އައްޑޫ ސިޓީ ހިތަދޫގައި ފުލުހުންނަށް އިންޒާރުދިން ދެ މީހުންގެ ބަންދަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން 15 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ މި މަހުގެ 19 ވަނަ ދުވަހު ހިތަދޫގައި ލައިސެންސް ނެތި، ނުރައްކާތެރިކޮށް ސައިކަލެއް ދުއްވުމުން އެ ސައިކަލް ޓޯކުރި ކަމަށެވެ.
ސައިކަލް ޓޯކުރުމުން ފުލުހުންގެ ތަކެއްޗަށް ގެއްލުންދީ ރޯކޮށްލާނެ ކަމަށް ދެ ޒުވާނަކު އިންޒާރުދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އުމުރުން 21 އަހަރުގެ މީހަކާއި 22 އަހަރުގެ މީހަކު މިއަދު ވަނީ ހައްޔަރު ކޮށްފައެވެ. އަދި މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އައްޑޫގައި ފުލުހުންނަށް އިންޒާރުދީފައިވާ އިރު، މިމަހުގެ 19 ވަނަ ދުވަހު މާފަންނުގައި ހަރަކާތްތެރިވާ ގޭންގަކުން ވަނީ މާފަންނު ޕޮލިސް ސްޓޭޝަނަށްވަދެ ފުލުހަކަށް މަރުގެ އިންޒާރުދީފައެވެ.
އަދި ހެންވޭރުގައި ހަރަކާތްތެރިވާ ގޭންގަކުން ވެސް ވަނީ މިމަހުގެ ކުރީކޮޅު ތިން ފުލުހަކަށް ހަމަލާދީފައެވެ.
ފުލުހުންނަށް ދެމުން އަންނަ ހަމަލާތަކާއި އިންޒާރުތަކާ ގުޅިގެން ޕޮލިސް ކޮމިޝަނަރު ހަމީދު ވިދާޅުވެފައިވަނީ، އެފަދަ ކަންކަމަށް ފުލުހުންނަށް މިހާރު ދިމާވަނީ ރާވައިގެން ކުށްތަކަށް އަރައި ގަންނަ ގޭންގުތަކާ ދެކޮޅަށާއި މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ސަބަބުން ކަމަށެވެ.
ހަމީދު ވިދާޅުވެފައިވަނީ ފުލުހުންނާ ދެކޮޅަށް ހިންގާ އެފަދަ އަމަލުތަކުގެ ސަބަބުން ގޭންގުތަކާ އަދި މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. އަދި ގްރޫޕް ހަދައިގެން ކުށްކުރުމާއި އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ހިންގައި ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވަންނަ ގޮތަށް ހަރަކާތްތެރިވާ ގުރޫޕުތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ހަމީދު ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު