މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފުރަތަމަ ގައުމީ ޖަލްސާ ފަށައިފިއެވެ.
އެމްއެންޕީގެ ގައުމީ ޖަލްސާ ""ދަ ނެޝަނަލްސް ކޮންވެންޝަން 2022" ފައްޓަވައިދެއްވީ ތާޖުއްދީން ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި އެޕާޓީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމުއެވެ
ގައުމީ ޖަލްސާ ފައްޓަވައިދެއްވަމުން ނާޒިމް ވިދާޅުވީ، ފާއިތުވި ހުރިހާ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާ ހަރަދުކުރި އިރު، ސީދާ ގޮތުން ރައްޔިތުންނަށް ފައިދާވި އެއްވެސް ކަމެއް ކޮށްދީފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ އެމްއެންޕީގެ ފިކުރު ދިމާވާ އެއްވެސް ޕާޓީއެއް ރާއްޖޭގެ ސިޔާސީ މައިދާނުގައި ނެތް ކަމަށެވެ.
"އެހެންވެ ޖެހުނީ އެމްއެންޕީ އުފައްދަން. ސީދާ ރައްޔިތުންނަށް މަންފާހުރި ކަންކަން ކުރާނީ އެމްއެންޕީން. ފަސް މީހުން ވެގެން އުފެއްދި މިޕާޓީ އެހެން ހުރިހާ ސިޔާސީ ޕާޓީތަކަށްވުރެ ކާމިޔާބު. މެމްބަރުންގެ އަދަދު މިހާ އަވަހަށް އިތުރު ކުރެވުނު ސިޔާސީ ޕާޓީއެއް ނެތް" ނާޒިމު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އެމްއެންޕީގެ މަގުސަދަކީ އިސްލާމްދީން ކުރިއަރުވައި ރާއްޖޭގެ މިނިވަންކަން ދަމަހައްޓައި ދިވެހި ރައްޔިތުންނަށް ކުރިއެރުން ހޯދައިދެއްވުން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ މިނިވަންކަން ދަމަހައްޓަން އެހެން ގައުމުތަކާ ގުޅިގެން މަސައްކަތް ކުރައްވަން ޖެހޭ ކަމަށެވެ.
"އޭގެ މާނައެއް ނޫން މިގައުމުގައި ސިފައިން ބައިތިއްބާނީއޭ. މި ފަސްގަނޑުގައި އެއްވެސް ގައުމެއްގެ ސިފައިން ތިބުމާ އެމްއެންޕީ ދެކޮޅު، އަޅުގަނޑުމެން ދިވެހިރާއްޖެއާ އަސްކަރީ ގޮތުން އެހެން ގައުމުތަކާ ގުޅުން ބަދަހިކުރަނީ ޑިޕްލޮމެސީން" ނާޒިމް ވިދާޅުވިއެވެ.
އެމްއެންޕީގެ ގައުމީ ޖަލްސާ މިރޭ ރަސްމީކޮށް އިފްތިތާހު ކުރި ނަމަވެސް މައިގަނޑު މަސައްކަތްތައް ކުރިއަށްދާނީ މާދަމާ ހެނދުނާއި މެންދުރުފަހު އަދި ހަވީރެވެ. މާދަމާ އޮންނަ ދަންފަޅިތަކުގައި އެމްއެންޕީގެ އަސާސީ ގަވާއިދަށް އިސްލާހު ހުށައެޅުމާއެކު އެމްއެންޕީގެ އަސާސީ ގަވާއިދު އިސްލާހު ކުރުމުގެ މަސައްކަތް ކުރާނެއެވެ. އަދި ބައެއް މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުންވެސް ކުރިއަށްދާނެއެވެ.
ގައުމީ ޖަލްސާ ރަސްމީކޮށް ނިންމައިލުމުގެ ޖަލްސާ އޮންނާނީ މާދަމާ ރެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު