ދިވެހިރާއްޖޭގެ ތާރީޚު

ދިވެހި ތާރީޚު: އައްޑޫއަށް އިނގިރޭސިން ދިޔުމާއި ފޭބުން

އިމާދު ލަތީފު

1

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ 70 އަހަރުވީ ދިގު ރަނިކަން މިމަހުގެ 8 ވަނަ ދުވަހު ކުއްލިއަކަށް ނިމުމާ ގުޅިގެން އިނގިރޭސީންނާއި ދިވެހިރާއްޖޭގެ ގުޅުމާ ބެހޭގޮތުން ދިވެހި އެކިއެކި ނޫސްތަކުގައި ވަރަށް ތަފާތު ލިޔުންތައް ޝާއިއުކުރެވެމުންދާތީ އެބަފެނެއެވެ. އެއްބަޔަކު ބުނެއެވެ. އިނގިރޭސީންނަކީ ރަހުމަތެކެވެ. އަނެއްބަޔަކު ބުނެއެވެ. ބޮޑުވެގެންވާ ދުއްޕާނެކެވެ. މައިގަނޑު ގޮތެއްގައި ވާހަކަ ދެކެވެނީ ރާނީގެ ދައުރުގައި ހިނގާފައިވާ ކަންކަމާއި ގުޅޭގޮތުންނެވެ. ޚާއްސަގޮތެއްގައި 1957 ވަނަ އަހަރުން ފެށިގެން 1976 ވަނަ އަހަރާ ހަމަޔަށް އިނގިރޭސި ސިފައިން އައްޑުއަތޮޅުގައި ގާއިމްވެގެންތިބި ތިބުމާ ގުޅޭގޮތުންނެވެ. އެހެންވީމާ އެ ދައުރާމެދު އަޅުގަނޑުވެސް އެއްޗެއް ބުނެލުމަށް މިއީ ވަރަށް މުނާސަބު ވަގުތެއް ކަމަށް ދެކެމެވެ.

އިނގިރޭސި ސިފައިން އައްޑުއަތޮޅު ގަމުގައި ދާއިމީ ސްޓޭޖިން ޕޯސްޓެއް ހެދުމަށާއި ހިތަދޫގެ އެންމެ ދެކުނުކޮޅުން މާމެންދޫގައި މުވާސަލާތީ މަރުކަޒެއް ގާއިމްކުރުމަށްޓަކައި 1957 ގައި އައްޑޫއަށް ދިޔައީ އެއަހަރު ސިލޯނުގެ ކޮޅުނބުގައި އިނގިރޭސި އޮފިޝަލުންނާއި ދިވެހިރާއްޖޭގެ ބޮޑުވަޒީރު އެއްގަމުގޭ އިބްރާހިމް ފާމުލަދޭރިކިލެގެފާނު ސޮަައިކުރެއްވި އެއްބަސްވުމެއްގެ ދަށުން އެތަންތަން ސަތޭކަ އަހަރަށް ކުއްޔަށް ނެގުމަށްފަހުގައެވެ. މި އެއްބަސްވުމުގައި ފާމުލަދޭރިކިލެގެފާނު ސޮއިކުރެއްވީ ރާއްޖޭގެ ޕާލަމެންޓާއި ކެބިނެޓާއި ރަދުންނާއި މަޝްވަރާ ކުރައްވައި ލަފާ ހޯއްދަވައިގެނެއް ނޫނެވެ. އަދި އައްޑުއަތޮޅުގެ ރައްޔިތުންގެ ރައުޔު ހުރިނެތްގޮތެއް ބައްލަވައިފައެއްވެސް ނޫނެވެ. ހަމަސޮައިކުރެއްވީއެވެ. އެކަމުގެ ނަތީޖާ ވަރަށްވެސް ގޯހެވެ.

ބޮޑުވަޒީރު އިބްރާހިމް ފާމުލަދޭރިކިލެގެފާނަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަގަން ރައްޔިތުންގެ މަޖިލީހުން ތައްޔާރުވިތަނާ އޭނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. ދެން ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ 1957 ގެ ފަހުކޮޅު ވެލާނާގޭ އިބްރާހިމް ނާސިރެވެ. އައު ބޮޑުވަޒީރާއި އައު ސަރުކާރުގެ އެންމެ ފުރަތަމަ އެންގުމަކީވެސް ގަމުގައި އިނގިރޭސިން ކުރަމުންދިޔަ މަސައްކަތް ހުއްޓާލާފައި އައު އެއްބަސްވުމެއް ހެދުމަށް މަޝްވަރާތައް ފެށުމަށެވެ. އޭރު ގަމުގެ ރައްޔިތުން އެރަށުން ބާލައި ފޭދޫގައި ވަޒަންވެރި ކުރުމާއި ފޭދޫގައި ދިރިއުޅުނު މީހުން މަރަދޫގެ އެއްކޮޅަށް ބޭލުމާއި ގަމުގައި ރަންވޭއެއް ގާއިމް ކުރުމުގެ އަމަލީ މަސައްކަތްތައް އިނގިރޭސިން އޮތީ ފަށައިފައެވެ. މިކަންކަން ހުއްޓާލަން އިނގިރޭސިން ބޭނުމެއް ނުވިއެވެ. ދެން އެމީހުން އިޚުތިޔާރުކުރީ ވަރަށްވެސް ހުތުރު މަގެކެވެ.

އިނގިރޭސިން އަޑީގައި ތިބެގެން ރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅު ދިވެހި ދައުލަތުގެ ދަށުން ވަކިވެ ސުވާދީބުގެ ނަމުގައި 1959ގެ ޖެނުއަރީގައި ވަކި ދައުލަތެއް އުފެއްދީއެވެ. މަގުސަދަކީ ދިވެހި ދައުލަތް ބަލިކަށިކޮށްލައި ބިރުދައްކައި ސުވާދީބު ދައުލަތް އިނގިރޭސިވިލާތުން ގަބޫލުކޮށްފާނޭ ކަމުގެ ކުލަވަރު ދައްކައިގެން އިނގިރޭސީން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް މަގުފަހިކުރުމެވެ. އެކަން ކޮންމެވެސް މިންވަރަކަށް ކާމިޔާބުވެސް ކުރިއެވެ. ނާސިރުގެ ސަރުކާރުން އިނގިރޭސީންނަށް ތިރީސް އަހަރުގެ މުއްދަތަށް ގަން ކުއްޔަށްދޭން އެއްބަސްވެ 1960 ވަނަ އަހަރު އައު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މީހުން ބަދަލުކުރުމުގެ ކަންކަންވެސް ކުރިއަށް ގެންދާން ރުހިއްޖެއެވެ. މިކަން މިމަގުން ހިނގީމާ އެއްކަލަ ސުވާދީބު ދައުލަތް އުފަންކުރި ގޮތަށް އިނގިރޭސިން އަޑީގައި ތިބެގެން 1963 ވަނަ އަހަރު އެ ދައުލަތް ކަފުންކޮށް ވަޅުލައިފިއެވެ.

މަތީގައި ބަޔާން ކުރެވުނީ އަޅުގަނޑުގެ އަމިއްލަ ޚިޔާލެއް ނޫނެވެ. އެއީ އިނގިރޭސި ސަރުކާރުގެ ރަސްމީ ސިޔާސަތެވެ. އިނގިރޭސި ވަޒީރުންގެ މަޖިލީހުގެ އަރުޝީފުން ހެކިވެސް ފެންނާން އެއޮތީއެވެ. އިނގިރޭސިވިލާތުގެ އޭރުގެ ސެކްރެޓަރީ އޮފް ސްޓޭޓް ފޯރ ކޮމަންވެލްތު ރިލޭޝަންސް އެލެކް ޑަގްލަސް ހޯމް 1959 ވަނަ އަހަރު ވަޒީރުންގެ މަޖިލީހަށް ހުށައެޅުއްވި ލިޔުމުގައިވެއެވެ. އިނގިރޭސިވިލާތުގެ ހަމައެކަނި މަގްސަދަކީ ދިގު މުއްދަތަކަށް ގަން އަތުލުމެވެ. ނާސިރުގެ ސަރުކާރު މަޖްބޫރީ ހާލަތަކަށް ވައްޓައިލުމެވެ. ނަމަނަމަ ކަލޭމެން ސުވާދީބު ދައުލަތް ގަބޫލު ނުކުރައްޗެވެ. އެ ދައުލަތް އެންގަނޑެއްގެ ގޮތުގައި ބާއްވާށެވެ. މި ސިޔާސަތުގެ މޭވާ މިހާރުވެސް ލިބޭން ފަށައިފިއެވެ. ތިރީސް އަހަރުގެ މުއްދަތަކަށް ގަން ކުއްޔަށްދޭން އެއްބަސްކަމުގެ އިޝާރާތްތައް މާލެއިން ލިބެން ފަށައިފިއެވެ.

އައު އެއްބަސްވުމެއްގެ ދަށުން ތިރީސް އަހަރަށް ގަން ލިބުނުކަމަށްވިޔަސް 1976 ވަނަ އަހަރު އިނގިރޭސިން ގަމުން ފައިބައިފިއެވެ. ގަމުގައި އެމީހުން ތިބީ އެއްބަސްވުމުގައި ބުނާ މުއްދަތުގެ ދެބައިކުޅަ އެއްބަޔަށެވެ. ބައެއް މީހުން ހީކުރެއެވެ. މުއްދަތު ހަމަނުވަނީސް އިނގިރޭސީން ފައިބައިގެންދިޔައީ ރައީސް ނާސިރުގެ ދުއްތުރާ ބޮޑުވެގެންނެވެ. ނޫނެކެވެ. ފަހުން އެޒާތުގެ ތުރާލެއް ނެތެވެ. ތުރާލެއް އޮތިއްޔާ އެތުރާލަކީ އަޑިއަޅަމުންދިޔަ އިނގިރޭސި އިގްތިސާދެވެ. އޭރު އިނގިރޭސި ދިފާއީ ބަޖެޓްހުރީ ޖީޑީޕީގެ ނިސްބަތުން 8 އިންސައްތައިގައެވެ. މިއީ އިނގިރޭސީންނަށް އޮބިއޮންނަވަރުގެ ޚަރަދަކަށް ނުވާތީ 1966 ގެ އިންތިޚާބުގައި ކުރި ހޯދި ލޭބަރ ޕާޓީގެ ސަރުކާރުން ނިންމީ ސުއޭޒް ކެނަލްގެ އިރުމަތީގައިވާ އިނގިރޭސި އެންމެހައި މަރުކަޒުތައް ދޫކޮށްލުމަށެވެ. ޚާއްސަކޮށް ސިންގަޕޫރުގެ ބިޔަ ބޮޑު މަރުކަޒު 70 އިގެ އަހަރުތަކުގެ ކުރީކޮޅުން ފެށިގެން ދޫކޮށްލުމަށެވެ.

ސިންގަޕޫރު ދޫކޮށްލީމާ ހަގީގަތުގައި ގަމުގެ ބޭނުމެއް ނެތެވެ. އެހިސާބަށް ގަން ބޭނުންކުރީ ބޮންއަޅާ ބޯޓުފަހަރާއި އެނޫންވެސް އަސްކަރީ އުޅަނދުތައް ސައިޕްރަސްއިން ނުވަތަ މޯލްޓާއިން ފުރައިގެން ސިންގަޕޫރަށް ދިޔުމުގެ މަގުމަތީގައި ތެޔޮ އެޅުމަށާއި އެނޫންވެސް ޚިދުމަތް ދިނުމަށް މަޑުކުރާ މަންޒިލެއްގެ ގޮތުގައެވެ. ގަމުގެ ދެކުނުން 200 މޭލު ދުރުގައި އޮތް ފޯޅަވަހީގައި އެމެރިކާއިން ވަޔާއި ކަނޑުގެ އަސްކަރީ މަރުކަޒެއް ތަރައްގީކުރަން ފެށުމަކީވެސް ގަމުން ފޭބުމަށް އިނގިރޭސިން ނިންމުމުގެ އެއްސަބަބެވެ. މިއީ މިކަންކަން ހިނގާފައިވާ ގޮތެވެ. ދިވެހީންނަށް ހެޔޮ އެދިގެން، ދިވެހީންނަށް ކަމެއް ކޮށްދިނުމުގެ ނިޔަތުގައި އިނގިރޭސިން އެއްކަމެއްވެސް ނުކުރެއެވެ. އެނޫންގޮތަކަށް ހީކުރާ ބަޔަކު ތިބިއްޔާ އެތިބެވެނީ ތާރީޚީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައެވެ.