ބާސެލޯނާ

ބާސާއަށް 86 މިލިއަން ޕައުންޑްގެ ފައިދާއެއް

ސްޕެއިންގެ ބާސެލޯނާއަށް މިދިޔަ އެއްއަހަރު ދުވަހު ދުވަހު 86 މިލިއަން ޕައުންޑްގެ ފައިދާއެއް ވެފައިވާ ކަމަށާއި، އަންނަ އަހަރު 240 މިލިއަން ޕައުންޑްގެ ފައިދާއެއް ވާނެ ކަމަށް ލަފާކުރާ ކަމަށް ކްލަބުން ބުނެފިއެވެ.

ބާސާ މިދިޔަ ސީޒަން ފެށީ ފައިސާގެ ދަތި ހާލަތެއްގައެވެ. އެންމެފަހުން ނިމިދިޔަ ދިޔަ ސީޒަނަށް ބާސާ ނުކުތީ 422 މިލިއަން ޕައުންޑް ދަރަނީގައި އޮވެގެންނެވެ. އެ ޓީމަށް ކުޅުންތެރިން ގެންދިޔަ ނަމަވެސް، ކްލަބުގެ ފައިދާ ދަށްވުމުން، ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވިވެސް ގިނަ ދުވަސްތަކެއް ހޭދަވެއެވެ. އެއީ ލަލީގާގެ އުސޫލުތަކުގެ ސަބަބުންނެވެ. ލަލީގާގެ އުސޫލުތައް ބުނާ ގޮތުން ކުޅުންތެރިންގެ މުސާރައިގެ ގޮތުގައި ހަރަދުކުރެވޭނީ ކްލަބަށް ވާ ފައިދާގެ ވަކި އިންސައްތައެއް ކަމަށްވާތީއެވެ.

ބާސާއިން ވަނީ މުސާރައިގެ އޮނިގަނޑު ކުޑަކުރަން ބައެއް ކުޅުންތެރިންގެ މުސާރަތައްވެސް ކަނޑައިފައެވެ. ހާއްސަކޮށް ސީނިއާ ކުޅުންތެރިންގެ މުސާރަތައް ކުޑަކުރުމުގެ އިތުރުން ގިނަ ކުޅުންތެރިންތަކެއް ވިއްކަންވެސް ވިއްކާފައިވެއެވެ. އޭގެ ތެރޭގައި ކްލަބުގެ އެންމެ އަގުހުރި އެސެޓް ލިއޮނެލް މެސީ ހިމެނެއެވެ. މެސީއަށް ބާސާ ދޫކޮށްލަން ޖެހުނީވެސް އޭނާގެ މުސާރަ ބޮޑުވެ، ކްލަބަށް އޮނިގަނޑަށް ނުފެތުމުންނެވެ.

އެ ހާލަތުގައި އޭރު ބާސާ އޮތް ނަމަވެސް އާ ރައީސް ޖޯއާން ލަޕޯޓާ މަގާމާ ހަވާލުވެ، ކްލަބުގެ މާލީ ހާލަތު އިތުރު ކުރުމަށް ފިޔަވަޅުތަކެއް އަޅާފައިވެއެވެ. އެގޮތުން އެ ކްލަބުން ވަނީ "އެކޮނޮމިކް ލެވާސް" ބޭނުންކޮށް ފަންޑް އިތުރު ކޮށްފައެވެ. މިދިޔަ ސީޒަނުގެ ތެރޭގައި ބާސާއިން އެ ކްލަބުގެ ޓީވީ ރައިޓްސް ކުރިއަށް އޮތް ސީޒަންތަކަށް ވިއްކާލުމުގެ އިތުރުން މީޑިއާ ޕްރޮޑަކްޝަން ސްޓޫޑިއޯވެސް ވިއްކާލައިފައިވެއެވެ.

މި ސީޒަނަށް އަލަށް ގެންދިޔަ ކުޅުންތެރިން ކަމަށްވާ ރޮބާޓް ލެވަންޑޯސްކީއާއި ރަފީނިއާ އަދި ޖޫލް ކޫންޑޭ ރަޖިސްޓްރީ ކުރުމަށްވެސް ބާސާއިން ވަނީ ސްޓޫޑިއޯގެ އިތުރު ބައެއްގެ 24،5 އިންސައްތަ ހިއްސާ އޯފޭސް މީޑިއާއަށް 84.6 މިލިއަން ޕައުންޑްގައި ވިއްކާލައިފައެވެ.