ވަޅިއަކުން ހަމަލާދީ، ކުރީގެ ފިރިމީހާ މއ. އެދުރުގޭ ހަސަން ޝާހިދު މަރައިލި މައްސަލައިގައި، ހ. ބައިކެނޑިގޭ މަރިޔަމް ނަޒާހާ 25 އަހަރަށް ޖަލަށް ލާން ކުރި ހުކުމްގެ އިސްތިއުނާފު މައްސަލައިގައި ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރާނެއެވެ.
އެ މައްސަލައިގައި ހުކުމްކުރުމަށް ބާއްވާ އަޑުއެހުން ތާވަލު ކޮށްފައި ވަނީ މިއަދު 11:00 އަށެވެ.
ޖޫން 2010 ގައި ކުރީގެ ފިރިމީހާ މަރައިލި މައްސަލައިގައި އޭރުގެ ޖިނާއީ ކޯޓުން އޭނާގެ މައްޗަށް ހުކުމް ކުރީ 2011 ވަނަ އަހަރުގަ އެވެ. އެ ހުކުމް 2015 ވަނަ އަހަރު ހައި ކޯޓުން ވެސް ވަނީ ދަމަހައްޓައިފައެވެ.
ނަޒާހާގެ ފަރާތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފަށް ހުށަހެޅީ 2021 ޖުލައި ފަހެއްގައި ކަމަށެވެ. ނަމަވެސް މައްސަލަ ހުށަހެޅި މުއްދަތާ ގުޅިގެން އެ ކޯޓުގެ ރެޖިސްޓްރާ އެ މައްސަލަ ބަލައިނުގަތުމަށް ނިންމެވިއެވެ.
ނަމަވެސް ރަޖިސްޓްރާގެ އެ ނިންމެވުން ރިވިއުކުރަން ނަޒާހާގެ ފަރާތުން ކޯޓުގައި އެދުމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެ މައްސަލަ ބެއްލެވުމަށްފަހު، އެއީ ސުޕްރީމް ކޯޓަށް ބަލައިގަނެ ކުރިއަށް ގެންދަން ޖެހޭ މައްސަލައެއްކަމަށް ނިންމެވިއެވެ.
މި މައްސަލައިގައި ނަޒާހާގެ ފަރާތުން އޭނާގެ ދިފާއީ ވަކީލު މަރިޔަމް ނިހާޔަތު ވަނީ ސުޕްރީމް ކޯޓަށް ތިން ނުކުތާއެއް ހުށަހަޅުއްވައިފައެވެ.
ފުރަތަމަ ނުކުތާއެއްގެ ގޮތުން ނިހާޔަތު ވިދާޅުވީ، އެ މައްސަލައިގައި، ކުރިމިނަލް ކޯޓުންނާއި ހައިކޯޓުން ނަޒާހާގެ މައްޗަށް ގަސްތުގައި މީހަކު މަރައިލުމުގެ ދައުވާ ސާބިތުވާކަމަށް ނިންމާފައި ވަނީ ހުށަހަޅާފައިވާ ދިފާއުތަކަށް އެކަށީގެންވާ ވަރަށް ރިއާޔަތް ނުކޮށް ކަމަށެވެ.
ހައިކޯޓުން މި މައްސަލައިގެ ޝަރީއަތް ނިންމި ގޮތުގެ ރިޕޯޓުގައި ކަނޑައަޅާފައިވާ، އުމުރަށް ޖަލަށް ލުމުގެ އަދަބަށް ލުއި ދެވިދާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލުން ހައިކޯޓުން އަމަލު ކޮށްފައި ނުވުމާއި، މައްސަލައިގެ ތަގުގީގުގައި ނަގާފައިވާ ބަޔާންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިއިރު އެ ހެކިން ޝަރީއަތަށް ހާޒިރުނުކޮށް، ޝަރީއަތުގައި ނަޒާހާ ދައްކާފައިވާ ވަހަކަތަކަށް އެކަނި ބުރަވެ އެއީ އޭނާ ވެފައިވާ އިއުތިރާފެއްކަމަށް ބައްލަވައިގެން، އެއީ ސައްހަ އަދި ހަގީގަތްތަކުގެ މައްޗަށް ބިނާވެގެން ވެފައިވާ އިއުތިރާފެއް ކަަމަށް ޝަރީއަތުން ކަށަވަރު ނުކޮށް މައްސަލަ ސާބިތުވާކަމަށް ނިންމާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
ނަޒާހާއަކީ ޝާހިދުގެ ފަރާތުން ތަކުރާރުކޮށް ގެވެށި އަނިޔާ ލިބެމުންދާ ފަރާތެއް ކަމަށާއި، ދިގު މުއްދަތެއްގެ ތެރޭގައި ލިބުނު އެ އަނިޔާތަކުން ސަލާމަތް ނުވެވި އުޅެން މަޖުބޫރުވެފައިވާ ފަރާތެއްގެ ކަމަށްވެފައި އެކަމުގެ ސަބަބުން އޭނާއަށް ދިމާވެފައިވާ ނަފްސާނީ ހާލަތަށް އެއްވެސް ވަރަކަށް ރިއާޔަތް ކޮށްފައި ނުވާކަމަށްވެސް ވަނީ ހުށަހަޅައިފައެވެ.
އޭގެ އިތުރުން އެހާދިސާ ހިނގާފައި ވަނީ 2010 ވަނަ އަހަރުކަމަށްވެފައި އެ މައްސަލަ 2015 ވަނައަހަރު ހައިކޯޓުން ނިންމިއިރު ހާދިސާ ހިނގިއިރު އަމަލުކުރަމުންދިޔަ ގާނޫނުލް އުގޫބާތު އުވާލައި، 2014 ވަނަ އަހަރު އާ ގާނޫނުލް އުގޫބާތަކަށް އަމަލު ކުރަން ފަށައިފައިވީނަމަވެސް، އާ ގާނޫނުލް އުގޫބާތުގެ ދަށުން ނަޒާހާއަށް ލިބެން ޖެހޭ ލުއި ލިބިދީފައި ނުވާކަންވެސް ފާހަގަ ކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު