ޚަބަރު

ފަޒްލޫން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރީ ގޯސްކޮށް: ހައިކޯޓް

މުހައްމަދު އިޝާން

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރުމަށް ހުސްވި ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ރަސްމީ ދަނޑުގައި ކުރިއަށްގެންދިޔަ ހަރަކާތް ހުއްޓުވައި ހިންގި ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި ޝައިހް ފަޒްލޫން މުހައްމަދު ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރުކުރީ ގޯސްކޮށް ކަމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ކުރިމިނަލް ކޯޓުން ޖުލައި މަހުގެ 21 ވަނަ ދުވަހު ފަޒްލޫން ދޫކޮށްލަން އަމުރުކުރީ ޝަރުތުތަކަކާ އެކުގައެވެ. އެ ޝަރުތުތަކަކީ ރާއްޖެއިން ބޭރަށްދާނަމަ ކޯޓަށް އެންގުމާއި ފުލުހުންކުރާ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދިނުމެވެ. އަދި ފުލުހަށް ހާޒިރުވާން އެންގުމުން ފުލުހަށް ހާޒިރުވުމެވެ.

އެ ހުކުމް ގާނޫނީގޮތުން ސައްހަ ނޫންކަމަށް ދައުލަތުން ދެކޭތީ ވަނީ ޖުލައި މަހުގެ 25 ވަނަ ދުވަހު އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައެވެ. ދައުލަތުން ހައި ކޯޓްގައި އެ މައްސަލަ އިސްތިއުނާފު ކުރީ ފަޒްލޫން ބަންދުން ދޫކޮށްފައި ބަހައްޓައިފިނަމަ، ހެކިތަކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލުއޮތްކަން ފާހަގަކޮށެވެ. އަދި ފަޒްލޫން ބަންދުގައި ބަހައްޓަން އެކަށީގެންވާ ވަރަށް ހެކި ހުރި ކަމަށާއި އަދި އޭނާ ބަންދުކުރި ހާލަތު ބަދަލުނުވާ ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

އެ އިސްތިއުނާފީ މައްސަލަ ބެލުމަށްފަހު މިއަދު ހައި ކޯޓުން ކުރި ހުކުމުގައި ވަނީ، ފަޒުލޫން ދޫކޮށްލަން ޖުލައި މަހުގެ 21 ވަނަ ދުވަހު ކުރިމިނަލް ކޯޓުން ނެރުނު އަމުރާއި އޭގެ ކުރިން ޖުލައި ފަސްވަނަ ދުވަހު ފަޒްލޫން ބަންދުކުރަން ކުރި އަމުރާ އަޅައި ބަލާއިރު، ހެކީގެ ނިސްބަތަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

ހުކުމުގައި ވަނީ ޖަމާއަތް ހަދައިގެން ކުރާ ކުށެއްގެ ތުހުމަތު ކުރެވޭ މީހެއްގެ ބައިވެރިވުން ކުޑަކަމަށް ފާހަގަވާނަމަ ނުވަތަ އެފަރާތެއްގެ ބައިވެރިން އެ މައްސަލައެއްގައި ކުޑަކަމަށް ފާހަގަވާނަމަ އަދި އަނިޔާއެއް ނޫނީ ނުރައްކާތެރި ކަމެއް ކުޑަވާނަމަ ބަންދަށް ލުޔެއް ދިނުމުގެ އިހުތިޔާރު ފަނޑިޔާރަށް ލިބިގެންވާ ކަމަށެވެ. އެގޮތުގެމަތިން ލުއިދޭނަމަ އެކަމުގެ ސަބަބު ފަނޑިޔާރު ބަޔާންކުރައްވަންވާނެ ކަމަށާއި ނަމަވެސް ފަޒްލޫން ދޫކޮށްލަން ކުރިމިނަލް ކޯޓުން ކުރި އަމުރުގައި އެސަބަބު ސާފުކޮށްދީފައި ނުވާ ކަމަށެވެ.

އެހެންކަމުން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ދައުލަތުން ފަޒްލޫން ބަންދުކުރަން ކުރިމިނަލް ކޯޓަށް ހުށަހަޅައިފިނަމަ، ފަޒުލޫންގެ ބަންދާ މެދު ކުރިމިނަލް ކޯޓުން އަލުން ގޮތެއް ނިންމަން ޖެހޭނެ ކަމަށްވެސް ހައިކޯޓުގެ ހުކުމުގައި ބުންޏެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ ފަނޑިޔާތު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ހުޒެއިފާ މުހައްމަދެވެ.

ކުރިމިނަލް ކޯޓުން ފަޒްލޫން ބަންދުން ދޫކޮށްލީ ތިން ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރުކުރުމަށްފަހުއެވެ. އެ ތިން ފަހަރު ވެސް ބަންދުގެ މުއްދަތުގެ އިތުރުކުރި މައްސަލަ ފަޒްލޫން ވަނީ ހައި ކޯޓަށް ހުށަހަޅައިފައެވެ. ހައި ކޯޓުން ނިންމާފައިވަނީ އެ ތިން ފަހަރު ވެސް ފަޒްލޫންގެ ބަންދުގެ މުއްދަތު އިތުރުކުރަން ކުރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ކަމަށެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން އެކި ދުވަސްމަތިން ފުލުހުން 25 މީހުން ހައްޔަރުކުރިއެވެ. އޭގެ ތެރޭގައި ޝައިހް ފަޒްލޫންއާ އެކު ހަރަކާތުގައި އިސްކޮށް ހުންނެވި ޝައިހް އާދަމް ނިޝާންވެސް ހިމެނެއެވެ.