ޚަބަރު

ކުރީގެ ފިރިމީހާ މަރާލި މައްސަލަ: ދަރިފުޅު ޔަތީމުވާން ނޭދޭ ފަދައިން ޝާހިދު ނިޔާވާކަށްވެސް ބޭނުމެެއްނޫން: ނަޒާހާ

އިބްރާހިމް ޒަކީ

ދަރިފުޅު ޔަތީމުވާން ބޭނުމެއްނޫން ކަމަށާއި، ހަމަ އެގޮތަށް އޭނާގެ ކުރީގެ ފިރިމީހާ ހަސަން ޝާހިދު ނިޔާވާކަށްވެސް ބޭނުން ނުވާކަމަށް، ވަޅިއަކުން ހަމަލާދީ، ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު މަރައިލި މައްސަލައިގައި ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފު މައްސަލައިގައި ނަޒާހާ މިއަދު ބުނެފިއެވެ.

އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ނަޒާހާގެ ފަރާތުންނެވެ. މިއަދު ކުރިއަށްދިޔަ އިސްތިއުނާފީ އެންމެ ފަހު އަޑުއެހުމުގައި އޭނާގެ ދިފާއުގައި ވާހަކަދެއްކުމަށް އުއްތަމަ ފަނޑިޔާރު ދެއްވި އެންމެފަހު ފުރުސަތުގައި ފެންކަޅިވެ ހުރެ އަސަރާއެކު ހުއްޓެމުން ހުއްޓެމުން ކުރިއަށް ގެންދިޔަ ވާހަކާގައި ނަޒާހާ ބުނީ، އެކަން ދިމާވެފައިވާ ގޮތާމެދު ހިތާމަކުރާ ކަމަށެވެ. ހަސަން ޝާހިދު މަރުވެދިޔަ ހާދިސާއަކީ ބޭއިހުތިޔާރުގައިވީ ކަމެއް ކަމަށާއި މިއަދާ ހަމައަށްވެސް އެކަމާ ހިތާމަކުރާ ކަމަށްވެސް ބުންޏެވެ.

"މި މައްސަލާގައި ކަންދިމާވެފައި މިވާ ގޮތާމެދު އަޅުގަނޑު ވަރަށް ހިތާމަކުރަން، ކޮންމެ ގޮތަކަށް އަޅުގަނޑާއި ހަސަން ޝާހިދާ ދެމެދު ކަންތައް ދިމާވެފައި އޮތް ކަމުގައި ވިޔަސް އެއްވެސް ހާލެއްގައި އަޅުގަނޑުގެ ދަރިފުޅު ޔަަތީމުވާކަށް އަޅުގަނޑެއްވެސް ބޭނުމެއް ނޫން. ހަމަ އެގޮތަށް ހަަސަން ޝާހިދު ނިޔާވެ ދާކަށްވެސް ބޭނުމެއް ނޫން، އެ ދުވަހު އެ ހިނގާދިޔަ ކަންތައްވީ ބޭއިހުތިޔާރުގައި، މިއަދާ ހަމައަށް އަޅުގަނޑު އެކަމާ ހިތާމަކުރަން، އަޅުގަނޑުގެ ފަރާތުން ވަކާލާތުކުރެއްވި ވަކީލު ފާހަގަކުރެއްވި ހުރިހާ ނުކުތާތަކަށް ރިއާޔަތްކޮށް މިކަމުގައި އިންސާފުވެރި ގޮތަކަށް މައްސަލަ ނިންމަވައިދެއްވުން އެދެން،" ނަޒާހާ ބުންޏެވެ.

މި މައްސަލައިގެ މިއަދުގެ އަޑުއެހުމުގައި ދެ ފަރާތުގެ ވަކީލުން ފަހު ވާހަކަތަކަށްފަހު، ޝަރީއަތުގެ އަޑުއެހުންތައް ވަނީ ނިންމާލައްވައިފައެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ބެންޗުގެ އިސް ފަނޑިޔާރުގެ ގޮތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި މައްސަލަ ދިރާސާކުރުމުގެ ތެރޭގައި އިތުރަށް ކަމެއް އޮޅުން ފިލުވުމަށް ނެތް ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

ޖޫން 2010 ގައި ކުރީގެ ފިރިމީހާ މަރާލި މައްސަލައިގައި އޭރުގެ ޖިނާއީ ކޯޓުން ނަޒާހާގެ މައްޗަށް ހުކުމްކުރީ 2011 ވަނަ އަހަރުގައެވެ. އެ ހުކުމް 2015 ވަނަ އަހަރު ހައިކޯޓުންވެސް ވަނީ ދަމަހައްޓައިފައެވެ.

ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ 5 ޖުލައި 2021 ގައެވެ. ނަމަވެސް މައްސަލަ ހުށަހެޅި މުއްދަތާ ގުޅިގެން އެ ކޯޓުގެ ރަޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވުމުން ރަޖިސްޓްރާގެ އެ ނިންމެވުން ރިވިއުކުރަން ނަޒާހާގެ ފަރާތުން ކޯޓުގައި އެދުނެވެ. އެހެންވެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ މައްސަލަ ބެއްލެވުމަށްފަހު، އެއީ ސުޕްރީމް ކޯޓަށް ބަލައިގަނެ ކުރިއަށް ގެންދަންޖެހޭ މައްސަލައެއް ކަމަށް ނިންމެވިއެވެ.

މި މައްސަލާގައި ނަޒާހާގެ ފަރާތުން އޭނާގެ ދިފާއީ ވަކީލު މަރިޔަމް ނިހާޔަތު ވަނީ ސުޕްރީމް ކޯޓަށް ތިން ނުކުތާއެއް ހުށަހަޅުއްވައިފައެވެ.

ފުރަތަމަ ނުކުތާއެއްގެ ގޮތުން ނިހާޔަތު ވިދާޅުވީ އެ މައްސަލާގައި ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ނަޒާހާގެ މައްޗަށް ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ސާބިތުވާ ކަމަށް ނިންމާފައި ވަނީ ހުށަހަޅާފައިވާ ދިފާއުތަކަށް އެކަށީގެންވާ ވަރަށް ރިއާޔަތް ނުކޮށް ކަމަށެވެ.

ހައިކޯޓުން މި މައްސަލައިގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ކަނޑައަޅާފައިވާ އުމުރަށް ޖަލަށް ލުމުގެ އަދަބަށް ލުއި ދެވިދާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލުން ހައިކޯޓުން އަމަލު ކޮށްފައިނުވުމާއި މައްސަލައިގެ ތަގުގީގުގައި ނަގާފައިވާ ބަޔާންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރި އިރު، އެ ހެކިން ޝަރީއަތަށް ހާޒިރުނުކޮށް، ޝަރީއަތުގައި ނަޒާހާ ދައްކާފައިވާ ވަހަކަތަކަށް އެކަނި ބުރަވެ އެއީ އޭނާ ވެފައިވާ އިއުތިރާފެއް ކަމަށް ބައްލަވައިގެން އެއީ ސައްހަ އަދި ހަގީގަތްތަކުގެ މައްޗަށް ބިނާވެގެން ވެފައިވާ އިއުތިރާފެއް ކަަމަށް ޝަރީއަތުން ކަށަވަރުނުކޮށް މައްސަލަ ސާބިތުވާ ކަމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ނަޒާހާއަކީ ޝާހިދުގެ ފަރާތުން ތަކުރާރުކޮށް ގެވެށި އަނިޔާ ލިބެމުންދިޔަ ފަރާތެއް ކަމަށާއި ދިގު މުއްދަތެއްގެ ތެރޭގައި ލިބުނު އެ އަނިޔާތަކުން ސަލާމަތް ނުވެވި އުޅެން މަޖުބޫރުވެފައިވާ ފަރާތެއްގެ ކަމަށްވެފައި އެކަމުގެ ސަބަބުން އޭނާއަށް ދިމާވެފައިވާ ނަފްސާނީ ހާލަތަށް އެއްވެސް ވަރަކަށް ރިއާޔަތް ކޮށްފައި ނުވާ ކަމަށްވެސް ވަނީ ހުށަހަޅައިފައެވެ.

އޭގެ އިތުރުން އެ ހާދިސާ ހިނގާފައި ވަނީ 2010 ވަނަ އަހަރު ކަމަށްވެފައި އެ މައްސަލަ 2015 ވަނަ އަހަރު ހައިކޯޓުން ނިންމި އިރު، ހާދިސާ ހިނގިއިރު އަމަލުކުރަމުންދިޔަ ގާނޫނުލްއުގޫބާތު އުވާލައި، 2014 ވަނަ އަހަރު އާ ގާނޫނުލްއުގޫބާތަކަށް އަމަލު ކުރަން ފަށައިފައިވީ ނަމަވެސް، އާ ގާނޫނުލްއުގޫބާތުގެ ދަށުން ނަޒާހާއަށް ލިބެންޖެހޭ ލުއި ލިބިދީފައި ނުވާ ކަންވެސް ފާހަގަކޮށްފައިވެއެވެ.