ސަރުކާރުގެ މަތީ މަގާމުތަކުގެ ތެރެއިން ދެން ހަވާލުވާން އޮތް މަގާމަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމުކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީ "ފަލަސުރުހީ" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ މިހާތަނަށް ސަރުކާރުގެ އެންމެ މުހިންމު މަގާމުތައް އަދާކުރެވިއްޖެ ކަމަށެވެ. އެގޮތުން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުން ފެށިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައިވެސް ދައުލަތުގެ ގިނަ ތަންތަނުގައި މަސައްކަތްކުރުމުގެ ފުރުސަތު ލިބި ސަރުކާރުގެ ކަންތައްތައް ހިނގާގޮތުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.
"އިތުރު މަގާމެއް ދެން ނެތް އަޅުގަނޑު އަދާކުރާނެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު ރާއްޖޭގައި ދެން އަދާކުރާނެ މަގާމަކަށް އޮންނާނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމު. އެއީ ރައްޔިތުންގެ އަތްމަތީ އޮތްކަމެއް. ރައްޔިތުން އެ ފުރުސަތު ދެއްވައިފިއްޔާ އަޅުގަނޑު ގަބޫލުކުރަނީ މިއަށްވުރެ ރަނގަޅަށް ރައްޔިތުންނަށް ހިދުމަތްކުރެވޭ މީހެއް ގޮތުގައި އަޅުގަނޑަށް ހުރެވިދާނޭ،" ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ޝައުގުވެރިކަން އެބަހުރި ކަމަށާއި ރިޔާސީ އިންތިހާބުގައި އެ ޕާޓީން ވާދަކުރާ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައިވެސް ވާދަކުރައްވާނެ ކަމަށެވެ.
އަދި މިހާރުގެ ސަރުކާރުން ކަންތައް ކުރަނީ ރައްޔިތުން އެންމެ ހިތްއެދޭ ގޮތަށް ކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި ވެރިކަން ކުރުމުގެ ފުރުސަތު ލިބިވަޑައިގެންފި ނަމަ މިހާރަށް ވުރެ ރަނގަޅަށް ސަރުކާރުގެ ކަންތައް ބައްޓަން ކުރައްވާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ކޯލިޝަން ހެދުމަކީ އޭނާ ތާއީދުކުރައްވާ އަދި ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އަދި އެމްއެންޕީން ރިޔާސީ އިންތިހާބަށް ކޯލިޝަން ނުހަދާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކޯލިޝަން ހަދަން ބޭނުންނުވާ އެންމެ ބޮޑު އެއް ސަބަބެއްގެ ގޮތުގައި ނާޒިމް ފާހަގަކުރެއްވީ ވެރިއަކަށް ހުންނަ ފަރާތަށް ގައުމު ހިންގަން ދަތިފުޅުވުމެވެ. އެއީ މިނިސްޓަރުންނަށާއި ސަރުކާރުގެ އިސްމަގާމުތަކުގައި އެހެން ޕާޓީގެ ފަރާތްތައް ތިއްބެވުން ކަމަށާއި މިއަދުގެ ސަރުކާރުން ފެނިގެންދަނީ އެމަންޒަރު ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު