ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭއަކީ ފުރިހަމަ ކުޅުންތެރިއެއް ކަމަށާއި އެކަން އަހަރުތަކެއް ވަންދެން ސާބިތު ކޮށްދީފި ކަމަށް އޭނާއާއެކު ޕީއެސްޖީއަށް ކުޅޭ އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ބުނެފިއެވެ.
މެސީ އެފަދަ ނަޒަރަކުން އެމްބާޕޭގެ ވާހަކަ ދައްކާފައި ވަނީ މީޑިއާގައި އެމްބާޕޭއަށް ފާޑު ކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. ޕީއެސްޖީގެ ކުރިއަށް ކުޅޭ ތިން ކުޅުންތެރިންވެސް މި ސީޒަން ފޯމުގައި ފެށި އިރު، މެސީ ވަނީ މިހާތަނަށް ކުޅުނު އަށް މެޗުގައި ހަތަރު ގޯލު ޖަހައި ހަތް އެސިސްޓް ފުރިހަމަ ކޮށްފައެވެ. ނޭމާ ވަނީ އަށް މެޗުގައި އަށް ގޯލު ޖަހައި ހަތް އެސިސްޓް ހަދާފައެވެ. އެމްބާޕޭ ހަތް މެޗުން ހަތް ގޯލު ޖެހި ނަމަވެސް، ފާޑު ކިޔުން އަމާޒުވީ އެސިސްޓެއް ހެދިފައި ނެތުމުންނެވެ.
ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެމްބާޕޭ "އަމިއްލަ އެދުން ބޮޑު" ވުމުން، މެސީއާއި ނޭމާ، އެމްބާޕޭއާ ގުޅުން ގޯސްވެފައި އޮންނަ ކަމަށެވެ. އެހެން ނަމަވެސް އެ ވާހަކަތައް މެސީއާއި ނޭމާވެސް މީޑިއާތަކުގައި ދޮގު ކޮށްފައިވެއެވެ.
"ކިލިއަންއަކީ ތަފާތު މޮޅު ކުޅުންތެރިއެއް. އެއީ 'ބީސްޓް'އެއް. ވަން އޮން ވަން ހާލަތްތަކުގައި އަދި ވަކިން ވަރުގަދަވާނެ. ދަނޑުމަތީގައި ހަނި ދޭތެރެތަކުން ޖާގަ ހޯދަން ކުޅަދާނަ، ހަލުވި ފޯވަޑެއް. ކިލިއަންއަކީ ގޯލުވެސް ޖަހާ ނުރައްކާތެރި ފޯވަޑެއް. އޭނާއަކީ ފުރިހަމަ ކުޅުންތެރިއެއްކަން މިދިޔަ އަހަރުތަކުގައި ވަނީ ސާބިތުކޮށްދީފަ. ޔަގީނުންވެސް އެއީ އެންމެ މޮޅެތި ކުޅުންތެރިންތެރޭގައި ހިމެނޭ ކުޅުންތެރިއެއް،" އާޖެންޓީނާއާއެކު ބައިނަލްއަގުވާމީ ފުޓުބޯޅައަށް ފޯކަސް ކޮށްގެން ހުރި މެސީ ބުންޏެވެ.
މެސީ ޕީއެސްޖީއާ ގުޅިގެން އިތުރަށް ދެއްކި ވާހަކައިގައި ނޭމާއާއި އޭނާއާ ދެމެދު އޮންނަ ގާތް ގުޅުމާ ގުޅޭގޮތުންވެސް ވާހަކަ ދައްކާފައިވެއެވެ. މެސީ ބުނެފައި ވަނީ ބާސާގެ ދުވަސްވަރުން ފެށިގެންވެސް ނޭމާއާ ދެމެދު އޮންނަނީ ހިތާއި ހިތުގެ ގުޅެއް ކަމަށާއި، ނޭމާއަކީ އަބަދުވެސް އެކުގައި އުޅޭ ރައްޓެއްސެއް ކަމަށެވެ.
މެސީ މިވަގުތު އެންމެ ބޮޑު ފޯކަސްއެއް ހިފާފައި ވަނީ ކުރިއަށް އޮތް ގަތަރު ވޯލްޑް ކަޕަށެވެ. މިހާތަނަށް ހަތް ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީއަށް އަދި ވޯލްޑް ކަޕެއް ކާމިޔާބުކުރުމުގެ ނަސީބު ލިބިފައިނުވާ އިރު، އޭނާ ވަނީ އާޖެންޓީނާއާއެކު 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ފައިނަލްގައި ކުޅެފައެވެ. ބްރެޒިލްގައި އެފަހަރު ކުޅުނު ވޯލްޑް ކަޕްގެ ފައިނަލުން އާޖެންޓީނާ ބަލިވީ ޖަރުމަނު އަތުންނެވެ.
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ
ޕީއެސްޖީ