ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

އެކުވެރިކަމުގެ މެޗުގައި ބުރުނާއީ ކައިރިން ރާއްޖެއަށް ފަސޭހަ މޮޅެއް

ބުރުނާއީ ދާރުއްސަލާމާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ކުޅުނު އެކުވެރިކަމުގެ މެޗުގައި ފަސޭހަ މޮޅެއް ހޯދައިފިއެވެ.

ބުރުނާއީގައި ގައުމީ ފުޓްބޯޅަ ޓީމުން މިއަދު ކުޅުނު މެޗުން މޮޅުވީ 3-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗަކީ ރާއްޖެއިން މި އިންޓަނޭޝަނަލް ބްރޭކްގައި ކުޅުނު ފުރަތަމަ މެޗެވެ. ދެން އޮތް މެޗުގައި ކުޅޭނީ ލާއޯސްއާ ދެކޮޅަށެވެ. އެމެޗު ކުޅޭނީވެސް ބުރުނާއީގައެވެ.

ބްރުނާއީ މިވަގުތު ދުނިޔޭ ރޭންކިންގެ 190 ވަނައިގައި އޮތްއިރު، ރާއްޖެ ރޭންކް ކުރެވިފައިވަނީ 156 ވަނައިގައެވެ. އެހެންކަމުން މިއަދު މެޗު ރާއްޖެއަށް އުނދަގޫ ނުވާނެ ކަމަށް އޮތީ ކުރިންވެސް ބެލެވިފައެވެ. ނަމަވެސް މި މެޗުތަކަކީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯގެ ސްޓައިލަށް ގައުމީ ޓީމު ހޭނުމަށް މުހިންމު މެޗުތަކެއް ކަމަށް އޭނާ ކުރިންވެސް ވަނީ ބުނެފައެވެ. ހާއްސަކޮށް މެޗުތަކަކީ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން މުހިއްމު މެޗުތަކެއް ކަމަށް ކުރިންވެސް ކޯޗު ވަނީ ފާހަގަކޮށްފައެވެ.

ބްރުނާއީގެ ސުލްތާން ހަަސަނަލް ބޮލްކިއާ ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗަށް ރާއްޖޭން ނެރުނު ފުރަތަމަ 11 އަށް ޒުވާން ޑިފެންޑަރު، އަހުނަފް ރަޝީދު (އަހުއްކޮ) ކުޅެން ނެރެފައިވެއެވެ. އެއީ އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗުވެސް މެއެވެ. އަހުއްކޮ މީގެ ކުރިން ޒުވާން ޓީމުތަކުގެ ކެޕްޓަންކަންވެސް ކޮށްފައިވާ އިރު، މެޗުގެ ފުރަތަމަ ހާފުގައި އަހުއްކޮއަށް ލިބުނު އަނިޔާއަކާ ގުޅިގެން ވަނީ ބަދަލުކުރަން ޖެހިފައެވެ.

މެޗު ރަނގަޅަށް ފަށައި ރާއްޖެއިން ޕާސިން ގޭމެއްގައި ކުޅެ، މެޗުގެ 35 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެ ގޯލު ޖަހައިދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. އެ ގޯލި އިއްބެ ޖެހީ އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އޭރިއާ ތެރެއިން ދުއްވާލި ރަނގަޅު ޕާހަކުންނެވެ.

ދެ ވަނަ ހާފު ފެށިގެން ބުރުނާއީން ކުޅުން ރަނގަޅުކުރިއެވެ. ހާފުގެ ކުރީކޮޮޅުގައި އެ ޓީމަށް ޕެނަލްޓީއެއްވެސް ލިބިފައިވާ އިރު، އެ ޕެނަލްޓީގައި ރާމްލީ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

ރާއްޖެ އަށް ދެ ވަނަ ގޯލު ޖަހައިދިނީ މެޗުގައި ރަނގަޅަށް ކުޅުނު ހަމްޒާ މުހައްމަދު (ހަމްޕު)އެވެ. މެޗުގެ 73 ވަނަ މިނިޓްގައި އޭރިއާބޭރުން ލިބުނު ހިލޭ ޖެހުމަކުން ހަމްޕު ފޮނުވާލި ބޯޅަ އަމާޒު ކޮށްލީ ސީދާ ދުރު ކަނަށެވެ. ހިތްގައިމު ގޯލެކެވެ. ރާއްޖޭން ތިން ވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތަރު މިނިޓުގެ ތެރޭގައެވެ. އެ ގޯލަކީ ބަދަލަކަށް ނުކުތް ހަސަން ރާއިފް އަހުމަދު (ހަންނަ) އޭރިއާ ރޮނގުމަތިން ގޯލުގެ ދުރު ކަނަށް އަމާޒު ކޮށްލި ބޯޅައެއްގައި ޖެހި ގޯލެކެވެ.

ގައުމީ ޓީމުން ލާއޯސްއާ ދެކޮޅަށް ނުކުންނާނީ ތިން ދުވަސް ފަހުންނެވެ.