ދިވެހިރާއްޖޭގެ ތާރީޚު

ފުވައްމުލަކު ދަރީންނޭވެ. ފުވައްމުލައް ދަސްކުރާށެވެ! މާޒީގެ ތެރެއިން ފުވައްމުލަކުގެ ވަދުމަސްވެރިކަމާއި ދޯނިބަނުން 3

މުނީރު ހަސަން، ޏ. ފުވައްމުލައް

ވަދު ދޯނީގައި ބޭނުންކުރާ ތަކެތި

(10 އޯގަސްޓުގެ އަދަދާ ގުޅޭ)

ބޭނުންކުރާ ހުރިހާ ނަނަކީ ވެސް ސިލޯނުން އުއި ގެނެސްގެން އަމިއްލަޔަށް އަޅާ ނަނެވެ. ނަނު އެޅުމަށް ތަފާތު އާލާތްތައް ބޭނުން ކުރެއެވެ. މި ގޮތަށް އަޅާ ނަނުގެ ތެރެއިން އެންމެ ފަލަކޮށް ހުންނަނީ ބޮޑު އާލާތު ނަނެވެ. ނަނު އަޅަން އުއި ފުރަނީ އަށާވީސް އުޑު ބަމައަށެވެ. އަޅައި ނިމޭއިރު ހުންނަނީ އަށާވީސް ބަމައެވެ. އާންމުކޮށް ނަނު ބުރިއެއްގެ ދިގު މިނަކީ 168 ފޫޓެވެ. ދެ ބައި ނަނު ގެންގުޅެއެވެ. އެއީ ބޮޑު އާލާތު ނަނު، އަދިކުޑަ އާލާތު ނަނެވެ. ހުޅައްމަހަ ބާނާ ނަނު ވެސް ހުރެއެވެ. ނަނު އެޅުމަށްފަހު ފުރަތަމަ ނަނުގެ ދެ ކޮޅު ތަނެއްގައި ހައްޔަރުކޮށް ވާން ކުރުމަށްފަހު ނަނުގައި ފަތް ކޭލުގެ ބޯށި އުނގުޅުމަށްފަހު ކައުނިގަހުގެ ފަތް ކާއްތައެވެ. އޭގެ ފަހުން ކަނޑޫ ތޮށި ފެނު ކައްކައި އެ ފެނުން ނަނު ތެންމައި އަވީލައެވެ. މި ކަމަށް ކިޔަނީ ނަނުގައި ރެހާން ޖެހުމެވެ. ބޮޑު އާލާތު ނަނުގެ އެންމެ ފަލަ ބުރީގައި ހުންނާނީ ހަތަރު ގަލެވެ. އެއް ރާތާ މިއީ ކަސްމަތީ ބުރިއެވެ. ދެވަނަ ބުރީގައި ތިން ގަލް ބައެވެ. ތިންވަނަ ބުރީގައި ތިން ގަލެވެ. މިއީ މޭވައް ބުރިއެވެ. ކުޑަ އާލާތު ނަނުގެ މިންތަކަކީ ކަސްމަތީ ބުރީގައި ތިން ގަލެވެ. ދެވަނަ ބުރީގައި ދެ ގަލެވެ. ތިންވަނަ ބުރިއަކީ ދޮޅު ގަލެވެ. މިއީ މޭވައް ބުރިއެވެ. އެ ދުވަސްވަރު ބުޅި ލާފައި ހުންނަނީ ނަރުގައެވެ. މި ވެސް ކޮޅުނބުން ގެންނަ އެއްޗެކެވެ. ނަނު ބަޔަކީ މަދުވެގެން ތިން ބުރިއެވެ. ކުދު އާލާތުގައި ހަތަރު ބުރިއެވެ. އަދި ރޮދު "ވައު" ގެންގުޅެއެވެ. އެއީ ސަތޭކަ ފޫޓެވެ. އޮންނަނީ ދެ ބައިކޮށް ތަލުމަތީގައި ދެ ފަރާތުގައި ދެ ބައި ބާއްވާފައެވެ. ބިޅި ކޮޑި އެކި ސައިޒުގެ ބުޅީގައި ނަރު ލާފައި ނަރު އޮޅާފައި ހުއަނި ފޭށި، ބުޅިއާއި ނަރު އަޅާފައި ހުންނަ ކުޑަ ފޮއްޓެއް، މީގެ މަތި ހުންނަނީ ދެމޭ ގޮތަށެވެ. މަހިޖަހާބިޅި، މާބިޅި އާވަނި ދާވަނި ކުބު، އަރާ ދެށެ ދާޑި، ސަވާ ވައުގަޑު ހަޅިބައިން ދެން ހުންނަނީ ފަލި ތަކާއި ފައްގަނޑު ތަކާއި މެއްކުފަދަ ތަކެއްޗެވެ.

ކުނބުގައި އާންމުކޮށް ހުންނަނީ ފަށަނުގެދިގުމެވެ. އެއީ ހަ ރިޔަން {ތޭރަ ފޫޓު ބައެވެ}. ކުޑަ ރިއަލެއްގައި ހުންނަނީ ފުޅާ މިނުގައި 9 ނުވަ ފޫޓެވެ. ދިގު މިނުގައި 12 ބާރަ ފޫޓެވެ. ބައެއްފަހަރު ރިޔާ ކުޑަކޮށް އަދި ބޮޑުކޮށް ހަދަން ޖެހެވެ. މިހެންވަނީ ދޯނީގެ މިންތަކާއި ދޯނީގެ ދެތަ ކަނޑަށް ގަދަވަރެއްގެ މައްޗަށެވެ.

މަސް ބެހުން

ބޭނި މަހުގެ ހަތަރުބައިކުޅަ އެއްބައި ނަގާފައި، ބާކީ ހުންނަ މަހުން ފަންޑިތަމަހާއި ބުޅިޖަހާމީހާޔާއި ކަތީބުމަސް ނަގައެވެ. ކަތީބުނަށް 1958 މ ގައި މުސާރަ ހަމަޖެހި ކަތީބުމަސް އުވުނަސް އެހެންބައިތައް ނަގައެވެ. ވަރުމައްތެ މަސްވެރިކަމުން ބުޅިހަދާ މަސްދެނީ ދޯނިވެރިގެއިންނެވެ. އަރީގެ މެދުން ތިންބަދައިގެ މިނެވެ. އެދުވަހު ބޭނުނީ އެއް ކަންނެލި ނަމަ ފަޅާއަރިކޮށް ބުރަކަށި ހުންނައަރި ދޯނިވެރިގެއަށް ދިނުމަށްފަހު ބަކީވާ ތިން އަރި އަރިއެއް ތިންބުރިކޮށްގެން ލިބޭނީ ނުވަބުރިއެވެ. އެނުވަބުރިން އެއްބުރި ބާކީވާނެއެވެ. އެބައި ވެޑިވަޅުކަހާމީހާއާއި ދޯނީގެ ކޮޅުގައިހިފާމީހާއާއި އެނޫންވެސް ބައެއްމީހުންނަށް ދޭނެއެވެ. ބާރަމަހުން މަހެކެވެ.

ދޯންޏެއް ބަނުން

ވަކަރު ޖަމާކޮށް ހަރުގެ އެޅުމަކީ މިހާރު ވެސް ހިނގާ ކަމެކެވެ ފުރަތަމަ ފަށަން ދަމަން ކަބިޅި ޖަހައެވެ. އޭގައި ހުންނަނީ އެއް ފަރާތުން ކަނޑާފައެވެ. ފަށަން ދަމާލުމަށް ފަހު ދެ މައްޔާ ހަރުކުރެއެވެ. މައްޔާގެ ބޭރުން މައްޔާ ހައްޔަރުކުރަން ރުއްބުރިއެއް ޖައްސައެވެ. މި ރުއްބުރީގެ މެދުން ކަނޑައި މައްޔާ އެ ކެނޑުމަށް ހުންނަނީ ފައްތާފައެވެ. މިއަށް ކިޔަނީ މޭވާލި ގަނޑެވެ. ފަށަނާއި މައްޔާ ގުޅާ ތަނަށް ކިޔަނީ މަހަރެވެ. އާންމުކޮށް ފުވައްމުލަކު ދޯނިފަހަރު ރާއްޖޭގެ އެހެން އަތޮޅުގެ ދޯނިފަހަރަށްވުރެ ތިރިވެފައި ލުއިވާނެއެވެ. ސަބަބަކީ ކޮންމެ ފަހަރަކު ދޯނި އެހެލަން ޖެހުމެވެ. ވަދު ދޯންޏެއްގައި ހުންނަނީ 11 ނުވަތަ 12 މަޑުލެވެ. މަސް ދޯންޏެއްގައި 14 ނުވަތަ 15 މަޑުލެވެ. ފުރަތަމަ މަޑުލަކީ ވަވަތެވެ. ކަވަރޮ ކިޔާ މަޑުލެއް ވެސް ޖަހައެވެ. މި މަޑޫ ހުންނަނީ މައްޔާއާއި ފަށަނަށް އަރުވާފައެވެ. ފަށަނާއި މައްޔާގައި ހުންނަނީ ތަލި ނަގާފައެވެ. ފުރަތަމަ މަޑުލާއި ފަށަން އެއްކުރަން ޖަހާ އިލިއަށް ކިޔަނީ މޯރިއެވެ. މޯރި އެރުވުމުން އާދަދެއެވެ. މޯރި އެރުވި ކުބުހެވެ. ވަވައްގަތް ފަރިއޮޅޮ ވެސް ދޭނެއެވެ. ރާއްޖޭގެ ރަށްރަށުގައި ކިޔާހައި ނަންތަކެއް ފުވައްމުލަކު ވަޑިން ކިޔާފައެއް ނުހުރެއެވެ. ދޭދޭތި، ތިންތިނެތި ކިޔައެވެ. ދެން ވަކި ހިސާބަކަށް ހުންނަނީ މަޑުލެވެ. އެންމެ މަތީގައި ހުންނަނީ މަތި ކަނެވެ. މަތި ކަނުގެ ތިރިތައް ހުންނަ މަޑުލަކީ ފަތަހެރިއެވެ. އެއިގެ ތިރީގައި ހުންނަނީ ދުއްވޭލެވެ. ދެން ހުންނަނީ މަޑުލެވެ. މަތިކަން މަތީގައި ދިރުބާކޮޅު ވަކި ހިސާބަކަށް މަޑުލެއް ޖަހައެވެ. އެއަށް ކިޔަނީ ކަންފިއައެވެ. މަތި ކަނުގެ މަތީ ކައިރިއާ އެއްވަރަކަށް އެތެރޭގައި ރުއް ވަކަރުން ބުރިކަށި ފޮތިންފެށިގެން ކެޑެ ފަލި ފައްގަޑާއި ހަމަޔަށް އޮންނަ ވަކަރެއް އަޅައެވެ. އެއަށް ކިޔަނީ ހަފޮޅެވެ. ވަކި ވަރަކަށް ބަނދެވި ބޭރުން ކަޑަ ޖައްސާ ވަރު ވުމުން އާދަ ދެއެވެ. އެއީ ކަޑާ ޖެހި ބޮޑިއެވެ. އެ ހިސާބުން އުބުރި ބަހައްޓައެވެ. އުބުރިއާއި މަޑޫ ހަރުކުރަނީ ދަގަޑު މޮހަރު ޖަހައިގެންނެވެ. މި މޮހަރަކީ ކަނބުރު ވެރިން ދަގަނޑުން ހަދާއެއްޗެކެވެ. މި މޮހަރުގައި ހުންނަނީ ތުމަރަ ލައިފައެވެ. ތުމަރަ ލުމަށް ކިޔަނީ ކަލާ ކުރުމެވެ. އިނގިރޭސިން ގަމުގައި އުޅުނު ދުވަސްވަރު 1957 ގެ ފަހުން މަދުމަދުން ކަބީލާ ބޭނުންކުރަން ވަނީ ފަށާފައެވެ. ދޯނިފަހަރު ރިއަން ކެޑެ ބައި ކުރުމަށް ވަކި ޚާއްސަ ހަމަތަކެއް ނޯވެއެވެ. އުނބުރިއާއި ބަނޑޮވައް ބެހެއްޓުމަށް ވެސް ވަކި އުސޫލެއް ނޯވެއެވެ. އެކި ދޯނިފަހަރުގައި ހުންނަނީ އެކި ވަރަށެވެ. ދޯނިބައިކުރާއިރު ފުރަތަމަ ހުންނަނަނީ މަތި މަޅެވެ. މަތި މަޅަކީ ކެޑަފަ މައްޔާއިން ކަނިގަޑު އުބުރިއާ ދެމެދެވެ. މި ތަން ހުންނަނީ އެތެރެއިން ބައްދާފައެވެ. ދެން މަޅުމަތި އެވެ. އެއީ ކަނިގަޑު އުބުރިން ބުރިކަށި ފޮތިއާއި ހަމައަށެވެ. ބުރިކަށިފޮތީގެ ކެޑަފަ މައްޔާ އާ ވީ ފަރާތުގައި ހުންނަނީ ކޮރު ނަގާފައެވެ. އަދި ކަނިގަޑު ފޮތީގައި ދިރުބާކޮޅާ ވީ ބިތުން ކޮރުނަގައި ކަނިގަޑު ފޮތިން ބުރިކަށި ފޮއްޗަށް ފޯރާގޮތަށް މަޅު އަޅައެވެ. އެއީ މަޅުމަތިއެވެ. އެތާގެ އެތެރެ ފަރާތަކީ މަޅު ދަށެވެ. ދެން ހުންނަނީ، ކޮޑަވަތެވެ. ބަނޑުފަލި ފައްގަޑެވެ، އަދި މެދެހެއި ވަކިކުރާ މެދެމާހި ފަށްފަށެވެ. ކާހައްފަތްގަނޑެވެ. ހޭވަތާއި ތަލެވެ. ވާހިދެރަމަތި ވަކިކުރަން ތަލުގެ ދިރުބާ ކޮޅުގައި ފަށްފަށެއް ހުރެފައި ކެޑެފަލި ފައްގަޑެވެ. ދެންކޮޅެވެ. ދިރުބަމައްޔާގައި ދިރުބަ ހަރުކޮށް ކަސްދަޑި ހުރަސްގަޑި އަޅާނެއެވެ. އަދި ކަނިއިލިއާއި ކަނިކިރެދީގެ އިތުރުން ކައުޅާފަށްގަޑެވެ. ކަސްދަޑިއާއި ހެރަސް ދަޑި ބެދޭ ހިސާބުގައި ބަލެއް ހުރެއެވެ. އެތަނަކީ ހެރެސްދަޑިގަޑި ގޮޅިއެވެ. މަސްދޯނީގައި އިތުރު ދެ ފަލި ހުރެއެވެ. ހުންގާނާއި ހުންގާނު ދޫންޏެވެ. ކުނބާއި ރިއަލެވެ. ކުނބުގެ މިނަކީ ފަށަނުގެ މިނެވެ. އާންމުކޮށް ކިއަނީ ހަރިޔަންކަމަށެވެ. އެއީ ތޭރަ ފޫޓު ބައެވެ. ބައެއް ފަހަރު ކުނބު ދިގުކޮށް ކުރުކޮށް ހަދަން ޖެހިދެއެވެ. މި ގޮތަށް ބަދަލު ގެންނަނަމަ ރިޔަލަށް ވެސް ބަދަލުގެނެއެވެ. އެންމެ ވަރުގަދަކޮށް ހަދާ އެއް ފަށްފަށަކީ ކުނބު ފަށްފަށެވެ. މި ދިމާލުގައި އޮންނަ ކުބުއުބުރީގެ މެދުން ހުންނާނީ ކުނބުގެ ފަހަތު ކޮޅުގައި ވަކިވަރަކަށް ހިމަކޮށްފައި ހުންނަ ބައި ވަންނަވަރަށް ވަޅެއް ކޮނެފައެވެ. މި ތަނަށް ކިޔަނީ ވަނޮޅޮއެވެ. މަތީގައި ބަޔާންކުރި ކެޑުމުގެ ތިންފަރާތުގައި ތިންފިލާ ހުރެއެވެ. މިތަނަށް ކިއަނީ ކުނބުތަނެވެ. އުބުރިތަކުގެ ފަށަނުގައި ޖެހޭ ހިސާބުން ހުންނަނީ ފެންދެމޭ ގޮތަށް ކަނޑާފައެވެ. މި ތަނަށް ކިޔަނީ އުނބުރި ބިޑިއެވެ. ކެޑެފަލި ފައްގަޑު އޮންނަނީ މޮހަރު ޖަހައި ހަރުކޮށްފައެވެ. މި ފައްގަނޑުގެ ވަށައިގެން ހުންނަނީ ބައްދާފައެވެ. ކުރިމަތިން މެދުގައި ހުންނަ ކެޑުމުން އެތެރެއަށް އެއްޗެހިލައެވެ. ކާ އެއްޗެއްސާއި ބައެއްފަހަރު އަންނައުނު ވެސް ލާނެއެވެ. މި ތަނަށް ކިޔަނީ ނެދެޅެއެވެ. ދެ މަޑޫ ގުޅުމަށް ކިރެދީގައި ދެ ކޮޅު ތޫނުކޮށް އިލި ހަދައެވެ. މިއަށް ކިޔަނީ މާޅިހިއެވެ. މާޅިހި ލަނީ ހުނގުންކޮށް ނިމުމުންނެވެ. މާޅިހިލައި މާމުގުރުންޖަހައި ދެ މަޑޫ ޖައްސައި ބާރު ކުރެއެވެ. ކެޑަފަ މައްޔާގެ މަތީ ކޮޅުގައި ބަލެއްހުރެއެވެ. އެއީ ހުންގާނު ހައްޔަރުކުރާ ހަޅިބައިން ލައްވާބަލެވެ. މައްޔާގެ ތިރީގައި ވެސް ބަލެއް ތޮރުފައި ހުރެއެވެ. މި އެތާގައި ހުންނަނީ ވަތިބައިން ރޯނުންން ހަދައި ހަރުކޮށްފައި ހުންނަ ކުސަގަޑެވެ. މި ކުސަގަޑު ހުންނަނީ ވަވަތުން ފެށިގެން މައްޗަށް ފަސްވަނަ މަޑުލުގެ މަތީ ކައިރިއާ ހަމައަށެވެ. ހުންގާނުގެ މަތީކޮޅަށް ކިއަނީ ބޮލެވެ. ތިރީކޮޅަށް ކިއަނީ ފުލެވެ. މަސްވެރިކަމުގެ ބޭނުމުގައި ހުންގާނު އަޅައިގެން ތަންހެޔޮތަނަކުން ނިކުންނަނިކޮށް ހުންގާނުގެ ފޫ ކުސަގަނޑުން ނައްޓާލައިފިނަމަ ބުނެ އުޅެނީ ހުންގާނު ފުންމާލައިފިއެވެ.

ދޯނި ބަނުމަށް އޭރު ބޭނުންވާ ސާމާނު

ރުށް ލަކުޑި، ގަސް ވަކަރު، (ފުނަ، ހިރުދު، ދިއްގާ، މޫނިމާ) ކަޅުއި ދެލި އޮބޮ ފުރޯ އޮޑާ، މާމުގުރު މިއީ ވަށްކޮށް އޮންނަ ފަލަ ލަކުޑިގަނޑެއްގެ މެދުގައި ދަނޑިއެއް ޖަހައިގެން ހަދާފައި އޮންނަ އެއްޗެކެވެ. ފެނިވައް ކަޅިހީގެ އިތުރުން ކީހާއި ވަޑާން ކަށްޓެވެ. މީގެ އަދި ދޫޅިހިބައެކެވެ. ލަކުޑިން ހަދައިގެން ގެންގުޅޭ ބޮޑު ރޮންދާ އާއި ދަގަޑުރޮންދާ ފަހުން ގޮޅާ ދައްޗެވެ. ފެނިވަތުގެ ހިފާކޮޅު ހުންނަނީ މަތީކޮޅުގައި ގޮބުފަޅިއެއް ހުންނަގޮތަށް ދެ ލަކުޑިކޮޅުން ހަދައި ދެކިބަ ދެމެދަށް ފެނިވަތުގެ މަތީކޮޅު ވައްދައި ބަނދެފައެވެ. މި ތަނަށް ކިއަނީ އޮނބުގަޑެވެ.

ފެނިވަތުގެ މަތީކޮޅުގައި އޮބުގަޑު މައްޗަށް ހިފާލުމުން ފެނިވަތުގެ ދަރުމައްޗަށް އަރާގޮތަށް އަދި އޮބާލުމުން ލަކުޑިގަނޑަށް ވައްދާލުމަށް ބާރު ލެވޭ ގޮތަށް ހުންނަ ދެ ތަންޑު ހުރެއެވެ. މި ތަންޑު އޮނބުގައި ކޮރުނަގާފައި ހުންނަތަނާއި ދިމާވެ ކުރިން ބުނިގޮތަށް ފެނިވަތުގެ ކޮޅުގައި ހުންނަ ދަރުހަރަކާތް ކުރުވުމަށް ފެނިވަތުގައި ދެ ފަރާތުގައި ދެ މީހުން ދެ ވަލުގައި ހިފައި ދަމާނެއެވެ. މިވަލަށް ކިޔަނީ ފެނިވަށް ދިވިޅިއެވެ. އޮބުގަނޑުގެ އެތެރެއަށް ދާގޮތަށް ހުންނަ ދެ ތަންޑަށް ކިޔަނީ ދުކުޅިއެވެ.

ގަމަށް ޖެހުން ދިއަތަން ޖެހުން، އޮޑިދޯނިފަހަރު ކޮޅުން

ގަމަށް ޖެހުމުގައި ބޭނުންކުރަނީ ކަފަ އާއި އެކި ސައިޒުގެ ރޯނާއި ހަޅަގެވެ. ހަޅަގު ވަށަނީ ކާށި ކިފުޅީގައެވެ. މިއީ ކިފުޅި ރޯނެވެ. އިތުރަށް ބޭނުން ކުރަނީ މުގުރު ކޮޑުން އަދި ދަންޑަހެލުއެވެ. ގަމަށް ޖަހައި ނިމުމުން ހިންމި އެޅުމާއި ގަލްގަދި އެޅުމެވެ. އަދި ބޭރުގައި ދޭލި ލުމެވެ. ހިންމި އަޅަނީ ފުނަ އޮށް ފުނޑައިގެން އެއިންނެވެ. ގަލްގަދި ހަދަނީ ބަނބުކެޔޮ ގަހުގައި ކިރި ޖަހައި ފައިބާ ކިރި ހަރުވުމުން އެ ނައްޓައި ތާހެއްގައި ކައްކައި ދިޔާވުމުން އޭގެ އެތެރެއަށް އީޓު ކުނޑި (ފުނޑައި ހިމުންކޮށްފައި ހުންނަ) އަޅައި ކައްކައި ހަރުވުމުން ގުޅަ ވަށައިގެންނެވެ. ދޯނި ކައިރީގައި އަލިފާން އަންދައި އެއަލިފާނުގެ ތެރެއަށް ކަތިވަޅިއެއް ލައި ދޮންވުމުން ތައްޔާރު ކުރި ގަލްގަދި ގުޅަ އެއިގެ ތިލާގައި ޖައްސައި ވިރުވައި މޮހަރުގެ ބޮލުގައި ހަރު ކުރުމަށްފަހު ދޮންކުރި ކަތިވަޅީގެ ތިލަ ޖައްސައި ވިރުވައިގެންނެވެ. މި ގޮތަށް ވިރުވާލުމުން ހުންނާނީ ދޯނީގެ ބަނޑު ފިލާގެ ބޭރު ކައިރިއާ އެއްވަރަކަށެވެ. ދެން އޮންނަނީ ބޭރުގައި ލާން ދެލި ތައްޔާރުކުރުމެވެ. މި ކަން ކުރުމަށްޓަކައި މިޔަރުގެ މޭގަނޑުން ތެޔޮ ހާނައެވެ. ކަށި މިޔަރު ތެޔޮ ނަގަން ތެޔޮ ހާނަނީ އެވެ. އާދައިގެ މިޔަރުން ތެޔޮ ނަގަން މޭގަނޑު ބުރިބުރިކޮށް އަވިދޭ ތަނެއްގައި ހުންނަ ރުބައި ފާޑުގެ އެއްޗަކަށް އަޅައި ފެން ނުވަންނަ ގޮތަށް ބަންދުކުރެއެވެ. މިއަށް ކިއަނީ މަސް ތެލެވެ. ދޯނީގެ ބޭރުގައި ލުމަށް ކައްކާއިރު ފުނޑާފައި ހުންނަ ދެލި އަޅައެވެ. މި މަސައްކަތުގައި ފިއްސެއްގެ ގޮތުގައި ބޭނުން ކުރަނީ ކަށިކެޔޮ މުލުގައި ހަދާ ފިއްސެކެވެ. މި ފިހިން ތައްޔާރުކުރި ދެލި ވަރަށް އޮމާންކޮށް ލެވެއެވެ. އެތެރެއަށް ވެސް މަސް ތެޔޮ އަޅައެވެ. މިއަކަށް ދެއްޔެއް ނާޅައެވެ. އެތެރެއަށް އެޅި މަސްތެޔޮ މަހަށް ދާން ވުމުން ދޮވެލާނެއެވެ.

މަތީގައި މި ކިޔައިދިން ވަޑާމުގެ މަސައްކަތުގެ މައުލޫމާތަކީ ފުވައްމުލަކުގައި ދޯނިފަހަރު ބަނުމުގެ މަސައްކަތް ކުރެއްވި މާވަޑިއެއް ކަމަށްވާ ލަންސިމޫގޭ އަބުދުﷲ އަނީސް އާއި އަތްދަށު ވަޑިއެއްކަމަށްވާ ބާމިޔާގޭ އަލީ މުހަންމަދު ދެއްވި މައުލޫމާތެވެ. ދެން ހުރި ކަންތަކަކީ އަޅުގަނޑުގެ އަމިއްލަ ތަޖުރިބާއެވެ. އަޅުގަނޑުގެ ބައްޕަ އަލްމަރުޙޫމް ހަސަން މޫސާ ދިދީގެ ރަންތަރި ވަދު ދޯންޏާއި ބޮއްކުރާ މަހަށް ފުރުވުމުގެ މަސައްކަތުގެ ތެރެއިންނެވެ.

އެޑިޓަރުގެ ނޯޓު: މުނީރު ހަސަން އަކީ ފުވައްމުލަކު ކަތީބު ކަމާއި ބޮޑުކަތީބުކަން ކުރައްވާފައިވާ ބޭފުޅެކެވެ. ފުވައްމުލަކު ދަޑިމަގު އަވަށު ކައުންސިލުގެ ޒިންމާދާރުވެރިޔާކަމުގެ މަގާމުވެސް ފުރުއްވި އެވެ. އޭގެ ކުރީން ރަށުކައުންސިލްތަކުގެ ޒިންމާދާރުވެރިޔާގެ މަގާމުވެސް އަދާކުރެއްވި އެވެ. އޭނާއަކީ ފުވައްމުލަކުގެ ތާރީހު ދިރާސާ ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އަދި މި ވަގުތު ފުވައްމުލަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ރަށުގެ ތާރީހީ މައުލޫމާތު އެންމެ ރަނގަޅަށް ދެނެވަޑައިގަންނަވާ މަދު ބޭފުޅުންގެ ތެރޭގައި މުނީރު ހިމެނިވަޑައިގަންނަވައެވެ.