ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، އުތުރުގެ ހަތަރު ރަށަކަށް ވަޑައިގަތުމަށް ހަމަޖައްސަވައިފިއެވެ.
ރައީސް ސޯލިހުގެ މި ދަތުރުފުޅު އޮންނާނީ އަންނަ ހަފުތާގެ ހޯމައިން ބުދަ ދުވަހުގެ ނިޔަލަށެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ، ރައީސްގެ އުތުރު ދަތުރުފުޅުގައި ވަޑައިގަންނަވާނީ ހދ. ގެ ދެ ރަށަކާއި ހއ. ގެ ދެ ރަށަކަށެވެ. އެއީ ނާވައިދޫ އާއި ފިނޭގެ އިތުރުން އުތީމާއި ދިއްދުއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ މެންބަރުންނާއި ބައްދަލު ކުރައްވާނެ އެވެ. އަދި އުތީމުގައި އޮންނަ މި އަހަރުގެ ގައުމީ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.
މިއުވާން އިތުރަށް ވިދާޅުވީ، ރައީސްގެ މި ދަތުރުފުޅުގައި، ހއ. އާއި ހދ. އަދި ށ. އަތޮޅުގައި މިހާރު ފަށާފައިވާ އާރުޓީއެލް ފެރީގެ ހިދުމަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވައި، އެ ހިދުމަތް ތަޖުރިބާކުރައްވާނެ ކަމަށެވެ.