ސިއްހަތު

އަލަނާސި: ބޭސްފަރުވާއަށް ފުދޭ ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެއް

މަރިޔަމް ޝަފާ އިބްރާހިމް

އަލަނާސިއަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މީހުން އެންމެ ގަޔާވާ އެއް ޓްރޮޕިކަލް މޭވާއެވެ. އަލަނާސިން ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކުރެއެވެ. ތަފާތު އެތައް ކަމެއްގައި އަލަނާސި ބޭނުން ކުރެވެއެވެ. ތަފާތު ސިއްހީ ފައިދާތަކެއް އެކުލެވޭ މިމޭވާ ބޭސްވެރިކަމަށް ބޭނުންވާ ކަންތައްތަކުގެ އިތުރުން ކެއްކުންތަކުގައި ސަޓަނި ހެދުމުގައި އަދި ފޮނިކާތަކެތި ތައްޔާރުކުރުމުގައާއި ބުއިންތައް ތައްޔާރުކުރުމަށްވެސް ބޭނުންކުރެވެއެވެ.

އަލަނާސިގައި ޕްރޮޓީން، ކާބޯހައިޑްރޭޓް، ފައިބަރ، ވިޓަމިން އޭ، ސީ، ބީ1، ބީ5، ބީ6، ފޯލޭޓް، ޕޮޓޭސިއަމް، ކޮޕަރ، މެންގަނީޒް، ކެލްސިއަމް، ސޯޑިއަމް، މެގްނީޒިއަމް، އަދި ބްރޯމެލޭން ފަދަ ގިނަ ނިއުޓްރިއެންޓްސް ރަނގަޅު މިންވަރަކަށް އެކުލެވިގެންވާއިރު މިއީ ހައްތާވެސް ސިއްހަތަށް ފައިދާހުރި މާއްދާތަކެވެ. ގިނަ ވައްތަރުތައް ހޯދައިގެން މިހުރިހާ މާއްދާތައް ލިބިގަތުމުގެ ބަދަލުގައި އެކައްޗަކުން ހުރިހާ ފައިދާ ލިބުމަކީ ހަމަގައިމުވެސް ކުޑަކަމެއްނޫނެވެ.

އަލަނާސިއަކީ އެންޓި-އިންފްލެމެޓަރީ ބާވަތެއް ހިމެނޭ މޭވާއަކަށްވުމުން، ހުޅުތަކާއި މަސްތަކުގައި ދުޅަވުން މަދުކޮށް، އާތުރައިޓިކް ރިހުން ކުޑަކުރުމަށް މަގުފަހިކޮށްދެއެވެ. އަލަނާސީގައި ވިޓަމިން ސީ ގިނަވުމުގެ ސަބަބުން ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެހީތެރިވެދީ އަދި އެންޓިއޮކްސިޑެންޓެއްގެ ގޮތުގައި މަސައްކަތް ކުރެއެވެ. އަލަނާސީގައި ހުންނަ 'އެސްކޯބިކް އެސިޑް'ގެ މިންވަރު މަތިވުމަކީ ލޭގެ ހުދު ސެލްތަކުގެ ހަރަކާތްތެރިކަން އިތުރުކޮށްދީ ޒަހަމްތަކާއި އަނިޔާވެފައި ހުންނަ ތަންތަން އަވަހަށް ފަސޭހަކޮށްދޭކަމެކެވެ.

އަލަނާސީގައި އެންޓިއޮކްސިޑެންޓްސް އާއި ވިޓަމިން އޭ، ބްރޯމެލޭން، މެންގަނީޒް، އަދި ފްލެވަނޮއިޑްސް ގިނައިން ހިމެނޭތީ، އަނގައާއި އުރަމައްޗާއި ކަރުތެރޭގެ ކެންސަރުން ރައްކާތެރިވުމާ ސީދާ ގުޅުން ހުރި މޭވާއެއްގެ ގޮތުގައި، އަލަނާސި ވަނީ ފާހަގަކުރެވިފައެވެ.

ގޭސްޓްރޯއިންޓެސްޓިނަލް ކޮމްޕްލިކޭޝަންސް އިން ރައްކާތެރިވުމަށްޓަކައި މިއީ ހަމަ ދެވަނައެއް ނެތް، ފަރުވާއަކަށް ފުދޭވަރުގެ މޭވާއެކެވެ. ބަނޑުހަރުވުން، އިރިޓެބަލް ބަވަލް ސިންޑްރޯމް (ބަނޑުހަރުވުންފަދަ ކަންތައްތަކުގެ ސަބަބުން އުނަގަނޑުގައާއި ބަނޑުކޮޅުގައި ރިއްސުމާއި ހާސްވެކަންބޮޑުވެ އެންޒައިޓީފަދަ ނަފުސާނީމައްސަލަތައް ދިމާވުން) އަދި އެތެރޮސްކްލޮރޯސިސް، ލޭމައްޗަށް ދިއުން، ލޭހޮޅިތަކުގައި ލޭގަނޑުވުން ފަދަ ގޭސްޓްރޯއިންޓެސްޓިނަލް ކޮމްޕްލިކޭޝަންތަކުން ވެސް އަލަނާސި ރައްކާތެރިކޮށްދެއެވެ. މިހުރިހާ ކަމަކަށްވެސް އެހީތެރިވެދެނީ އަލަނާސީގައި ހިމެނޭ ފައިބަރުގެ މުއްސަނދިކަމުންނެވެ.

އަލަނާސި ނޭވާލާ ނިޒާމުގެ ބަލިތަކަށްވެސް ވަރަށްބޮޑަށް އެހީތެރިވެދެއެވެ. ކިހިނެއްކަން އެނގޭހެއްޔެވެ. އަލަނާސީގައި ހުންނަ ބްރޯމެލިން އާއި ވިޓަމިން ސީ އަކީ ނޭވާލާ ނިޒާމުގެ ބަލިތަކާއި، މީޔުކަސް، ކެއްސުން އަދި ހުން އައުމަށް ފަރުވާ ދިނުމުގައި އެހީތެރިވެދޭ މާއްދާތަކެކެވެ. އަލަނާސީގައި ރަނގަޅު މިންވަރަކަށް މެންގަނީޒް އެކުލެވިގެންވާތީ، މިއިން ކަށިތައް ވަރުގަދަކޮށް، ކަށިތައް ބޮޑުވެ މަރާމާތު ކުރުމުގައި އެހީތެރިވެދެއެވެ. ނޭވާހިއްލުމަކީ ވަރަށްބޮޑު ވޭނެކެވެ. ނޭވާހިއްލާ މީހުންނަކީ ވަރަށްގިނަ ކަންތައްތައް ތަހައްމަލުކުރަން ޖެހޭ ބައެކެވެ. އަލަނާސިއަކީ ނޭވާހިއްލާ މީހުންނަށް ގިނަ ފައިދާތަކެއް ކޮށްދޭ މޭވާއެކެވެ. ވިޓަމިންސީ، ބީޓާ ކެރޮޓީން އަދި ބްރޯމެލިން ފަދަ މާއްދާއިން ނޭވާހިއްލުމުގެ ވޭން ލުއިކޮށްދެއެވެ.

އަލަނާސިގައި އޭސްޓްރިންޖެންޓް ޕްރޮޕަޓީސް އެކުލެވިގެންވާއިރު، ޓިޝޫތައް ވަރުގަދަކޮށް، ހަންގަނޑު ދޫވެ މަސްތައް ބަލިކަށިވެ މުސްކުޅިވުމުން ދުރުކޮށް، ހަންގަނޑު ވާން(ޓޯން)ކޮށް، އިސްތަށިގަނޑު ފޭބުން ހުއްޓުވައި، އިސްތަށިގަނޑު ވަރުގަދަކޮށްދެއެވެ. ލޯ ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައެވެ.

އަލަނާސިއަކީ މެކިއުލަރ ޑިޖެނެރޭޝަން އާއި ދެކޮޅަށް ވަރަށް ބޮޑަށް ފައިދާހުރި އެއްޗަކަށް ވާއިރު، ލޯ ދުޅަހެޔޮކޮށް ބެހެއްޓުމަށްވެސް އެހީތެރިވެދެއެވެ. އަލަނާސިގައި ހުންނަ ޕޮޓޭސިއަމްގެ މިންވަރު މަތިވުމުން ލޭހޮޅިތަކުގައި ހުންނަ ސްޓްރެސް ލުއިކޮށްދީ ލޭ ދައުރުވުން އިތުރުކޮށްދީ އެކަމުގެ ސަބަބުން ލޭގެ ޕްރެޝަރު ރެގިއުލޭޓް ކުރެވެއެވެ. އަލަނާސީގެ މި ވެސޯޑިލޭޓިންގވައްތަރު އެތެރޮސްކްލޮރޯސިސް، ސްޓްރޯކް، އަދި ހާޓް އެޓޭކް ޖެހުމުން ރައްކާތެރިކޮށްދީ ހިތުގެ ދުޅަހެޔޮ ސިއްހަތެއްގައި ބެހެއްޓުމަށް އެހީތެރިވެދެއެވެ. އަލަނާސި ޖޫސް ބުއިމަކީ ނުވަތަ އަލަނާސި ކެއުމަކީ ކިޑްނީގައި ހުންނަ ހިލަތައް ގިރުވާލާ ކަމެކެވެ.