ކްރިސްޓިއާނޯ ރޮނާލްޑޯ

ރޮނާލްޑޯ އެވަޓަން ސަޕޯޓަރެއްގެ ފޯނު ހަލާކުކޮށްލި މައްސަލަ ބަލަނީ

އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ އޭޕްރީލް މަހު އެވަޓަން އަތުން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ، އެވަޓަންގެ ސަޕޯޓަރަކު ފޯނު ހަލާކު ކޮށްލި މައްސަލަ އިނގިރޭސި އެފްއޭއިން ބަލަން ފަށައިފިއެވެ.

ޔުނައިޓެޑުން އެ މެޗުގައި އެވަޓަން އަތުން ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗަށްފަހު ޑްރެސިން ރޫމް ތެރެއަށް ވަންނަން ދިޔަ މަގުމަތީގައި ޔުނައިޓެޑްގެ ތަރި ރޮނާލްޑޯ ވަނީ އެވަޓަން ސަޕޯޓަރެއްގެ ފޯނު ބިންމައްޗަށް ހޫރާ ޖަހައި، ހަލާކުކޮށްލައިފައެވެ.

ރޮނާލްޑޯ ރުޅިގަދަވެ ފޯނު ބިމަށް ޖަހާ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް އެރޭގެ މެޗަށްފަހު އާންމުވުމާ އެކު، އެކަމަށް ޖަވާބުދާރީވުމުގެ ގޮތުން ރޮނާލްޑޯ ވަނީ މައާފަށް އެދިފައެވެ. ރޮނާލްޑޯ މައާފަށް އެދިފައިވަނީ އެވަޓަންގެ ސަޕޯޓަރުން ރޮނާލްޑޯގެ މައްސަލަ ފުލުހާ ހަމައަށްވެސް ގެންގޮސްފައި ވަނިކޮށެވެ.

ރޮނާލްޑޯ ފޯނު ހޫރާލި މައްސަލަ އެވަޓަންގެ ފުލުހުން ބެލި ބެލުމުގައިވެސް ރޮނާލްޑޯއާ ސުވާލު ކޮށްފައިވެއެވެ. އެފަހަރު ކޮންމެވެސް ވަރެއްގެ އިންޒާރެއް ނުވަތަ ނަސޭހަތެއް ފުލުހުންގެ ފަރާތުން ރޮނާލްޑޯއަށް ދިން ކަމަށްވެސް ނޫސްތަކުގައި ބުނެފައިވެއެވެ.

އިނގިރޭސި އެފްއޭ އިން އުމުރުން 37 އަހަރުގެ ޕޯޗުގަލް ފޯވަޑް ރޮނާލްޑޯގެ މައްސަލަ ބަލާކަމަށް ބުނެ، ބަޔާން ނެރުމާއެކު ޔުނައިޓެޑުން ބުނެފައި ވަނީ އެ މައްސަލައިގައި ރޮނާލްޑޯއަށް ޖަވާބުދާރީވުމަށް ކްލަބުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

ބެލެވޭ ގޮތުގައި އެ މައްސަލައިގެ ސަބަބުން ރޮނާލްޑޯއަށް އަންނާނީ ކޮންމެވެސް ވަރެއްގެ ސަސްޕެންޝަނެކެވެ. މީގެ ކުރިން ޓޮޓެންހަމްގެ އެރިކް ޑަޔާ ސަޕޯޓަރުންތަކަކާ ކުރިމަތިލި މައްސަލައެއް ބަލައި، އެފްއޭއިން ވަނީ އޭނާ ހަތަރު މެޗަށް ސަސްޕެންޑް ކޮށްފައެވެ.