ހުޅުމާލޭ ނެރުމަތީގައި ރޭ އިރުއޮއްސުނު އިރު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މޫދަށް ވެއްޓުނު މީހާ ގައިމަތިން ލޯންޗު ނުދާކަމަށް އެ ލޯންޗުގެ ވެރިޔާ ބުނެފިއެވެ.
ރޭ 6:50 ގައި ހިނގި ނުރައްކާތެރި މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ރޭ ވަނީ ބުނެފައެވެ.
ލޯންޗުގެ ވެރިޔާ މުހައްމަދު ނާފިޒު "ވަން" އަށް މިއަދު ބުނީ، ލޯންޗު އެއާޕޯޓުން ހުޅުމާލެއަށް ދިޔައީ ތެޔޮ އަޅަން ކަމަށެވެ. އަދި ތެޔޮ އަޅައިގެން ނެރުން ނިކުންނަން ދަނިކޮށް ބާރު ސްޕީޑުގައި އައި ޑިންގީއެއް ލޯންޗު ކުރީކޮޅު އަރިމަތިން ވަރަށް ބާރަށް ޖެހި އެކްސިޑެންޓުވި ކަމަށެވެ.
ނާފިޒު ބުނީ އެކްސިޑެންޓުވުމުންވެސް ޑިންގީ މަޑުނުކޮށް ބާރު ސްޕީޑުގައި ހުޅުމާލޭ ފަޅަށް ވަނީ ކަމަށެވެ.
"ޑިންގީގަ އެއްވެސް އަލިކަމެއްނެތް. އޭގެ ކުލައެއް އަދި އޭގަ ތިބީ ކޮންބައެއް ކިތައް މީހުން ކަމެއްވެސް ނޭނގެ. އެހާ ބާރު މިނުގަ އައީ. ޖެހުނީމަވެސް މަޑުނުކޮށް އެ ޑިންގީ ދިޔައީ ހުޅުމާލެއާ ވީކޮޅަށް." އޭނާ ބުންޏެވެ.
ނާފިޒު ބުނީ ލޯންޗަށް ލިބިފައި ހުރި ގެއްލުން ބަލަންވެގެން ކުރީކޮޅާ ދިމާލަށް ކައްޕި ބޯ ދިއްކޮށްލި ތަނުން މޫދު ތެރެއިން މީހަކު ރޯއަޑު އިވުނު ކަމަށާއި އޭރު އެމީހާގެ އަތް ފެނޭ ކަމަށެވެ. ނަމަވެސް އަތަށް ފުން ޒަހަމެއް ލިބިފައިވާ ކަމަށާއި އޭރު އެމީހާ އަޑިއަށް ދާ ކަމަށެވެ.
"ލޯންޗުގަ ތިބި މީހުންނަށް އެކަނި ނުނެގިގެން އެ ގަޑީގަ ކަން ދިމާކުރި ގޮތުން ކޯސްޓުގާޑުގެ އުޅަނދެއް އެ ސަރަހައްދުން ދަނިކޮށް ގޮވައި ގެނެސްފަ އަޅުގަނޑުމެން ބުނީ މޫދުގަ އެބައޮތޭ މީހެއް. ލޯންޗު އެކްސިޑެންޓެއް ވެގެންނޭ. ބުނީމަ އޭގެ ތެރެއިން މީހަކު މޫދަށް ފުންމާލައިގެން އެމީހާ ނެގީ. ނެގި ގޮތަށް އެމީހުން ދިޔައީ. އެމީހާއަށް އަވަހަށް ފަރުވާދޭން ދިޔައީ." އޭނާ ބުންޏެވެ.
ނާފިޒު ބުނީ އޭގެ ފަހުން އެމްއެންޑީއެފްގެ ހަބަރެއް ނުވާ ކަމަށާއި މެރިން ފުލުހުން އައިސް ލޯންޗު ފަޅުގައި އެޅުމަށް އެންގި ކަމަށެވެ. އެހެން ނަމަވެސް އިތުރަށް އެއްވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށާއި ވާންވީގޮތްވެސް ބުނެފައި ނުވާ ކަމަށެވެ.
"މޫދުގަ އަނިޔާވެފަ އޮތީ ކާކު ކަމެއް، ކޮންއެއްޗަކުން ވެއްޓުނު މީހެއްތޯވެސް އަހާނުލާ. ޑިންގީ ވީތަނެއްވެސް ބަލައިނުލާ. ދެން އަޅުގަނޑުމެންގެ އިތުރު ދެ ލޯންޗު މާލެއިން ގެނެސްގެން މުޅި ފަޅުތެރެ ބަލަމުން ދަނިކޮށް ޑިންގީ ފެނުނީ. އޭރު އޭގެ ތެރޭގަ ލޭވެސް ހުރި." އޭނާ ބުންޏެވެ.
އެމްއެންޑީއެފުން ރޭ ބުނީ މި އެކްސިޑެންޓް ހިނގާފައިވަނިކޮށް ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ "ހާބާ ކްރާފްޓް 113" މިރޭ 18:50 ހާއިރު ހުޅުމާލެ ނެރުން ވަންނަން އައުމުގެ ތެރޭގައި ކަމަށެވެ. ލޯންޗަކާއި ޑިންގީއެއް ހުޅުމާލެ ނެރުމަތީ މަޑުކޮށްގެން އޮތް ތަން ފެނި ސުވާލުކުރުމުން، ޑިންގީއާއި ލޯންޗު ޖެހި، ޑިންގީގަ ހުރި މީހަކު މޫދަށް ވެއްޓި އެ މީހާގެ ގައިމަތިން ލޯންޗު ދިޔަކަމުގެ މައުލޫމާތު ދިން ކަމަށް ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، މޫދަށް ވެއްޓުނު މީހާ ނުނެގިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑު އުޅަނދުގައި ހުރި ޑައިވަރެއް ވަގުތުން ފުންމާލައި، މޫދަށް ވެއްޓުނު މީހާ ސަލާމަތްކޮށް ސިފައިންގެ އެހީގައި އޭނާ އެމްއެންޑީއެފްގެ އުޅަނދަށް ނެގި ކަމަށެވެ. އެމްއެންޑީއެފް ކަލާސީނުކޮށްޓަށް ގެންގޮސް ފަހުން، އެމްއެންޑީއެފްގެ ވެހިކަލެއްގައި އޭނާ ރޭ 19:00 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށްވެސް ބުންޏެވެ.
އެމްއެންޑީއެފުން މިހެން ބުނި ނަމަވެސް ނާފިޒު ވަނީ އެކަން ދޮގުކޮށްފައެވެ. ކޯސްޓްގާޑު އެތަނަށް ދިޔައިރު ޑިންގީއެއް އެތާނގައި ނެތް ކަމަށާއި ލޯންޗު އެމީހާ ގައިމަތިން ދިޔަ ކަމަށް އެއްވެސް މީހަކު މައުލޫމާތު ދީފައި ނުވާނެ ކަމަށް އޭނާ ބުންޏެވެ.
ނާފިޒު ބުނީ ކޮންމެ އިދާރާއަކުން މައުލޫމާތު ދިން ނަމަވެސް ކަމުގެ ހަގީގަތް އޮޅޭ ގޮތަށް މައުލޫމާތު ދިނުން ރަނގަޅު ނޫން ކަމަށާއި އެވަރުގެ ލޯންޗެއް އެމީހާ ގައިމަތިން ދިޔަ ނަމަ އެ މީހާއަށް ލިބޭނީ އެހާ ކުޑަ ޒަހަމެއް ނޫން ކަމަށެވެ.
ޑިންގީއާ ގުޅޭ މައުލޫމާތު ހޯދާލުމަށް "ވަން" އިން މަސައްކަތްކުރި ނަމަވެސް ފޯނު ނިއްވާލާފައި އޮތުމުގެ ސަބަބުން އޭގެން މީހަކާ ގުޅޭގޮތެއް ނުވިއެވެ.
ފުލުހުން ބުނީ މި ހާދިސާގައި އަންހެނެއްގެ އިތުރުން ތިން ފިރިހެނުނަށް އަނިޔާވެފައިވާ ކަމަށެވެ. އެމީހުންނަށް ހުޅުމާލޭ ހޮސްޕިޓަލުންނާއި ޓްރީޓޮޕުގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް އެމީހުންނަށް ލިބިފައި ހުރި އަނިޔާގެ ތަފުސީލެއް އަދި ހާލަތެއް ނޭނގެއެވެ.
މިކަމާ ގުޅިގެން "ވަން" އިން ތަކުރާރުކޮށް ހުޅުމާލޭ ހޮސްޕިޓަލަށް ގުޅުމުންވެސް ފޯނަށް ޖަވާބުދީފައިނުވާތީ މެސެޖުކުރުމުންވެސް މިހާތަނަށް އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.
ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު