ޚަބަރު

ކޮންމެ ނަފުސާނީ މައްސަލައަކަށް ދިފާއު ލިބޭކަށް ނުޖެހޭ: ދައުލަތް

ނަފުސާނީ ކޮންމެ މައްސަލައަކަށް ދިފާއު ލިބެން ނުޖެހޭ ކަމަށް، މއ. އެދުރުގޭ/ ހަސަން ޝާހިދު މަރައިލި މައްސަލައިގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްމުންދާ ހ. ބައިކެނޑިކޭ މަރިޔަމް ނަޒާހާގެ މައްސަލައިގައި ދައުލަތުގެ ވަކީލު ފަރަހަނާޒް މުހައްމަދު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ވަކީލު މިހެން ވިދާޅުވީ، ޝާހިދު މަރައިލުމުގެ ކުށް ނަޒާހާއަށް ކުރެވުނީ ނަފުސާނީ މައްސަލައެއްގެ ސަބަބުން ކަމަށާއި އެއީ ގަސްތުގައި ކޮށްފައިވާ ކަމެއް ނޫން ކަމަށް ނަޒާހާގެ ދިފާއީ ވަކީލު މަރިޔަމް ނިހާޔަތު މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވުމާ ގުޅިގެން އެއަށް ރައްދުދެއްވައެވެ.

ވަކީލު ވިދާޅުވީ، އިޖުތިމާއީ މައްސަލަތަކުގެ ސަބަބުންނާއި ކުށުގެ ވެށީގައި އުޅޭ މީހުންގެ ނަފުސާނީ މައްސަލަތައް ހުންނާނެ ކަމަށެވެ. ނަޒާހާ ޝާހިދަށް ހަމަލާ ދިނީ އަމިއްލަ ނަފުސުގެ ދިފާއުގައި ކަމަށާއި ޝާހިދު މަރާލުމުގެ ގަސްތުގައި ނޫން ކަަމަށް އޭނާގެ ވަކީލު މިއަދުވެސް ތަކުރާރު ކުރެއްވިއެވެ.

އެގޮތުން އެމައްސަލައިގައި ނަޒާހާގެ ބަޔާން ނެގީ، އެ ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ކަމަށާއި އެތަކެއް ސުވާލުތަކެއް ކޮށް، ނަޒާހާގެ އިއުތިރާފު ބަޔާން ކަމަށް ބުނާ ބަޔާނެއް ހޯދިއިރު، ނަޒާހާ ހުރީ އެފަދަ ބަޔާނެއް ދެވޭ ފަދަ ހާލަތެއްގައިތޯ ނުވަތަ ނޫންތޯ ބަލާފައިނުވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އޭނާގެ ނަފުސާނީ ދުޅަހެޔޮކަން ހުރި މިންވަރެއްވެސް ވަޒަންނުކޮށް ކަމަށްވެސް ވިދާޅުވިއެވެ.

ނަޒާހާ އޭނާގެ ކުރީގެ ފިރިމީހާ މަރައިލީ ގަސްތުގައި ނޫން ކަމަށާއި ނަމަވެސް އެއީ ދުރާލާ ރާވައިގެން އޭނާ ކުރިމަކެއްކަން ސާބިތު ކޮށްދިނުމަށް ދައުލަތުން މަސައްކަތް ކުރަމުންދާ ކަމަށް ނަޒާހާގެ ވަކީލު ވިދާޅުވިއެވެ.

އެކަމަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ގަސްދު މަރުގައި މީހަކު މަރާލަން ގަސްދު ކުރިކަން ސާބިތުކޮށްދޭން ނުޖެހޭ ކަމަށެވެ. އެކަމުގައި ސާބިތުކޮށްދޭން ޖެހޭނީ މީހަކަށް ބޮޑު ގެއްލުމެއް ލިބިދާނެކަން އެނގިހުރެ ހަމަލާދިންކަން އެކަނި ކަމަށްވެސް ވިދާޅުވިއެވެ. އެކަން ދެނެގަންނަނީ އެކަމަށް ބޭނުންކުރި ހަތިޔާރާއި އެ ނޫން ވެސް ބޭރު ފުށުން ފެންނަން ހުރި ކަންކަމަށް ބަލައިގެން ކަމަށްވެސް ވިދާޅުވިއެވެ.

ނަޒާހާއަށް އެފަދަކަމެއް ކުރެވިފައި ވަނީ އޭނާގެ ކުރީގެ ފިރިމީހާގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަަބުން ނަފުސާނީ މައްސަލައެއްގެ ތެރެއިން ކަމަށް ދިފާއީ ވަކީލު ވަނީ ވިދާޅުވެފައެވެ. އެކަމަށް ރައްދުދެއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ، ނަފުސާނީ މައްސަލައެއްގެ ސަބަބުން ދިފާއު ނަގާ ނަމަ، އެ ދިފާއުގެ ރުކުންތައް، ދިފާއު ނަގާ ފަރާތުން ސާބިތުކޮށްދޭން ޖެހެނޭ ކަމަށާއި މި މައްސަލައިގައި އެ ރުކުންތައް ސާބިތުކޮށްދީފައި ނުވާ ކަމަށެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ ނަޒާހާގެ ނަފުސާނީ މައްސަލަތަކެއް ހުރެދާނެ ކަމަށް ދައުލަތުން އިއުތިރާޒު ނުކުރާ ކަމަށެވެ. އަދި މައްސަލައިގައި އެކި އެކި އިދާރާތަކުން ތައްޔާރުކޮށްފައި ހުރި ލިޔެކިޔުންތަކަށް ބަލާއިރުވެސް ނަޒާހާ އުޅެ ބޮޑުވެފައި ވަނީ، ވަރަށް އެހެން ކަހަލަ މާހައުލެއްގައި ކަން އެނގޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެފަދަ މާހައުލެއްގައި ބޮޑުވަމުން އަންނަ މީހެއްގެ ނަފުސާނީ މައްސަލަތަކެއް ހުންނާނެ ކަމަށް ވެސް ވަކީލު ވިދާޅުވިއެވެ.