ޚަބަރު

އެކްސިޑެންޓުގައި ޑިންގީން އެކަކު މޫދަށް ވެއްޓުނު، ލޯންޗު ދިޔައީ އޭނާގެ ގައިމަތިން!

ރިފާ ހަލީލު

ހުޅުމާލެ ނެރުމަތިން މިރޭ ލޯންޗަކާއި ޑިންގީއެއް ޖެހި ހިނގި އެކްސިޑެންޓުގައި ޑިންގީގައި ތިބި މީހުންގެ ތެރެއިން އެކަކު މޫދަށް ވެއްޓުނު ކަމަށާއި ލޯންޗު ދިޔައީ އޭނާގެ ގައިމަތިން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން މިރޭ ބުނީ މި އެކްސިޑެންޓް ހިނގާފައިވަނިކޮށް ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ "ހާބާ ކްރާފްޓް 113" މިރޭ 18:50 ހާއިރު ހުޅުމާލެ ނެރުން ވަންނަން އައުމުގެ ތެރޭގައި ކަމަށެވެ. އަދި ލޯންޗަކާއި ޑިންގީއެއް ހުޅުމާލެ ނެރުމަތީ މަޑުކޮށްގެން އޮތް ތަން ފެނި ސުވާލުކުރުމުން، ޑިންގީއާއި ލޯންޗު ޖެހި، ޑިންގީގައި ހުރި މީހަކު މޫދަށް ވެއްޓި އެ މީހާގެ ގައިމަތިން ލޯންޗު ދިޔަކަމުގެ މައުލޫމާތު ދިން ކަމަށް ބުންޏެވެ.

އެމްއެންޑީއެފުން ބުނީ، މޫދަށް ވެއްޓުނު މީހާ ނުނެގިގެން އުޅޭ ކަމުގެ މައުލޫމާތު ލިބުމާއެކު ކޯސްޓްގާޑު އުޅަނދުގައި ހުރި ޑައިވަރެއް ވަގުތުން ފުންމާލަައި، މޫދަށް ވެއްޓުނު މީހާ ސަލާމަތްކޮށް ސިފައިންގެ އެހީގައި އޭނާ އެމްއެންޑީއެފްގެ އުޅަނދަށް ނެގި ކަމަށެވެ.

އަދި އެމްއެންޑީއެފް ކަލާސީނުކޮއްޓަށް ގެންގޮސް ފަހުން، އެމްއެންޑީއެފްގެ ވެހިކަލެއްގައި އޭނާ މިރޭ 19:00 ހާއިރު ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށްވެސް ބުންޏެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓުގައި ހަތަރު މީހަކަށް އަނިޔާވެގެން ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާގެ ތަފުސީލެއް ހުޅުމާލެ ހޮސްޕިޓަލަކުން އަދި ނުލިބެއެވެ.