ވެމްކޯ އިން ކ. ތިލަފުށީގައި ކުނި ބަހައްޓާ ސަރަހައްދުގައި މިއަދު ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން މިއަދު ބުނީ ތިލަފުށީ ކުނިގޮނޑުގައި އަލިފާނުގެ ހާދިސާއެއް ހިގައިގެން ފަޔަ އެންޑް ރެސްކިއު ސާވިސް އާއި އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން އެތަނުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ. އެ ހާދިސާގެ ރިޕޯޓް ލިބުނީ މިއަދު މެންދުރު ފަހު ކަމަށާއި އެ އަލިފާންގަނޑު މިހާރު ވަނީ ކޮންޓްރޯލް ކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ވެމްކޯ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ އެ އަލިފާނުގެ ހާދިސާ ހިނގީ އެ ރަށުގައި ވަގުތީ ގޮތުން ކުނި ބަހައްޓަމުން އަންނަ ސަރަހައްދުގައި ކަމަށެވެ. އަދި އަލިފާންގަނޑު ނިއްވާލެވުނަސް އެ ސަރަހައްދުން އަދިވެސް ދުން އަރަމުންދާ ކަމަށާއި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަސް ވަންދެން ދުންއެރުން އެކަށީގެންވާ ކަމަށް ވެމްކޯއިން ބުންޏެވެ.

"ތިލަފުއްޓަށް ކުނި ގެންދާ އުޅަނދުތަކުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް ކުނި ގެންދިއުމަށާއި އެ ސަރަހައްދުގައި އަލިފާނުގެ ހާދިސާއެއް ހިނގާނެފަދަ އެއްވެސް އަމަލެއް ނުކުރުމަށް ތަކުރާރުކޮށް ހަނދުމަކޮށްދެން،" ވެމްކޯއިން ބުންޏެވެ.

ކުނިގޮނޑުން ދުން އެރުން ހުއްޓުވައި ކުނި މެނޭޖުކުރުމަށް އެންވަޔަރުމެންޓް މިނިސްޓްރީ އާއި އެކުންފުނި ގުޅިގެން ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަސައްކަތް ކުރަމުންދާ ކަމަށާއި ތިލަފުށި ވޭސްޓް މެނޭޖުމެންޓް ފެސިލިޓީއަކީ ރައްކާތެރިކަމާ އެކު ކުނި ނައްތާލެވޭ ތަނަކަށް ހެދުމަށް ކުރާ މަސައްކަތް ކުރިއަށްގެންދާނެ ކަމަށްވެސް ވެމްކޯއިން ބުންޏެވެ.

ވެމްކޯއިން އިތުރަށް ބުނީ، ތިލަފުށީގައި ކުނި މެނޭޖުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ދުވާލެއްގެ މައްޗަށް 500 ޓަނަށް ވުރެ ގިނަ ކުނި ޕްރޮސެސްކޮށް ބޭލް ކުރާ ކަމަށެވެ.

ނަމަވެސް ތިލަފުށްޓަށް އެކިއެކި ފަރާތްތަކުން ގެންނަ ކުނީގެ އަދަދު އިތުރުވެފައިވާތީ، ވަގުތީ ގޮތުން ކުނި ބަހައްޓަމުން އަންނަނީ ތިލަފުށީގެ ކުނިފުންޏާއި ކީވޯލްއާ ދެމެދުގައި ކަމަށްވެސް ވެމްކޯއިން ބުންޏެވެ.

ތިލަފުށީގައި ކުނި އެންދުން ސަރުކާރުން ހުއްޓާލީ މިދިޔަ އަހަރު އޮކްޓޯބަރުގައެވެ.