Close
ޚަބަރު

ވެންޓިލޭޓަރު މައްސަލަ: އޭސީސީން ޓެކްނިކަލް މައްސަލަތައް ހައްލު ކުރުމުން ދައުވާ ކުރާނަން: ޝަމީމް

އިބްރާހިމް ޒަކީ

ކޮވިޑް-19ގެ ފަރުވާއަށް ދުބާއީގެ އެގްޒެކިއުޓާސްއާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމަށް 34 މިލިއަން ރުފިޔާގެ މުއާމަލާތުގައި ހިނގާފައިވާ ކަމަށް ބުނާ ކޮރަޕްޝަން މައްސަލައިގައި، ހިމެނޭ ޓެކްނިކަލް ކަންތައްތައް އެންޓި ކޮރަޕްޝަން ކޮމިޝަނުން ރަނގަޅު ކުރުމުން އެ މައްސަލައިގައި ހިމެނޭ ފަރާތްތަކަށް ދައުވާ ކުރައްވާނެ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު ވިދާޅުވެއްޖެއެވެ.

ޝަމީމު މިހެން ވިދާޅުވީ، ޖިނާއީ މައްސަލަތަކާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މަސްއޫލިއްޔަތު އަދާކުރަމުންދާގޮތާއި އެ އޮފީހަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން ޕްރޮސެކިއުޓާ ޖެނެރަލާ އެކު މިއަދު ބޭއްވި ބައްދަލުވުގައި އެ ކޮމިޓީގެ މެމްބަރު އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.

ހަސަން ލަތީފު ސުވާލު ކުރެއްވީ އެކި ފަހަރުމަތިން އެ މައްސަލައިގައި ދައުވާ ކުރުމަށް އޭސީސީން ޕީޖީ އަށް ފޮނުވި ނަމަވެސް ދައުވާނުކޮށް އެ މައްސަލަ އަލުން އަނބުރާ އޭސީސީއަށް ފޮނުވާލާފައިވާ އިރު، އެ މައްސަލައިގެ އެންމެ ފަހުގެ އަޕްޑޭޓް އޮޅުން ފިލުއްވުމަށެވެ.

ހަސަން ލަތީފުގެ ސުވާލަށް ޖަވާބު ދެއްވަމުން ޕީޖީ ޝަމީމު ވިދާޅުވީ، އޭސީސީން އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވި އިރު ކުދިކުދި ބައެއް ޓެކްނިކަލް މައްސަލަތައް ފާހަގަ ކުރެވިފައިވާ ކަމަށެވެ. ކުދި ނަމަވެސް އެކަންތައްތަކަކީ ޕީޖީއަށް މައްސަލަ ގެއްލުމުގެ ފުރުސަތު އޮތް ކަންކަން ކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެއީ ކޮންމެހެން އިސްލާހު ކުރަންޖެހޭ ކަންތައްތަކެއް ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކޮންމެހެން އިސްލާހު ކޮށްލަންޖެހޭ ބައެއް ކަހަަލަ ކުދި ކުދި ޓެކްނިކަލް ކަންކަން އެބަހުރި، އެކަންކަން އިސްލާހު ނުކޮށް ގޮއްސިއްޔާ އަޅުގަނޑުމެންނަށް މައްސަލަ ގެއްލުމުގެ ފުރުސަތު އޮންނާނެ ނަމަވެސް އަނެއްހެން އެހާ ބޮޑު މައްސަލަތަކެއް ނޫން އެއީ،" ޕީޖީ ވިދާޅުވިއެވެ.

އެކަންކަން އިސްލާހުވުމުން މިހާރު ލިބިފައި ހުރި މައުލޫމާތުތަކުން އެކަމުގައި ބައިވެރިވި ބައެއްގެ މައްޗަށް ދައުވާ ކުރެވޭނެ ކަމަށްވެސް ޝަމީމު ވިދާޅުވިއެވެ.

ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އޭސީސީން ހަތަރު ފަހަރެއްގެ މަތިން ޕީޖީ އަށް މައްސަލަ ފޮނުވިއެވެ. އެގޮތުން އެންމެ ފަހުން އެ މައްސަލަ މިދިޔަ ޖޫން މަހު ޑިއުޓީ ޕްރެސިކިއުޝަނަށް ފޮނުވި ނަމަވެސް އެކަމުގައި ބައެއް ކަންކަން ފުރިހަމަކުރަން ހުރި ކަމަށްބުނެ ޕީޖީ ވަނީ އެ މައްސަލަ އަނބުރާ އޭސީސީއަށް ފޮނުވާލައިފައެވެ.