ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއް ހެދުމަށް ހަވާލުކުރި އެއްބަސްވުން އެޗްޑީސީން ބާތިލުކޮށް، އެތަން އަތުލުމަށް އެޗްޑީސީން ނިންމި ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށް ހައި ކޯޓުން މިއަދު އަމުރުކޮށްފިއެވެ.
މި މައްސަލައަކީ، ހުޅުމާލޭގައި ވޯޓާ ތީމް ޕާކެއްގެ އިތުރުން، ހަ ބުރީގެ ލެޝާ ހޮޓަލެއް އެޅުމަށްޓަކައި ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުންޏާ އެކު 2017 ވަނަ އަހަރު ހެދި އެއްބަސްވުން، މިދިޔަ މަހު އެޗްޑީސީން ބާތިލުކުރުމަށްފަހު، މާދަމާގެ ނިޔަލަށް ތަން ހުސްކޮށް، އެތަން އެޗްޑީސީއާ ހަވާލު ކުރުމަށް އެކުންފުނިން އެންގި މައްސަލައެކެވެ.
މި އެއްބަސްވުން ބާތިލު ކުރުމާ ގުޅިގެން ވޯޓާ ފްރަންޓް އެންޑް ލެޝާ ކުންފުނިން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިއެވެ. އަދި ހަމަ އެއާއެކު އެ އެއްބަސްވުން އުވާލައި އެތަން ނެގުމަށް އެޗްޑީސީގެ ފަރާތުން އެކުންފުންޏަށް ފޮނުވި ސިޓީއަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށްވެސް ސިވިލް ކޯޓުގައި އެދުނެވެ.
ނަމަވެސް ސިވިލް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އެ ނިންމުން ލެޝާ ކުންފުނިން ހައި ކޯޓުގައި އިސްތިއުނާފު ކުރިއެވެ. އަދި އެ ވަގުތީ އަމުރާމެދު ހައިކޯޓުން ގޮތެއް ކަނޑައަޅަންދެން، އެޗްޑީސީގެ އެ ނިންމުމަށް އަމަލު ނުކުރުމަށް އެދި ވަގުތީ އަމުރެއް ނެރެދިނުމަށްވެސް އެ ކުންފުނިން ހައިކޯޓުގައި އެދުނެވެ.
އެޗްޑީސީގެ ނިންމުމަށް އަމަލުކުރުން ފަސްކުރަން ހައިކޯޓުން މިއަދު ވަގުތި އަމުރު ނެރުނީ، ސިވިލް ކޯޓުން އަމުރު ނުނެރެދިން މައްސަލައިގައި ހައިކޯޓުން ގޮތެއް ކަނޑައަޅަންދެންނެވެ.
ހައިކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނެފައިވަނީ، އެ މައްސަލައަށް އެ ކޯޓުން ގޮތެއް ކަނޑައަޅަންދެން، އެ އެއްބަސްވުން ބާތިލުކޮށް ތަން ހަވާލު ކުރުމަށް އެޗްޑީސީން ފޮނުވި ސިޓީއަށް އަމަލު ކުރުން ފަސް ކުރުމަށް އެޗްޑިސީގެ މައްޗަށް އަމުރު ކުރާ ކަމަށެވެ.
ޚަބަރު
ޚަބަރު