މިދިޔަ އަހަރުގެ މެއި މަހުގެ ހަވަނަ ދުވަހުގެ ރޭ ސައިކަލެއްގައި އައިއީޑީއެއް ހަރުކޮށްގެން ގޮއްވާލައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަންދިން ހަމަލާގެ އެއް މޭސްތިރިޔާ ކަމަށް ބުނާ ހއ. މޮޅަދޫ، ބަހާރުގޭ، އަބްދުﷲ އަލިމަނިކަކީ ހަރުކަށި ފިކުރުގެ މީހުންގެ މެދުގައި ޖެހުނު މައްސަލައެއްގައި ގާޒީއެއް ގޮތުގައިވެސް މަސައްކަތް ކުރި މީހެއް ކަމަށް ސިއްރު ހެކިވެރިޔަކު ޝަރީއަތުގައި މަޖިލީހުގައި މިއަދު ބުނެފިއެވެ.
ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން އަލިމަނިކަށް ވަނީ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ކުށުގެ ދައުވާކޮށްފައެވެ. އެ ދައުވާއަށް އޭނާ އިންކާރު ކުރުމުން، ކުރިމިނަލް ކޯޓުގައި މިހާރު ކުރިއަށް ދަނީ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކީންގެ ހެކިބަސް ނެގުމުގެ ޝަރީއަތްތަކެވެ.
އެ މައްސަލައިގައި ކުރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ސިއްރު ދެ ހެކީންގެ ހެކިބަސް ނަގައިފައެވެ. އެއީ ސިއްރު ހެކި އެކެއްގެ އިތުރުން ސިއްރު ހެކި ފަހެއްގެއެވެ.
ކާކުކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ހެކިބަސް ދެމުން ފުރަތަމަ ހެކިވެރިޔާ ބުނީ، އޭނާ އާއި އަލިމަނިކު ދިމާވީ 2019 ވަނަ އަހަރުގެ ތެރޭގައި އަލިމަނިކު ނަގައިދިން "ތައުހީދު ކްލާސް" އެއްގެ ތެރެއިން ކަމަށެވެ. އަދި ތައުހީދު ކްލާސްތައް މެދުވެރިކޮށް، ރާއްޖެއަކީ ކުފުރުގެ ބިމެއް ކަމަށާއި ދިވެހި ދައުލަތަކީ ކުފުރުގެ ދައުލަތެއް ކަމާއި އެ ދައުލަތް ގަބޫލު ކުރާ މީހުންގެ ލޭ ހުއްދަވާނެ ކަމަށްވެސް އަލިމަނިކް ކްލާހުގެ ބައިވެރިންނަށް ކިޔާދިން ކަމަށް ހެކިވެރިޔާ ބުންޏެވެ.
ތައުހީދު ކްލާސްތަކުގައި ބައިވެރިވެފައިވަނީ ހުސް ފިރިހެނުން ކަމަށާއި ހަރުކަށި ފިކުރުގެ މީހުންގެ ތެރޭގައި އަލިމަނިކު މަޝްހޫރު ވެފައި އޮންނަނީ "އަބޫ ބާރާ"ގެ ނަމުން ކަމަށެވެ. އޭރު އޭނާއަށް 18 އަހަރުވެސް ނުވާ ކަމަށް ހެކިވެރިޔާ ބުންޏެވެ.
ހެކިވެރިޔާ ބުނީ، ހަރުކަށި ފިކުރު ގަބޫލުކުރާ ދިވެހިންގެ ތެރޭގައި އުފެދޭ ހިޔާލުތަފާތުވުންތައް ހައްލުކޮށް، އެކަމުގައި ޝަރުއީ ގޮތް ކަނޑައަޅާ މީހުންގެ ތެރޭގައި އަލިމަނިކު ހިމެނޭ ކަމަށެވެ.
އެކަމުގެ މިސާލެއް ކިޔައިދެމުން އޭނާ ބުނީ ޓެރަރިޒަމްގެ މައްސަލައިގައި މިހާރު ބަންދުގައި ހުރި އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުގެ ރާއްޖޭގެ ލީޑަރު ކަމަށް ތުހުމަތު ކުރާ، ޏ. ފުވައްމުލަކު/ މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް ކުރެވުނު ހިޔާނާތުގެ ތުހުމަތެއްގައި ޝަރުއީ ގޮތް ނިންމުމަށް، އަލިމަނިކު ހަމަޖެއްސި ކަމަށާއި އަލިމަނިކު ހަމަޖެއްސީ އައްމަޑޭ ކިޔާ މީހަކު ކަމަށެވެ.
އަމީނުގެ މައްޗަށް ކުރެވުނީ ސީރިއާގައި ތިބި ދިވެހިންނަށް ފޮނުވަން ހުރި ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.
އެ މައްސަލައިގައި އަމީންގެ މައްޗަށް ހެކި ނެތުމުން އެ މައްސަލަ އަމީންގެ މައްޗަށް ސާބިތުނުވާ ކަމަށް އަލިމަނިކު ނިންމާފައިވާ ކަމަށްވެސް ހެކިވެރިޔާ ބުންޏެވެ.
އަލިމަނިކަކީ، 2007 ވަނަ އަހަރު ސަލާމަތީ ބާރުތަކާ ދެކޮޅަށް އއ. ހިމަންދޫގައި ހަމަލާދީފައިވާ މީހުންގެ ތެރޭގައި ހިމެނޭ މީހެކެވެ. އެ މައްސަލައިގައި ދައުވާކޮށް 2008 ވަނަ އަހަރުގެ މެއި މަހުގެ 15 ވަނަ ދުވަހު އޭނާގެ މައްޗަށް ވަނީ ދިހަ އަހަރުގެ ޖަލު ހުކުމެއްވެސް އިއްވައިފައެވެ.
އެ މައްސަލައިގައި އަލިމަނިކު ޖަލަށްލާފައި ވަނިކޮށް ދެ ފަހަރެއްގެ މަތިން އޭނާ ޖަލުން ފިލާފައިވެސްވެއެވެ.
އޭގެ ފަހުން ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމަތަކަށް ދިވެހީން ފޮނުވުމުގައި އިސްދައުރެއް އަދާކުރުމާއި ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ޓެރަރިޒަމް ހަމަލާއެއް ރާވަމުންދާ ކަމުގެ ތުހުމަތުގައި އޭނާ ހައްޔަރު މިދިޔަ އަހަރުގެ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު