އެޓާނީ ޖެނެރަލް އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް ހައްވާ ސަނާއާމެދު އެ އޮފީހުން ތަފާތުކުރުންތައް ގެންގުޅެފައިވާކަމަށް ކަނޑައަޅައި، އެ އޮފީހުން އޭނާއަށް ލިޔުމުން ދީފައިވާ އިންޒާރަކީ ބާތިލު ފިޔަވަޅެއް ކަމަށް ނިންމައި، އޭނާއާމެދު އަޅާފައިވާ ފިޔަވަޅާ ބެހޭ އެއްމެހާ ލިޔުންތައް އޭނާގެ ޕާސަނަލް ފައިލާއި، ރެކޯޑުން އުނިކުރުމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން އަމުރު ކޮށްފިއެވެ.

މި މައްސަލައަކީ، ހައްވާ ސަނާ އޭޖީ އޮފީހުގެ ސީނިއާ ސްޓޭޓް ކައުންސެލް މަގާމުގައި ވަޒީފާ އަދާ ކުރަމުން ދަނިކޮށް، ސޮއި ކުރުމުގެ ބާރު ސަނާއަށް ބަންޑާރަ ނާއިބު ދެއްވާފައި ނުވި ނަމަވެސް އޭޖީގެ ފަރާތުން ކޯޓުތަކުގައި ވަކާލާތު ކުރާ ފަރާތްތައް އައްޔަންކުރާ ވަކީލުންގެ ނަންތައް ފޮނުވާސިޓީ،/ނޯޓުގައި ސޮއިކޮށްފައިވާތީ އާއި، އިދާރީ މަގާމެއްގައި ހުރި މުވައްޒިފެއް، އެ އޮފީހުގެ ފަރާތުން ބައިވެރިވާ އެޓާނީއެއްގެ ގޮތުގައި ހިމަނާފައިވާ ނޯޓު ތަކެއްގައި ސޮއިކޮށްފައިވާތީ ކަމަށްބުނެ، ސަނާއަށް ލިޔުމުން އިންޒާރު ދީފައިވާ މައްސަލައެކެވެ.

އެ އިންޒާރާ ގުޅިގެން ސަނާގެ ފަރާތުން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް މައްސަލަ ހުށަހެޅިއެވެ.

މި މައްސަަލަ ބެލުމަށްފަހު ޓްރައިބިއުނަލުން ނިންމި ނިންމުމުގައި ވަނީ، ސަނާއަށް އަޅާފައިވާ އިސްލާހީ ފިޔަވަޅަކީ އެކަށީގެންވާ ހަމައަކުން އަޅާފައިވާ ފިޔަވަޅެއް ކަމުގައި ބުރަ ނުވެނޭކަމަށާއި، އެ ފިޔަވަޅަކީ ވަޒީފާއާބެހޭ ގާނޫނާއި ސިވިލްސާވިސްގެ ގަވާއިދާހިލާފަށް އަޅާފައިވާ ފިޔަވަޅެއް ކަމަށް ކަނޑައަޅާ ކަމަށެވެ. އަދި އޭޖީ އޮފީހުން ސަނާއަށް ދީފައިވާ އިންޒާރަކީ ބާތިލު ފިޔަވަޅެއްކަމަށް ކަނޑައަޅައި، އެ ފިޔަވަޅު އެޅުމުގައި ވަޒީފާއާބެހޭ ގާނޫނާ ހިލާފަށް އޭޖީ އޮފީހުން ތަފާތު ކޮށްފައިވާ ކަމަށް ކަނޑައަޅައި، އެފިޔަވަޅާގުޅޭ އެއްމެހާ ލިޔުންތައް އޭނާގެ ޕާސަނަލް ފައިލާއި، ރެކޯޑުން އުނިކުރުމަށްވެސް ވަނީ އަމުރު ކޮށްފައެވެ.