ބަންގްލަދޭޝްއިން ފުރަތަމަ ފަހަރަށް އަންހެން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފިއެވެ.
ނޭޕާލުގެ ކަތަމަންޑޫގައި މިއަދު ކުޅުނު ސާފް އަންހެން ފައިނަލްގައި ބަންގްލަދޭޝްއިން ނޭޕާލް ބަލިކުރީ 3-1 ގެ ނަތީޖާއަކުންނެވެ. ބަންގްލަދޭޝްއިން ފުރަތަމަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި އިރު، މިއީ އިންޑިއާ ފިޔަވާ އެހެން ގައުމަކުން ސާފް އަންހެން ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.
މީގެ ކުރިން ބޭއްވި އަންހެން ސާފް ޗެމްޕިއަންގެ ފަސް މުބާރާތްވެސް ނެގީ އިންޑިއާއިންނެވެ. މިފަހަރު އިންޑިއާ ކަޓުވާލައި ނޭޕާލުން ފައިނަލަށް ދިޔަ ނަމަވެސް ބަންގްލަދޭޝް ފެނުނީ މާ ވަރުގަދަ ކޮށެވެ. މިއަދުގެ މެޗުން ބަންގްލަދޭޝްގެ އަންހެން ޓީމުން ހޯދި މޮޅަކީ ނޭޕާލްގެ އަންހެން ޓީމު ކައިރިން އެޓީމުން ހޯދި ފުރަތަމަ މޮޅުވެސް މެއެވެ. މީގެ ކުރިން ކުޅެފައި އޮތް އަށް މެޗުގެ ތެރެއިން ހަ މެޗު ނޭޕާލުން ކާމިޔާބުކުރި އިރު، އަނެއް ދެމެޗު އޮތީ އެއްވަރުވެފައެވެ.
މިއަދުގެ ފައިނަލް މެޗުގައި ބަންގްލަދޭޝްގެ ސްރިމޯޓީ ކްރިޝްނާ ރާނީ ސާކާރު ވަނީ ދެ ގޯލު ޖަހައިފައެވެ. އަދި އެޓީމުގެ އަނެއް ގޯލު ޖެހީ ޝަމްސުންނަހާރު ޖޫނިއާއެވެ. ނޭޕާލުގެ ހަމައެކަނި ގޯލު ޖެހީ އަނީޓާ ބަސްނެޓެވެ. މިފަހަރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމާއި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމު ލިބުނީ ބަންގްލަދޭޝްގެ ސަބީނާ ހާތޫނަށެވެ.
ސަބީނާ ވަނީ މުބާރާތުގައި އަށް ގޯލު ޖަހައިފައެވެ.
މިއަހަރު ސާފް ޗެމްޕިއަންޝިޕްގެ ފައިނަލަކީ ބަންގްލަދޭޝްގެ އަންހެން ފުޓުބޯޅަ ތާރީހުގައި ސާފް އަންހެން މުބާރާތުގައި ކުޅުނު ދެވަނަ ފައިނަލެވެ. މީގެ ކުރިން 2016 ވަނަ އަހަރު ބަންގްލަދޭޝް ވަނީ ފައިނަލްގައި އިންޑިއާ އަތުން ބަލިވެފައެވެ.
ރާއްޖޭގެ އަންހެން ޓީމު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް ނިންމާލީ މޮޅެއް ނުލިބިއެވެ. ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުންވެސް ރާއްޖެ ބަލިވި އިރު، ގޯލެއްވެސް ޖެހިފައި ނުވެއެވެ.
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް
ސާފް ޗެމްޕިއަންޝިޕް