ރާއްޖޭގެ މައި އެއާޕޯޓު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި ސްޕައި ކެމެރާ ގެންގުޅުނު މައްސަލައިގައި، އެތަނުގެ ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަ ކުރަން ގޮވާލައި، ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު ހުމައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
އެ މައްސަލައިގައި ހުސްވި އޯގަސްޓް މަހުގެ 29 ގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އިންޑިއާ ދެމީހުންނެވެ.
އެ މައްސަލައާ ގުޅިގެން މެންބަރު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، އެއާޕޯޓަކީ ކޮންމެ ދުވަހަކު ރާއްޖެ އަންނަ އެތައްހާސް ފަތުރުވެރިންނާއި އަދި ދިވެހި އެތަކެއް ރައްޔިތުން ބޭނުންކުރަމުން އަންނަ، ރައްޖެއަށް އިގްތިސާދީ އެންމެބޮޑު މަންފާއެއް ލިބޭ ތަން ކަމަށެވެ.
އެއާޕޯޓުގައި ދެ ބިދޭސީން ސްޕައި ކެމެރާ ގެންގުޅުނު ހާދިސާ ހިނގުމުގެކުރިން އެކަމުގެ ބައިވެރިން ރާއްޖޭގައި ބައްދަލުވުމެއް ބާއްވާފައިވާ ކަމާއި މިހާދިސާއާ ގުޅިގެން ހައްޔަރުކުރި ދެމީހުންނާ އިންޑިއާގެ އޮފިޝަލަކު ބައްދަލުކޮށް އެ ދެމީހުން ދޫކޮށްލުމަށް އެދިފައިވާ ކަމަށްވެސް ސައީދު ތުހުމަތު ކުރެއްވިއެވެ.
އެކަން ކުރި ދެމީހުން ވަނީ ވީޑިއޯ މެދުވެރިކޮށް އެއާޕޯޓުގެ ކަންކަން ހިނގަމުންދިޔަ ގޮތް ލައިވްކޮށްފައި ކަމަށްވެސް ވިދާޅުވިއެވެ.
ސައީދު ވިދާޅުވީ، އެމީހުން ހަރަކާތްތެރިވަމުން ދިޔައީ އެއާޕޯޓުގެ ސެކިއުރިޓީ ގޭޓުތައް ފަހަނައަޅައި، ޗެކިން ޕޮއިންޓްތަކާއި ކަސްޓަމާއި އިމިގްރޭޝަނާއި އެއާޕޯޓުގެ ސެކިއުރިޓީ އާއި އަދި ފުލުހުންނާއި އެމްއެންޑީއެފަށްވެސް ނޭނގި ކަމަށްވާތީ، ފުލުހުންގެ ފަރާތުން އެކަމާ ގުޅޭ އެކަށީގެންވާ މައުލޫމާތު މީޑިއާތަކަށް ހިއްސާ ކޮށްފައި ނުވާ ކަމަށެވެ.
"މިކަމާ ގުޅުންހުރި ކަންކަން ފުލުހުން ރައްޔިތުންނަށް ސިއްރު ކުރަމުންދާތީ އާއި ހައްޔަރުކުރި ދެމީހުން ވީތަނެއް ވެސް ދިވެހި ފުލުހުންނަށް މިވަގުތު ނޭނގޭތީ އާއި، އެއާޕޯޓުގައި ހިންގި ނުރައްކާތެރި ހާދިސާއާ ގުޅިގެން އަދިވެސް އެތަނުގެ ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް އިތުރު ބަދަލުތަކެއް އައިސްފައި ނުވާތީ އާއި މިފަދަ ކިތަންމެ ކުޑަކަމަކީވެސް ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ކުޑަކުޑަ ރާއްޖޭގެ އިގްތިސާދު ފުނޑި ގައުމަށް އިއާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހޭނެކަމެއް،" ކަމަށްވެސް ސައީދު ވިދާޅުވިއެވެ.
އެހެންކަމުން އެއާޕޯޓުގައި ހިނގައިދިޔަ ހާދިސާގެ ދެފުށް ފެންނަ ތަހުގީގެއް ހިންގުމަށާއި، އެކަމާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ހިއްސާ ކުރުމަށާއި، މިހާރުން މިހާރަށް އެއާޕޯޓުގެ ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަކޮށް އަޅަން ޖެހޭ އެންމެހާ ފިޔަވަޅުތައް ލަސްނުކޮށް އެޅުމަށް ސަރުކާރަށް ގޮވާލާކަމަށް ސައީދު ވިދާޅުވިއެވެ.
މި މައްސަލައަށް މަޖިލީހުގައި ނެގި ވޯޓުގައި، އެވަގުތު ޖަލްސާގައި ތިއްބެވި 41 މެންބަރުންގެ ތެރެއިން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ އެންމެ ހަ މެންބަރުންނެވެ. މައްސަލަ ބަލައިނުގަތުމަށް 34 މެންބަރުން ވޯޓު ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު