އިޓާލިއަން ސެރެއާ އޭގައި ވަރުގަދަ ޔުވެންޓަސްއިން އަލަށް ލީގަށް އައި މޮންޒާ އަތުން ބަލިވި އިރު، އުޑިނޭސީން އިންޓަ މިލާން ބަލިކޮށްފިއެވެ.
އިޓަލީ ލީގުގެ އެންމެ ކާމިޔާބު ކްލަބު ޔުވެންޓަސްއިން މިރޭ ރަށުން ބޭރުގައި ކުޅުނު މެޗުގައި މޮންޒާ އަތުން ބަލިވީ 1-0 ގެ ހަނި ނަތީޖާއަކުންނެވެ. އެ މޮޅަކީ މޮންޒާއަށް ލީގުގައި ހޯދުނު ފުރަތަމަ މޮޅެވެ. އަދި އެއީ ޔުވެންޓަސް ކައިރިންވެސް މިހާތަނަށް އެ ކްލަބަށް ހޯދުނު ފުރަތަމަ މޮޅެވެ.
މިރޭގެ މެޗަށް ނުކުތް އިރު، އަލަށް ލީގަށް ޕްރޮމޯޓްވި މޮންޒާއަށް އޮތީ ހަ މެޗުން މޮޅެއް ނުލިބި، އެއް ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ. އެހެންނަމަވެސް މިރޭގެ މެޗުން ހޯދި ތިން ޕޮއިންޓާއެކު މޮންޒާ ވަނީ ތާވަލުގެ 18 ވަނައަށް ޖެހިލައިފައެވެ. އަނެއްކޮޅުން ކުޅުނު ޔުވެންޓަސް އޮތީ އުނދަގޫ ހާލަތެއްގައެވެ.
މަސިމިލިއާނޯ އަލެގްރީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ޔުވެންޓަސްއަށް އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅެއް ހޯދިފައެއް ނުވެއެވެ. ސެރެއާ އޭގައި މިހާތަނަށް ކުޅުނު ހަތް މެޗުން އެޓީމަށް ހޯދުނީ އެންމެ ދެ މޮޅެވެ. ހަތަރު މެޗަކުން އެއްވަރުވި އިރު، މިރޭ މޮންޒާ އަތުންވީ އެންމެ ފުރަތަމަ ބައްޔެވެ.
މެޗުގެ ފުރަތަމަ ހާފުގައި އެންހޭލް ޑިމަރިއާއަށް ރަތް ކާޑު ދެއްކުމާއެކު އޭގެ ފަހުން ޔުވެންޓަސްއަށް ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެކަމުގެ އުނދަގުލުގައި ކުޅެމުން ދިޔަ ޔުވެންޓަސް ކޮޅަށް މޮންޒާއިން މޮޅުވި ގޯލު ޖެހީ މެޗުގެ 74 ވަނަ މިނެޓުގައެވެ. އެ ގޯލު ޖެހީ ކްރިސްޓިއަން ގައިޖާއެވެ.
މޮންޒާއަކީ އިޓަލީގެ ކުރީގެ ޕްރައިމް މިނިސްޓަރު ސިލްވިއޯ ބަރުލަސްކޯނީގެ ކްލަބެކެވެ. އެ ކްލަބު އޮޓޮމެޓިކުން ކޮލިފައި ނުވި ނަމަވެސް ސެރެއާ އޭއަށް ކޮލިފައިވީ ޕްލޭ އޮފް ކުޅެގެންނެވެ.
މިރޭ އިންޓަ ބަލިވީ 3-1 ގެ ނަތީޖާއަކުންނެވެ. އުޑިނޭސީގެ ދަނޑުގައި ކުޅުނު މެޗުގެ ފަސްވަނަ މިނެޓުގައި ނިކޮލޯ ބަރޭއާ ޖެހި ގޯލުން އިންޓަ ލީޑު ނެގި ނަމަވެސް މިލާން ސްކިރިނިޔާ އަތުން ބައިކޮޅަށް ވަން ގޯލުން މެޗުގެ ނަތީޖާ ހަމަހަމަވިއެވެ. އަދި މެޗުގެ 85 ވަނަ މިނެޓުގައި އުޑިނޭސީއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ ޖަކާ ބިޖޯލެވެ.
މެޗުގައި އުޑިނޭސީން ތިންވަނަ ގޯލެއް ޖެހީ ފަހު މިނެޓުގައެވެ. އެގޯލު ޖަހައި ނަތީޖާގެ ފަރަގު ބޮޑުކޮށްދިނީ ޓޮލްގޭ އަރްސްލާނެވެ. ފަހު ދެ ގޯލަށްވެސް އެސިސްޓް ކޮށްދިނީ ޖެރާޑް ޑެލޮފޫއެވެ.
މެޗުން މޮޅުވެ އުޑިނޭސީ ވަނީ ތާވަލުގެ އެއްވަނައަށް ޖެހިލައިފައެވެ. އެޓީމު އެއްވަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އެޓްލާންޓާ އޮތް އިރު، އެޓީމުން ރޯމާ ބަލިކޮށްފިނަމަ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. އެއީ ހަ މެޗުން އެޓްލާންޓާއަށް 15 ޕޮއިންޓް ލިބިފައި އޮތުމުންނެވެ.
މިރޭގެ މެޗުން ބަލިވި އިންޓަ ހަތް ވަނައިގައި އޮތީ ހަތް މެޗުން 12 ޕޮއިންޓާ އެކުގައެވެ.