ތިލަފުށި ކައިރީގައި އޮތް ފަޅެއް، ބޯޓް ބިލިޑިން ސްކޫލެއް ހިމެނޭގޮތަށް ތަރައްގީ ކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އިން ބުނެފިއެވެ.

ޓްރާސްޕޯޓް މިނިސްޓްރީން މިކަން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް އެ މިނިސްޓްރީގެ އަހަރީ ރިޕޯޓު ހުށަހަޅަމުންނެވެ.

މި ރިޕޯޓް ހުށަހަޅުއްވައި ދެއްވީ އެ މިނިސްޓްރީގެ އެސިސްޑެންޓް ޑިރެކްޓާ ހުސެއިން ނިޒާރުއެވެ.

ހުސެއިން ނިޒާރު ވިދާޅުވީ، އިންޓަނޭޝަނަލް ބޯޓް ބިލްޑިން އަށް ހާއްސަ ކޮށްގެން، ކޮންސެޕްޓެއް ފަރުމާ ކުރަމުންދާ ކަމަށާއި އެ މަސައްކަތުގެ ދަށުން ތިލަފުށި ކައިރީގައިވާ ފަޅެއް، ގަލްފު ކްރާފްޓުން ތަރައްގީ ކުރަމުންދާ ކަމަށެވެ.

އެ ފަޅު ތަރައްގީކޮށް ނިމޭއިރު، ބޯޓް ބިލްޑިން ސްކޫލެއްގެ އިތުރުން ބޯޓް ބިލްޑިން ފެސިލިޓީއެއް ގާއިމް ކުރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ މިނިސްޓްރީން މަސައްކަތް ކުރަމުންދަނީ އެ ފެސިލިޓީގައި ބޮޑެތި ލަގްޒަރީ އުޅަނދު ފަހަރުތައް ބަނުމަށް ކަމަށެވެ.

އޭނާ ވިދާޅުވީ، އިންޓަނޭޝަނަލް ސީ ފެއަރާސް އިންޑަސްޓްރީގައި ރާއްޖޭގެ ސީ ފެއަރާސް ޕްރޮމޯޓް ކުރުމުގެ މަސއްކަތްވެސް މިނިސްޓްރީން ކުރަމުންދާ ކަމަށެވެ. އެގޮތުން ސީ ފެއަރާސް ރައިޓްސް އިންޓަނޭޝަނަލްއާ އެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގައި ސޮއިކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.