ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރާ އެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރޭގައި ހިމެނޭ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ އަބްދުއްރަހްމާން ރަފީއުއަށް ކުރި އެއް އަހަރާއި 28 ދުވަހުގެ ޖަލު ހުކުމް ބޮޑުވުމުން، އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ ޝަފީއު އަހުމަދު "ވަން" އަށް މިރޭ ވިދާޅުވީ، ކުރިމިނަލް ކޯޓުން އެ މައްސަލައިގައި އަދަބު ކަނޑައެޅި ގޮތް އިސްތިއުނާފު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލަ އިސްތިއުނާފީ މުއްދަތުގެ ތެރޭގައި ހައި ކޯޓަށް ހުށަހަޅާނެ ކަމަށް ޝަފީއު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ ދައުލަތުގެ ފަރާތުން އެދުނީ އެއް ދަރަޖަ ދަށްކޮށް ރަފީއުއަށް ހަތް މަހާއި ހަ ދުވަހުގެ ހުކުމެއް އިއްވައި ދިނުމަށް ކަމަށެވެ. އެއީ އޭނާ ކުށަށް އިއުތިރާފުވެ އާއްމުންގެ ކިބައިން މައާފަށް އެދިފައިވާތީއެވެ. އޭނާ ކުށަށް އިއުތިރާފުވެފައި ވަނީ، މީގެ ކުރިން ބޭއްވި އެ މައްސަލައިގެ އިބުތިދާއީ އަޑުއެހުމުގައި ކުރިމިނަލް ކޯޓުގައެވެ.
ނަމަވެސް ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ދެ ދަރަޖަ މަތިކޮށެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ހުކުމް ކުރީ ކުރިމިނަލް ކޯޓުގައި މިއަދު ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ އަޑުއެހުމެއްގައެވެ.
އޭނާގެ މައްޗަށް ދައުލަތުން އެއްޖިންސުން ޖިންސީ ގުޅުން ހިންގުމުގެ ކުށުގެ ދައުވާކުރީ ގާނޫނުލްއުގޫބާތުގެ 411 ވަނަ މާއްދާގެ (ހ)ގެ (2) ވަނަ ނަންބަރާ ހަވާލާދީ އެ މާއްދާގެ (ށ) ގެ (1) ވަނަ ނަންބަރުގެ ދަށުންނެވެ.
އޭނާ ތަންފީޒުކުރަންޖެހޭ ހުކުމެއްގެ ގޮތުގައި އެއް އަހަރާއި އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެއް ކުރީ މި މައްސަލައިގައި އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އެ ހުކުމުން އުނިކުރުމަށްފަހުގައެވެ.
އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރާއި ގާނޫނީ ވަކީލް ނާޒިމް ސައްތާރަށްވެސް ވަނީ ހުކުމްކޮށްފައެވެ. އަލަމްގީރް ހަތް މަހަށް ޖަލަށްލި އިރު، ނާޒިމަށް ހުކުމްކުރީ ތިން މަހާއި 26 ދުވަހު ގޭގައި ބަންދުކުރުމަށެވެ. އެއީ އޭނާ ކުށަށް އިއުތިރާފުވެ، މައާފަށް އެދިފައިވުމުންނެވެ. އެ މައްސަލައިގައި ދެން ދައުވާ އުފުލާފައިވަނީ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދަށެވެ. އޭނާގެ ޝަރީއަތްވެސް ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު