ރިޕޯޓް

އެއިރު ކުޑަކުދީން ލީ ވަޅަށް، އޮރިޔާންކޮށް ގޯނިއަންދުވައި ނެރުނީ ގެއިން ބޭރަށް، މިހާރު ގިނައީ ނުފެންނަ އަނިޔާ!

މަރިޔަމް ޝަފާ އިބްރާހިމް

ރޭގަނޑުގެ ޑިއުޓީ ނިމެނީ ވަރަށް ލަސްވާފަހުން ކަމަށްވާތީ ގެއަށް ދާއިރު މަގުތައް އޮންނަނީ ވަރަށް ހިމޭންކޮށެވެ. މިއީ މީގެ ފަނަރަ ވަރަކަށް އަހަރު ކުރީގެ ވާހަކައެކެވެ. ގެއާ ދިމާއަށް ދެވޭ އައްޑޫ ހިތަދޫ ލިންކުރޯޑު ނިމެނިކޮށް އެއްލިކަޅިއަކުން އެތެރެއަށް ހުންނަ ގޯތިތަކުން ގޯއްޗެއްގެ ބޭރުގައި ހުރި ބޮކިދަނޑިއެއްގެ ބުޑުގައި އެއްޗެއް އިންހެން ހީވެއްޖެއެވެ. ސައިކަލް އަނބުރާލާފައި ދިޔައީ ހީވިހީވުމެއްތޯ ބަލައިލުމަށެވެ.

ލިންކުރޯޑާއި މީހުން ދިރިއުޅޭ ގޭގެ ހުންނަ ހިސާބާއި ދެމެދުގައި ދިހަވަރަކަށް ފޫޓު ދުރުމިން ހުރިއިރު އެތަން ފުދޭވަރަކަށް އަނދިރިވެފައި އޮތީ ބޮކިދަނޑީގައި ހުރި ބޮކި އަނދަންފަށާފައިވާތީއެވެ. އެތަނުގައި އެއްޗެއް އެބައިނެވެ. މެންދަމުން އަލިވެ ދޭއް ޖަހަނީކަމުން ބިރުވެސްގަތެވެ.

އެކަމަކުވެސް ހިތްވަރެއްކޮށްލާފައި ސައިކަލު މަޑުކޮށް ފޭބީމެވެ. އެހިސާބާ ފިޔަވަޅު ގާތްވީވަރަކަށް ހިތުގެ ތެޅުންވެސް ބާރުވީ އެއީ ބޮޑުމީހެއް ނޫންކަމަށް ހީވާތީއެވެ. އަސްތާއެވެ. އެއީ ފަސްވަރަކަށް އަހަރުގެކުއްޖެކެވެ. އަނެއްކާ މީހުން އެކިޔާ ކުޑަސޮރުބާވައެވެ. ގަތްބިރުން ކުރުސި ކިޔަމުން ބަލައިލީ އަދި ކުރިއަށް ޖެހިލައިފައެވެ. މާތްކަލާކޯއެވެ. އެކުއްޖާ އިނީ އަތާ ފައި ދަގަނޑަށް ބަނދެފައެވެ. ރޮއިރޮއި ދެލޯރަތްވެ ވަރުބަލިވެ ނިދި ބުރާންތިވެފައި އިންއިރުވެސް ލޯބޮޑުކޮށްފައި ބަލަނީއެވެ.

ކުއްޖާ ގޮވައިގެން ގެއަށް ދިޔައީ އެއީ ކޮންމެވެސް ވަރަކަށް އާއިލީ ބައެއްގެ ކުއްޖަކަށްވާތީއާއި އެފަދަ އަނިޔާއެއް ދިނުމަކީ ކިހާ ވަރެއްގެ ކަމެއްކަން އެނގޭތީއެވެ.

އެކުއްޖާ ތަކުރާރުކޮށް ނުމޮހުމަށާއި އެއީ އާކަމެއް ނޫންކަމަށާއި މަންމަ އިތުރަށް ތަޅާނޭ ކިޔަސް އެއީ ހައަހަރުގެ ކުޑަކުއްޖެކެވެ. އެނގޭނީ ކޮންއެއްޗެއް ހެއްޔެވެ.

އަނެއްދުވަހު އަވަށުން ބޮޑުބަޑި ޖެހިހެން އެކުއްޖާގެ މަންމަ އަހަރެންގެ މައިންބަފައިންނާ އާއިލާއަށް ލައުނަތްދީ އަޑުލައި މީހުން އެއްކުރީ ކުއްޖާ ގޮވައިގެން އެގެއަށް ނުގޮސް އެމީހާއަށް ގުޅާފައި ގެއަށް ގެނެސް އެވާހަކަ ދެއްކުމުންނެވެ. ކުރާނެކަމެއް ނެތެވެ. އެމީހެއްގެ ދަރިއެއް ގެންދާނީ އެމީހަކުތާއެވެ. އޭގެ މާކުރިން އަހަރެމެން ކުޑައިރު، މީހުން އެމީހުންގެ ދަރީން އަނދަގޮނޑި ޖެހުމާއި ވަޅަށްލައި ބިރު ގެންނެވުމާއި ގެއިން ބޭރަށް ލައި އޮރިޔާންކޮށް ގޯނިއަނދުވައިފައި ބެހެއްޓުމާއި އިލޮށިފަތި ހުސްވަންދެން ތެޅުން ފަދަ ކަންތައް ލޯމައްޗަށް ސިފަވެ ރޮވުނެވެ.

އެއީ އެޒަމާނެވެ. މިއީ 2022 އެވެ. މިހާރު ފެންނަ ފަށުގައި، އަނިޔާކުރާން ކެރޭ މީހުން ވަރަށްވެސް މަދެވެ. ސޯޝަލް މީޑިއާއަށާއި ގާނޫނަށް ބިރުންނެވެ. ޖެންޑާއާއި ކޯޓުތަކަށް ބިރުންނެވެ. ހޭލުންތެރިކަންވެސް އައުމުންނެވެ. އެކަމަކު ދުލުގައި ތަޅެއް ނުލެވޭނެތާއެވެ. ނުފެންނަ އަނިޔާ ކުރުމެއް ނުހުއްޓެއެވެ.

"މަށަކީ އެކަނި އުޅޭ ބަލިމީހެއްކަން ނޭނގޭތަ؟ ބޭނުންހާ އެއްޗެއް ހޯދަން ފައިސާއެއް ނެތް. ކަލޭމެންގެ ބައްޕަ ލާރިއެއް ނުދޭ. މައެކަނި ކަލޭމެން ބަލާނީ ކިހިނެއް؟ ދޭއެއްޗެއް ކައިގެން ބުނާގޮތަށް ހަދައިގެން އުޅުނީމަ ވީނު. މާކަންތައް ބޮޑުވަންޏާ ފޮނުވާލާނީ." ތުއްތު ތުއްތު ދެއަހަރު ތިންއަހަރުގެ ކުދިންނަށް އެނގޭނީ ކޯޗެއް ހެއްޔެވެ. އެކަމަކުވެސް ހަމަ އަޑުލަނީއެވެ.

"ބަލަ ކަލޭމެންގެ މަންމައާއި ބައްޕަ ކަލޭމެން މަގޭ ބޮލަށް ޖަހާފަ ސަރުކާރުކޮއްތު ކައިގެން ސަރުކާރު ހިޔަލުގަ އެތިބީނު ފަސޭހައަކަށް! މަށަށް ކަލޭމެންނަށް ސަރުކާރުންދޭ ލާރި ނުކަމޭ. ހަމަކަލޭމެނަށް ހަރަދު ކުރަނީ. ކަލޭމެން ހީކުރީ ހާހެއްހާ ރުފިޔާއިން ކަލޭމެން ދެބެއިންގެ ހަރަދު ދެކޮޅު ޖެއްސޭނެކަމަށްތަ؟ ހިޔާއަށް ފޮނުވާލާނަމޭވެސް ހިތަށް އަރާ، އޭރުން އެތަނުން ބަލާނެއެއްނު. މިއޮތީވާ ކަމެއް ޖެހިފަ." އާއިލާގެ ތިމާގެ މީހެއްގެ ދަރިފުޅުމެނާއި ހަވާލުވީ ސަރުކާރުންދޭ ލާރިކޮޅުގެ ދަހިވެތިކަމުގައެވެ. އެކުދިން ތިބެނީ ނުކައި ސަލާންޖަހާ ހާލުގައެވެ. އެއްޗަކަށް އެދިއްޖެނަމަ މުޅި ދުވަހު އެއްއަޑެއް އަހަންޖެހެއެވެ. އެކުދިންނަށް ނުވިސްނޭނީ އެދައްކާ ވާހަކައިގެ މާނައެވެ. އެކަމަކު ތިމަންނާމެނަކީ ބުރައެއްކަން ވިސްނޭކަށް މާގިނައިރެއް ނުނަގާނެއެވެ. އޭރުން ކަންތައް ވާގޮތް ވަރަށް ގޯސްވެފައި ހިތާމަވެރިވާނެއެވެ.

މިފަދަ ކިތަންމެ މަންޒަރެއް ފެނެއެވެ. އެކަމަކު ހިތާމައަކީ އެއީ ތިމާގެ ފުރާނައޭ ބުނެ އަޑުއުފުލާކަމެވެ. އެކަނިމާއެކަނި ބަލައިބޮޑުކުރަމޭ ބުނެ އެހެންމީހުންގެ ލޯބިވެސް ހޯދާކަމެވެ. އެކަނިވެރިބަފައެކޭ އެކަނިވެރި މައެކޭ ބުނެ ހަމްދަރުދީ ލިބޭއިރު ބައެއް މީހުންގެ ދަރިންނަށް އެމީހުން އިހާނެތި ވާވަރު އިހުސާސްވެސް ނުކުރެވޭނެއެވެ. ކުއްޖާ މާދަމާ ބޮޑުވެގެން ކޮންމެވެސް ކަހަލަ އަނިޔާވެރިޔަކަށް ނުވަތަ ނަފުސާނީ ބަލިމީހަކަށް ވުމުން، ނުވަތަ ކޮންމެވެސް ގޯސް އަމަލެއް ކުރަން ފެށުމުން މޭގައި އަތްއަޅައި ރޮއިގެންފައި އަހަރެން ކޮންކަމެއް ކޮށްނުދީގެންހޭ ބުނުމުން އަޑުއަހާ މީހުންނަކަށް ވެގެން އުޅޭ ގޮތް ނޭނގިދާނެއެވެ. އެކަމަކު އެހެން އެވީ އެއްވެސް އިހުމާލެއް ނެތިބާވައެވެ. އެންމެންގެ ވާހަކައެއްނޫނެވެ. އެކަމަކު މިއީ މުޖުތަމައުން ނުފެންނަ މަންޒަރެކޭ ނީވޭ އަޑެކޭ ބުނެވޭކަށް ނެތެވެ!

ޒަމާން ބަދަލުވެއްޖެއެވެ. ކުޑަކުދިންނަށް ކުރާ އަނިޔާގެ ވައްތަރު ބަދަލުވެއްޖެއެވެ. އެކަމަކު އަނިޔާ ވާނީ ހަމަ އަނިޔާއަށް ނޫންބާވައެވެ! ގަދަފަދަ ތޫނު ހަތިޔާރަކުން ބޭރުފުށަށް ލިބޭ އަނިޔާއަށްވުރެ، ވިހަގަދަ، އަނިޔާވެރި ބަސްތަތަކުން ކުއްޖާގެ ހިތާއި ނަފުސަށް ލިބޭ ގެއްލުން އެންމެ ތަންފުކެއްވެސް ކުޑަހެއްޔެވެ؟