ޗެލްސީ

ޗެލްސީން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް ފްރެއުންޑް ސާލްސްބާގުގެ މަގާމު ދޫކޮށްނުލާނެ

ޗެލްސީގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމަށް ގެންނަން މަސައްކަތް ކުރަމުން އަންނަ ކްރިސްޓޮފް ފްރެއުންޑް، ސާލްސްބާގުގައި ހުރި މަގާމު ދޫކޮށްލަން ނިންމާފައި ނުވާ ކަމަށް އޭނާ ބުނެފިއެވެ.

ފްރެއުންޑް ސާލްސްބާގުގައި މިވަގުތު ހުރީ އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައެވެ. އެ މަގާމު ދޫކޮށްލުމުގެ މަޝްވަރާތަކެއް އޭނާ ޗެލްސީއާ ކޮށްފައިވާ އިރު، އާ ވެރިޔާ ޓޮޑް ބޯލީ ދަނީ ބުރަކޮށް ޓެކްނިކަލް ޑިރެކްޓަރެއް ހޯދަމުންނެވެ. ހަބަރުތައް ބުނެފައިވާ ގޮތުގައި ބޯލީ އެންމެ ބޮޑަށް ބޭނުންވީވެސް ފްރެއުންޑް ޗެލްސީއަށް ގެންދާށެވެ.

"ޗެލްސީ ކަހަލަ ކްލަބަކުން ޝައުގުވެރިކަން ފާޅުކުރުމުން އެކަމަށް ވަރަށް ބޮޑަށް ފަހުރުވެރިވޭ. ހާއްސަކޮށް އެކަހަލަ ކްލަބުތަކުގައި ކުރަން ޖެހޭ މަސައްކަތަށް އަހަރެން ޝައުގުވެރި ވޭ. އެކަމަކު އަހަރެން ނިންމާފަ ވަނީ މިވަގުތު އަހަންނަށް އެންމެ އެކަށޭނެ ވިސްނުމަކީ ސާލްސްބާގުގައި ހުރުން ކަމަށް،" ފްރެއުންޑް ބުނެފައިވެއެވެ.

ފްރެއުންޑް އިތުރަށް ބުނެފައި ވަނީ މިވަގުތު ސާލްސްބާގުގައި ކުރަމުން އަންނަނީ ވަރަށް ބުރަ އަދި ބޭނުންތެރި މަސައްކަތެއް ކަމަށާއި، މަސައްކަތުގެ މެދުތެރެއިން ދޫކޮށްލާފައި ދެވެން ނޯންނާނެ ކަމަށެވެ. އުމުރުން 45 އަހަރުގެ ފްރެއުންޑް ފާހަގަކުރެވެނީ ކުޅުންތެރިން ރެކްރޫޓްމަންޓަށް ހާއްސަ ޑިރެކްޓަރެއްގެ ގޮތުގައެވެ.

އާލިންގް ހާލަންޑާއި ސަޑިއޯ މާނޭއާއި ޑަޔޮޓް އުޕަމެކާނީ ފަދަ ކުޅުންތެރިނަކީވެސް ސާލްސްބާގުގެ އެކަޑެމީގެ އުފެއްދުންތައް ކަމަށްވާ އިރު، ޗެލްސީގެ ޓްރާންސްފާ ކަންކަމަށްވެސް ވަނީ ބޮޑެތި އެހީތެރިކަމެއް ބޭނުންވެފައެވެ. ހާއްސަކޮށް ޗެލްސީގެން ޓެކްނިކަލް ޑިރެކްޓަރުގެ މަގާމު މިހާރު ވަގުތީ ގޮތުން އަދާކުރަނީ ކްލަބުގެ ޗެއާމަން ބޯލީއެވެ.

ބޯލީ ވަނީ ޗެލްސީއާ ހަވާލުވެ ބަދަލުތަކެއް ގެނައި ގެނައުމުގައި އެ ކްލަބުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައި ހުރި، ޕީޓާ ޗެކް އެ މަގާމުން ދުރުކޮށްފައެވެ. އޭގެ ފަހުން މި ޓްރާންސްފާ ސީޒަނުގައި ސީދާ ބޯލީ ކްލަބުތަކާ މަޝްވަރާކުރި އިރު، ޗެލްސީގެ ޓްރާންސްފާތަކަށް ވަނީ ބައެއް ފާޑުކިޔުންތައްވެސް އަމާޒުވެފައެވެ.

ހާއްސަކޮށް ފްރެއުންޑް ގެންދަން ބޯލީ އެންމެ ބޭނުންވަނީ ޗެލްސީގެ ރެކްރޫޓްމަންޓް ސިސްޓަމް ޑޭޓާ ބޭސްޑް ސިސްޓަމަކަށް ބަދަލުކުރަން ކަމަށްވެސް ނޫސްތައް ބުނެފައިވެއެވެ.