އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ތިން މަހާއި 26 ދުވަހަށް ގޭ ބަންދު ހުކުމް އިސްތިއުނާފުކުރުމަށް ދިރާސާކުރުމުގެ މަސައްކަތް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ފަށައިފިއެވެ.
ބަންގުލަދޭޝްގެ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ވަނީ ކުށަށް އިއުތިރާފުވެ، އެކަމަށް މައާފަށް އެދިފައެވެ. އެ މައްސަލައިގައި ނާޒިމަށް ހުކުމް ކޮށްފައިވަނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.
ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ކުރިމިނަލް ކޯޓުން ނާޒިމަށް އިއްވީ، އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ވަނީ ނާޒިމްގެ އެދުމުގެ މަތީން، ތިން މަހާއި 26 ދުވަހުގެ ގޭ ބަންދުގެ އަދަބަކަށް ބަދަލުކޮށްދީފައެވެ. އެއީ ނާޒިމް ތައުބާވެ މައާފަށް އެދުމުން ކަމަށް ހުކުމުގައި ބުނެފައިވެއެވެ.
ނާޒިމް، އާންމުންގެ ކިބައިން މައާފަށް އެދިފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ އަދަބު ކަނޑައެޅުމުގެ މަރުހަލާ ބާކީ އޮއްވައެވެ.
ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް "ވަން" އަށް މިރޭ ވިދާޅުވީ، ނާޒިމަށް ކުރި ހުކުމުގެ އަދަބުގެ ބައި އިސްތިއުނާފު ކުރުމަށް ދިރާސާކުރައްވަމުންގެންދަވާ ކަމަށެވެ. އިސްތިއުނާފު ކުރުމާމެދު ގޮތެއް ނިންމަވާނީ އެކަމާ ގުޅޭގޮތުން ބައްލަވަންޖެހޭ ހުރިހާކަމެއް ބެއްލުމަށްފަހު ކަމަށް ޝަމީމް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ދެކޭ ގޮތުގައި މިއީ ވަކި މީހެއްގެ މައްސަލައެއް ނޫން. މިއީ އެ މައްސަލައިގެ ހުކުމް ކަނޑައެޅި ގޮތުގެ މައްސަލައެއް" ޝަމީމް ވިދާޅުވިއެވެ.
ޝަމީމު އިއްޔެ އޭނާގެ ބްލޮގުގައި ލިޔުއްވި މަޒުމޫނެއްގައި ވިދާޅުވެފައިވަނީ، ކުށެއްގެ ތުހުމަތުގައި ދައުވާކުރުމުގެ ކުރިން އެ ކުށެއްގެ ތުހުމަތުވާ ފަރާތުން އާންމުގެ ކިބައިން މާފަށް އެދިއްޖެނަމަ ދެ ދަރަޖައިގެ ލުޔެއް ލިބޭނެ ކަމަށް ގާނޫނުލްއުގޫބާތުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ދައުވާކުރި ފަހުން މައާފަށް އެދިއްޖެނަމަ، އެއް ދަރަޖައިގެ ލުޔެއް ލިބޭނެ ކަމަށް ޝަމީމު ވިދާޅުވެފައިވެއެވެ.
"ކުށްވެރިޔާ ކުށާ މެދު ދެރަވާކަން އާންމުންގެ ތެރޭގައި ފާޅުކުރުމުން، އަދަބުގެ ދަރަޖަ ދަށްވާނެ ވާހަކަ. ދައުވާކުރުމުގެ ކުރިންނަމަ، ދެ ދަރަޖަ، ދައުވާ ކުރި ފަހުންނަމަ، އެއް ދަރަޖަ. ކުށް ސާބިތުވާކަމަށް ކަނޑައެޅި ނަމަވެސް، އަދަބު ދިނުމުގައި އިސްވެދެންނެވި އުސޫލާ ހިލާފު ނަމަ، އެ ނުކުތާ ވަކިން އިސްތިއުނާފު ކުރަންޖެހޭ." ޝަމީމް ވިދާޅުވެފައިވެއެވެ.
ޝަމީމު ވިދާޅުވެފައިވަނީ ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ މައްސަލަތަކާއި އަދަބު ދިން ގޮތާ މެދު ހިތްހަމަ ނުޖެހިގެން މައްސަލައެއް އިސްތިއުނާފު ކުރުމަކީ ޕްރޮސެކިއުޓަރުން އަލަށް ކުރާ ކަމެއް ނޫން ކަމަށެވެ.
"ކުށް ސާބިތުވާ ކަމަށް ނިންމާފައިވާ މައްސަލަތަކާއި އަދަބު ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން މައްސަލައެއް އިސްތިއުނާފު ކުރުމަކީ އަސްލު މަސައްކަތުގައި އުޅުއްވާ ވަކީލުންނާއި ޕްރޮސިކިއުޓަރުން އަލަށް ކުރާ ކަމެއް ނޫނެވެ. އަބަދުވެސް ހިނގާ ކަމެކެވެ،" ޝަމީމު ވިދާޅުވެފައިއެވެ.
ޝަމީމް އެގޮތަށް ވިދާޅުވެފައިވާ އިރު، ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުއަށް ކުރިމިނަލް ކޯޓުން ކުރި އެއް އަހަރާއި ދެ މަހަށް ޖަލު ހުކުމް އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރަން ޕީޖީން ވަނީ ނިންމައިފައެވެ. ޕީޖީން އެގޮތަށް ނިންމީ، އަބްދުއްރަހްމާނަށް އިއްވި ހުކުމްގެ އަދަބު ކަނޑައެޅި ގޮތާމެދު ހިތްހަމަ ނުޖެހޭތީއެވެ.