ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމު

ފަހު މެޗުގައި މިޔަންމާ ކައިރިންވެސް ޒުވާން ގައުމީ ޓީމު ބަލިވެއްޖެ

ވިހި އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުޅުނު ފަހު މެޗުގައި ރޭ މިޔަންމާ ކައިރިންވެސް ބަލިވެއްޖެއެވެ.

ސައުދީ އަރަބިއްޔާގައި ކުރިއަށްދާ ކޮލިފިކޭޝަންގައި ރޭ ކުޅުނު މެޗުގައި ރާއްޖެ، މިޔަންމާ ކައިރިން ބަލިވީ 3-0 ގެ ނަތީޖާއަކުންނެވެ. ކޮލިފައިންގައި ރާއްޖެ ކުޅުނު ހަތަރު މެޗުންވެސްވީ ބައްޔެވެ. ފުރަތަމަ މެޗުގައި އުޒްބެކިސްތާން އަތުން ބަލިވީ 7-0 އިންނެވެ. ދެ ވަނަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން 11-0 އިން ބަލިވި އިރު، ތިން ވަނަ މެޗުގައި ޗައިނާ އަތުން ބަލިވީ 4-0 އިންނެވެ. އަދި ރޭ މިޔަންމާ އަތުން ބަލިވެފައި މިވަނީ 3-0 އިންނެވެ.

ރާއްޖެ ހިމެނޭ ކޮލިފިކޭޝަން ގްރޫޕްގައި ރޭ ކުޅުނު މެޗުގައި ސައުދީ އަރަބިއްޔާ އިން ވަނީ 1-0 އިން ޗައިނާ ބަލިކޮށް އަންނަ އަހަރު އުޒްބެކިސްތާނުގައި އޮންނަ އޭޝިއާގެ 20 އަހަރުން ދަށުގެ މުބާރާތަށް ކޮލިފައިވެފައެވެ. އެ ގްރޫޕުގެ ދެވަނަ ޓީމުގެ ގޮތުގައި ނިންމާލި ޗައިނާ އަށް ވެސް ހުރިހާ ގްރޫޕެއްގެ ދެ ވަނަތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޓީމަކަށް ލިބޭ ޖާތަކުގެ ތެރެއިން އޭޝިއަން ކަޕުގެ ފުރުސަތު ވަނީ ލިބިފައެވެ. އޭގެ އިތުރުން އުޒްބެކިސްތާނުވެސް ހޯސްޓް ގައުމުގެ ގޮތުގައި އޭޝިއަން ކަޕް ކުޅޭނެއެވެ.

ރޭގެ މެޗު ފެށިގެން ރާއްޖެ ކޮޅަށް މިޔަންމާއިން ގިނަ ބޯޅަތަކެއްގައި ނުރައްކާ ކުރި އިރު، އެ ބޯޅަތައް ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ ވަނީ މަތަކޮށްފައެވެ. މިޔަންމާއިން ލީޑުނެގީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައެވެ. އެ ގޯލު ޖެހީ ކައުން ހްޓެޓެވެ.

މިޔަންމާއިން ފަހު ދެގޯލު ޖެހީ މެޗުގެ ފަހުކޮޅުގައެވެ. އެގޮތުން މެޗުގެ 82 ވަނަ މިނެޓުގައި ސްވާން ހެޓް އެޓީމަށް ލީޑުފުޅާކޮށްދިން އިރު، އޭގެ ހަތަރު މިނެޓު ފަހުން، ނަތީޖާގެ ފަރަގު އިތުރަށް ބޮޑުކުރީ މިޔަންމާގެ ކެޕްޓަން، ލާ މިން ޖެހި ގޯލުންނެވެ.