ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ސްޕައި ކެމެރާ ގެންގުޅުނު މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެ މީހުން އަނބުރާ ގައުމަށް ފޮނުވާލައިފިއެވެ.
ވީއައިއޭ ތެރޭގައި ސްޕައި ކެމެރާ ގެންގުޅުނު މައްސަލައެއްގައި ދެ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ. އެ ދުވަހު އެ ދެމީހުން ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ ބަންދަށް 10 ދުވަސް ޖަހައިފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ވަން" އަށް މިއަދު ވިދާޅުވީ، އެ ދެ މީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށެވެ. އެ މީހުން އަނބުރާ ގައުމަށް ފޮނުވާލީ ޖިނާއީ ތުހުމަތެއް ކުރެވޭ ވަރަށް ހެކި ނެތިގެން ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
އެ ދެ މީހުން ބަންދުން ދޫކޮށްލާފައިވަނީ މިމަހުގެ އަށް ވަނަ ދުވަހުއެވެ. އަދި މި މަހުގެ ނުވަ ވަނަ ދުވަހު ދެ މީހުން ރާއްޖެއިން ފޮނުވާލާފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
ފުލުހުން އޭރު ބުނެފައިވަނީ ވީއައިއޭގައި ވެރިއަކު ނެތި ދޫކޮށްލާފައި ލަގެޖެއް ހުރިކަމުގެ މައުލޫމާތު ލިބިގެން އޮގަސްޓު މަހުގެ 28 ވަނަ ދުވަހު ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި ލަގެޖުގައި އޮތް ގަމީހެއްގައި ބަޓަން ކެމެރާއެއް ހަރުކޮށްފައިވާކަން އެނގުމާ ގުޅިގެން ލަގެޖު ބެހެއްޓި ފަރާތް ސާފުކުރުމަށް އެ ލަގޭޖާ ގުޅުންހުރި ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.
އެ ދެމީހުން ފޮނުވާލާފައިވާ އިރު، ވީއައިއޭގައި ސްޕައި ކެމެރާ ގެންގުޅުނު މައްސަލައިގައި، އެތަނުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު ހުމައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލަ މިއަދު ވަނީ މަޖިލީހުން ބޭރުކޮށްލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު