އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް އެކުލަވައިލުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަނެ ބަހުސް ފަށައިފިއެވެ.
މި މައްސަލަ މަޖިލީހަށް ހުށަހެޅުމަށްފަހު ނެގި ވޯޓުގައި މި މައްސަލަ ބަލައިގަނެ، ބަހުސް ކުރަން ފާސްކުރީ، އެވަގުތު މަޖިލިސް ޖަލްސާގައި ތިއްބެވި 38 މެންބަރުންގެ ތެރެއިން 27 މެންބަރުން ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ ބަލައި ނުގަތުމަށް ތިން މެންބަރުން ވޯޓު ދެއްވިއެވެ. އެ މައްސަލަ ބަލައިގަންނަން ބޭނުންވަނީ 16 ވޯޓެވެ.
މި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ޝަރީފް ވިދާޅުވީ، ސަރުކާރާއި ރައްޔިތުންނަށް ދީނީ ފަތުވާ ފޯރުކޮށްދިނުމާއި ފިގުހީ އާ މައްސަލަތައް ދިރާސާ ކުރުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ފަތުވާ މަޖިލީހުގެ ފަސް އަހަރުގެ ފުރަތަމަ ދައުރު ހަމަވެ، އެތައް ދުވަހެއް ވެފައިވާ ކަމަށެވެ.
ރާއްޖޭގައި ހަރުކަށި ފިކުރު އިތުރުވުމުގެ އިތުރުން ދީނީ ގޮތުން ހިލާފު އުފެދޭ ބޮޑެތި މައްސަލަތަކުގައި އަމަލު ކުރަންވީ ގޮތް އޮޅި، އެކި މީހުން އެކި ފަތުވާ ނެރެމުންދާ ކަމަށްވެސް ވިދަޅުވިއެވެ. އެކަމުގެ ސަބަބުން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި އިޖްތިމާއީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށް ވެސްވިދާޅުވިއެވެ.
އެހެންކަމުން އިސްލާމީ ފަތުވާދޭ މަޖިލިސް އެކުލަވާލައި އެ މަޖިލިސް ހިންގޭނެ އިންތިޒާމުތައް ވީހާ ވެސް އަވަހަކަށް ހަމަޖެއްސުމަށް މި މައްސަލައިގައި ޝަރީފް ވަނީ ސަރުކާރަށް ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު