ޚަބަރު

ގާފަރު ދޯންޏެއް ފ. ހިމިތީ ފަރަށް އަރައި ބިންދައިގެން ހިނގައްޖެ

އަލީ ޔާމިން

ކ. ގާފަރު މަސް ދޯންޏެއް ފަރަށް އަރައި ބިންދައިގެން ހިނގައްޖެއެވެ.

"ހުދަންބަރު-12" ނަމަކަށް ކިޔާ އެ ދޯނި އަރާފައިވަނީ ފ. ފީއަލީ ކައިރީގައި އޮންނަ "ހިމިތި" ކިޔާ ފަރުގެ ދެކުނު ފަރާތަށެވެ.

"ވަން" އަށް މައުލޫމާތު ދެއްވަމުން ފީއަލީ ކައުންސިލްގެ ރައީސް މޫސާ އަހުމަދު މިއަދު ވިދާޅުވީ، 89 ފޫޓުގެ އެ ދޯނި ފަރަށް އެރިއިރު ދޯނީގައި ދިހަ ވަރަކަށް ޓަނު މަސް ހުރިކަމަށެވެ. އެ ދޯނި ފަރަށް އަރައި، އެ ދޯނި ބިންދައިގެން ގޮސްފައިވާއިރު ބިޔަ ރާޅުތައް އެ ދޯންޏަށް ބިންދަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި ދޯނީގެ ގެގަނޑަށްވެސް ވަނީ ގެއްލުންތަކެއްވެ، ދޯނީގެ ބައެއް ސަރަހައްދުތަކުން ފަޅައިގެން ގޮސްފައިވާކަމަށް ވިދާޅުވިއެވެ.

މޫސަ ވިދާޅުވީ، އެ ދޯނި ފަރަަށް އަރާފައިވަނީ ރޭ މެންދަމުން އަލިވީ ފަހުންކަމަށެވެ.

ދޯނި ފަރަށް އެރުމުގެ ސަބަބުން، ދޯނީގައި ތިބި 12 މީހުންގެ ތެރެއިން ދެ ފަޅުވެރިއަކަށް އަނިޔާވި ކަމަށާއި އެކަމަކު އެ މީހުންގެ ހާލު ސީރިއަސް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

"ދޯނީގެ ކައްޕި، ބިދޭސީއެއްގެ އަތަށް ހުންގާނު ދީފައި ދިޔަ ވަގުތު ފަރަށް އެރިކަމަށް މި މައުލޫމާތު ލިބެނީ." މޫސަ ވިދާޅުވިއެވެ.

މޫސަ ވިދާޅުވި ގޮތުގައި ދޯނި ފަރަށް އެރި ސަރަހައްދުގައި ފީއަލީގެ ދެ ދޯންޏެއް މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ދޯނީގެ ފަޅުވެރިންވެސް ދޯނި ސަލާމަތްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ފަރަށް އެރި ދޯނި ސަލާމަތްކުރަން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާ ކޮމާންޑް ތާޑް ސްކޮޑްރަންގެ ސިފައިންވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.