހު އޮތް ދިވެހި ގައުމިއްޔަތު އަލުން އަނބުރާ ދިރުވުން ކަމަށެވެ. ސައްހަތާއި ތައުލީމާއި އާމްދަނީއަށް ވާސިލުވެވޭނެ އަވަސް އަދި ފަސޭހަ މަގުތައް ކޮށައި އަލިކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތައް ނުނިންމައި ދޫކޮށްލުމަކީ ސަރުކާރަށް އޮތް އިހުތިޔާރެއް ނޫން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"މިނިވަންކަމާއި ސިޔާދަތާއި އަމިއްލަވަންތަކަން ދެމެހެއްޓުމަށް ފުރަތަމަ އެނގެންޖެހެނީ އަމިއްލަ ތާރީހު. ތިމާމެންނަކީ ކޮންތާކު، ކިހިނެއް ދިރިއުޅުނު ކޮންބައެއްކަން އެނގެން ޖެހޭނެ. ތާރީހާއި ސަގާފަތާއި އާސާރުތައް ދެމެހެއްޓެން ޖެހޭނެ" ރައީސް ވިދާޅުވި އެވެ.