ރާއްޖެއަށް މިހާރު ދެކެމުންދަނީ ބިރުވެރި ދުވަސްތަކެއް ކަމަށާއި އެ ދުވަސްތަކުން އަރައިގަނެވޭނީ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިގެން ކަމަށް އެޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި އެމްއެންޕީގެ ގައުމީ ޖަލްސާ "ދަ ނެޝަނަލްސް ކޮންވެންޝަން 2022" ފެށުމުގެ ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ، ރާއްޖެ އިޖުތިމާއީ ހާލަތު މިހާރު ވަރަށް ގޯސް ކަމަށާއި ރާއްޖެ ދެކެމުންދަނީ ބިރުވެރި ދުވަސްތަކެއް ކަމަށެވެ. ކުރިއަށް އޮތް ތަނުގައި އެ ބިރުވެރިކަން އިތުރުވެގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އެގޮތަށް ވިދާޅުވީ، ގޭންގުތަކުން ފުލުހުންނަށް ހަމަލާދީ، ފުލުހުންނަށް މަރުގެ އިންޒާރުތައް ދެމުންދާ މައްސަލަތަކާ ގުޅިގެންނެވެ.
"ވަރަށް ބިރުވެރި ދުވަސްތަކެއް މި ފެންނަނީ، ދިވެހި ފުލުހުންނަށް ގޭންގްތަކުން ހަމަލާދެމުން އެބަދޭ. އެ މީހުންގެ މައްސަލަ ތަހުގީގު ކުރަން ފެށުމުން އެ ކަން ކުރާ ޕޮލިސް ސްޓޭޝަނެއް ވަދެ އިންޒާރު ދޭން ފަށައިފި،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ފާއިތުވި ހުރިހާ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާ ހަރަދުކުރި އިރު، ސީދާ ރައްޔިތުންނަށް ފައިދާވި އެއްވެސް ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެމްއެންޕީގެ ފިކުރު ދިމާވާ އެއްވެސް ޕާޓީއެއް ރާއްޖޭގެ ސިޔާސީ މައިދާނުގައި ނެތް ކަމަށާއި އެމްއެންޕީ ފިޔަވައި އެހެން ސިޔާސީ ޕާޓީތަކުގެ ސަގާފަތް ބަދަލުކުރަން ޖެހޭ ކަމަށެވެ.
"އެހެންވެ ޖެހުނީ އެމްއެންޕީ އުފައްދަން. ސީދާ ރައްޔިތުންނަށް މަންފާހުރި ކަންކަން ކުރާނީ އެމްއެންޕީން. ފަސް މީހުން ވެގެން އުފެއްދި މިޕާޓީ އެހެން ހުރިހާ ސިޔާސީ ޕާޓީތަކަށްވުރެ ކާމިޔާބު. މެމްބަރުންގެ އަދަދު މިހާ އަވަހަށް އިތުރު ކުރެވުނު ސިޔާސީ ޕާޓީއެއް ނެތް،" ނާޒިމު ވިދާޅުވިއެވެ.
ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕު ބަދަލުވާނުވާކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެމްއެންޕީގެ ރައީސްގެ މަގާމަކީ ދެ އަހަރު ދުވަހުގެ މަގާމެއް ކަމަށެވެ. ރާއްޖޭގައި ސިޔާސީ ޕާޓީތައް ހިންގަނީ ބައެއްގެ އަމިއްލަ މަސްލަހަތު ހިމާޔަތްކުރުމަށް ކަމަށް ނާޒިމް ވިދާޅުވިއެވެ.
"ޕާޓީތައް ހިންގަނީ ވަކި ބަޔެއްގެ މަސްލަހަތު ހިމާޔަތް ކުރަން، މި ޕާޓީއަކީ އެ ސަގާފަތް ބަދަލުކުރާނެ ޕާޓީއެއް. މި ޕާޓީގައި ޕާޓީގެ ރައީސްކަން ކުރެވެނީ ދެ ދައުރަށް. މުޅި އުމުރު ޕާޓީގެ ލީޑާޝިޕްގައި އެއް ބޭފުޅަކަށް ހުންނަން އަޅުގަނޑުމެން ފުރުސަތު ނުދޭނަން،" ނާޒިމް ވިދާޅުވިއެވެ.
މީގެ އިތުރުން ނާޒީމް ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބޯހިޔާވަހިކަމުގެ ސިޔާސަތަށް ފާޑު ވިދާޅުވެފައެވެ.
ނާޒިމް ވިދާޅުވީ އެ ދެ ރައީސުން މަސައްކަތް ކުރައްވަނީ މާލޭ ސަރަހައްދަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ޖަމާކުރަން ކަމަށެވެ. އަދި ވިދާޅުވީ އެ ދެ ރައީސުންގެ ވެރިކަމުގައިވެސް ހާރިޖީ ސިޔާސަތު ބައްޓަންކޮށްފައިވަނީ އެ ބޭފުޅަކު އެންމެ ގަޔާވާ ގައުމަކަށް ބަރޯސާވެގެން ކަމަށެވެ.