ގްރީން ޓެކްސް ނެގުމަށް މީގެ ކުރިން ގާނޫނަށް ގެނައި އިސްލާހުގައި ހިމެނޭ އޮޅުންތައް ރަނގަޅުކޮށް، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ޓޫރިޒަމް ގާނޫނަށް 12 ވަނަ އިސްލާހު ގެނައުމުގެ ބިލް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތަސްދީގު ކުރައްވައިފިއެވެ.

ގްރީން ޓެކްސް ނެގުމަށް މީގެ ކުރިން ގާނޫނަށް ގެނައި އިސްލާހުގައި ހިމެނޭ އޮޅުންތައް ރަނގަޅުކޮށް، ބެކްޑޭޓްކޮށް ޓެކްސް ނެގޭ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލަށް އެއްވެސް ބަދަލެއް ނުގެނެސް ސަރުކާރުން ހުށަހެޅި ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިއަދެވެ.

ސަރުކާރުން ގާނޫނަށް މި އިސްލާހު ހުށަހަޅަން ޖެހުނީ މިދިޔަ ޖުލައި މަހުގެ ތިންވަނަ ދުވަހު ތަސްދީގުކުރި ޓޫރިޒަމް ގާނޫނަށް ގެނައި އިސްލާހުގައި ގްރީން ޓެކްސް ނަގަން ފެށޭނީ 2023ގެ ޖެނުއަރީ އެކަކުން ފެށިގެން ކަމަށް އޮތުމުން ކުރިން ނަގަމުން އައި ޓެކްސް ނެގުން ހުއްޓުމުންނެވެ.

އެ އިސްލާހާ އެކު މީރާއިން ބުނެފައި ވަނީ، އެ މާއްދާ އޮތް ގޮތުން ގްރީން ޓެކްސް ނެގުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އެކަމުގެ ސަބަބުން ގްރީން ޓެކުހުން ދައުލަތަށް ލިބެންޖެހޭ އާމްދަނީން 300 މިލިއަން ރުފިޔާ ގެއްލޭނެ ކަމަށްވެސް އެ އޮތޯރިޓީން ބުނެފައިވެއެވެ.

އެހެންކަމުން ތިނެއް ޖުލައިން ފެށިގެން އަންނަ ޖެނުއަރީ މަހު، ގްރީން ޓެކްސް ނެގުމާ ހަމައަށް މިދާ މުއްދަތުގައި ނަގަންޖެހޭ ގްރީން ޓެކްސް މި އިސްލާހާ އެކު ދައުލަތަށް ނަގާނެއެވެ.

ދައުލަތުން މި ބިލު ހުށަހެޅި ސަބަބުގެ ގޮތުގައި ބުނެފައި ވަނީ، އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ގްރީން ޓެކްސް ނަގަން ފަށަންދެން ކުރިން ނަގަމުންދިޔަ ގްރީން ޓެކްސް ނެގެމުންދާނެކަން ގާނޫނުގައި ކަނޑައެޅިގެން ބަޔާން ކުރުމަށާއި އެ ނޫންވެސް އެކަމާ ގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށް ކަމަށެވެ.

އެގޮތުން ގާނޫނުގެ 35 ވަނަ މާއްދާއަށް ގެނައި އިސްލާހުތަކުގެ ގޮތުގައި ބިލުގައި ހިމަނާފައި ވަނީ، ރާއްޖޭގައި ހިންގާ ރިސޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކާއި ޓޫރިސްޓް އުޅަނދު ފަހަރާއި އެ ނޫންވެސް އެފަދަ ތަންތަނުގައި ތިބޭ ޓޫރިސްޓުން އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް އެއިން ކޮންމެ މީހަކަށް ހަ ޑޮލަރުގެ ރޭޓުން ގްރީން ޓެކްސްގެ ގޮތުގައި އަންނަ ޖެނުއަރީ މަހުގެ އެކަކުން ފެށިގެން ދައުލަތަށް ޓެކްސް ނެގޭނެ ކަމަށެވެ.

ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓްރީ ކޮށްފައިވާ ތަންތަނުގައި ތިބޭ ޓޫރިސްޓުންގެ އަތުން، އެތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް ތިން ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނެގޭނެ ކަމަށްވެސް ބުނެފައިވެއެވެ. މި މާއްދާގެ ދަށުން ނަގާ ޓެކްސް ޓޫރިސްޓުންގެ އަތުން ނަގައި ދައުލަތަށް ދެއްކުމަކީ އެ ޓޫރިސްޓަކު ހުރި ތަނެއް ހިންގާ ފަރާތުގެ ޒިންމާއެއް ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.

އެގޮތުން ތިނެއް ޖުލައިން ފެށިގެން މި އިސްލާހު ފާސްވެ އަމަލުކުރުމާ ހަމައަށް ހިނގާ މުއްދަތުގެ ތެރޭގައި ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް ފަރާތެއްގެ އަތުން ފައިސާ ނަގާފައިވާ ނަމަ، އެ ފައިސާ އެ ފަރާތަކަށް އަނބުރާ ނުދައްކާހާ ހިނދަކު، އެ ޓޫރިސްޓަކު ހުރިތަނެއް ހިންގާ ފަރާތަކުން އެ ފައިސާ ދައުލަތަށް ދައްކަންވާނެ ކަމަށްވެސް ބިލުގައި ބުނެފައިވެއެވެ.