ރާއްޖޭގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމުން މިމަހުގެ ތެރޭގައި ކުޅެން ތާވަލުކޮށްފައިވާ އެކުވެރިކަމުގެ ދެ މެޗަށް މިއަދު ބުރުނާއީއަށް ފުރައިފިއެވެ.

ގައުމީ ޓީމުން ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ކުޅޭނީ ދެމެޗެކެވެ. އެ ދެމެޗުވެސް ކުޅޭނީ ބުރުނާއީގައެވެ. އެއީ މިމަހު 21 ވަނަ ދުވަހު ބުރުނާއީގައި އެގައުމާ ދެކޮޅަށް ކުޅޭ މެޗާއި 24 ވަނަ ދުވަހު ލާއޯސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ ދެމެޗަށް ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ނަގައިފައި ވަނީ 23 ކުޅުންތެރިންގެ ސްކޮޑެކެވެ. މިފަހަރުގެ ސްކޮޑުން އަލަށް ބައެއް ޒުވާން ކުޅުންތެރިންނަށް ޖާގަ ދީފައިވެއެވެ.

އެގޮތުން އަލަށް ފުރުސަތު ދިން ކުޅުންތެރިންގެ ތެރޭގައި ޓީސީ ސްޕޯޓްސް ކްލަބަށް ކުޅެމުން އަންނަ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ގޯލްކީޕަރު އިޔާން އަބްދުލް އަލީމް (ޗިކީ) އަދި ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބުގެ އަހުނަފް ރަޝީދު (އަހުއްކޮ) އަދި ޔުނައިޓެޑް ވިކްޓަރީގެ އަހުމަދު ބައްސާމް (ބައްކު) ހިމެނެއެވެ.

އޭގެ ތެރެއިން ޗިކީއަކީ ކުރިންވެސް ޕްލިމިނަރީ ސްކޮޑުގައި ހިމެނުނު ގޯލްކީޕަރެއް ނަމަވެސް، ފައިނަލް ސްކޮޑަށް ނެގީ އަލަށެވެ. އަދި ދެން އަލަށް ގައުމީ ޓީމަށް ނެގި ކުޅުންތެރިންނަކީ ޒުވާން ގައުމީ ޓީމުތަކުން މީގެ ކުރިން ފާހަގަކޮށްލެވުނު ކުޅުންތެރިންނެވެ. އަދި ނިމިދިޔަ ސީޒަނުގައިވެސް މޮޅަށް ކުޅުނު ކުޅުންތެރިންވެސް މެއެވެ.

މިވަގުތު ފީފާ ރޭންކިންގެ 156 ވަނައިގައި ރާއްޖެ އޮތް އިރު، ފީފާ ދުވަސްތަކުގައި ކުޅޭ މެޗުތަކުން ރޭންކިންއަށް އަސަރު ކުރާނެއެވެ. އެހެންކަމުން ކުރިއަށް އޮތް ދެމެޗަކީވެސް ފީފާ ރޭންކިންއަށް ގުނާނެ މެޗުތަކެވެ. ރާއްޖެއިން ވަނީ ދާދި ފަހުންވެސް ފީފާ ދުވަސްތަކުގައި އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެއީ ގައުމީ ދަނޑުގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗު 2-0 އިން ރާއްޖެ ވަނީ ކާމިޔާބު ކޮށްފައެވެ.

ގައުމީ ސްކޮޑުގައި ނުހިމެނޭ ކުޅުންތެރިންނަށް ބަލާ އިރު، އެއްވަނަ ކީޕަރު މުހައްމަދު ފައިސަލާއި ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމެއިރާއި އަނިޔާގައި ހުރި އަލީ ފާސިރު (ސެންޓޭ) ހިމެނެއެވެ. އޭގެ އިތުރުން މާޒިޔާގެ މިޑްފީލްޑަރު އިބްރާހިމް އައިޝަމް އާއި އާއިލީ ކަމެއްގައި ޓީމާ ދުރުގައި ހުރި ނާއިޒު ހަަސަން (ދާދު) ވެސް މިފަހަރުގެ ސްކޮޑުގައި ނުހިމެނެއެވެ.

ނިމިދިޔަ ކްލަބު ފުޓުބޯޅަ ސީޒަން ނިމުމާއެކު މީޑިއާ ވާހަކަ ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވަނީ ގައުމީ ސީނިއާ ފުޓުބޯޅަ ޓީމުން ކުރިއަށް އޮތް ތަނުގައި ބޮޑެތި ބަދަލުތަކެއް ފެންނާނެ ކަމަށެވެ. ބައްސާމް އެފަހަރު ވިދާޅުވީ ގައުމީ ޓީމު ޒުވާންކޮށް، ކުރިއަށް އޮތް ތަނުގައި އާ ކުޅުންތެރިންނަށް ފުރުސަތުތަކެއް ދޭން ޕްލޭންތައް ކުރަމުން އަންނަ ކަމަށެވެ.

  • ގޯލްކީޕަރުން: އިޔާން އަބްދުލް އަލީމް (ޗިކީ)
  • ހުސެއިން ޝަރީފް
  • ހަސަން އަލީފް އިބްރާހިމް
  • ޑިފެންޑަރުން: ސަމޫހު އަލީ (ސަމުއްޓެ)
  • އަކުރަމް އަބްދުލްޣަނީ (އަކޫ)
  • އަހުމަދު ނޫމާން (ހެލްމެޓް)
  • އަހުނަފް ރަޝީދު (އަހުއްކޮ)
  • މުހައްމަދު ސައިފް
  • ހަސަން ޝިފާޒް (ޑުންކާ)
  • ހުސެއިން ޝިފާއު ޔޫސުފް (ކްރޯ)
  • ހައިޝަމް ހަސަން (ބިޑި)
  • މިޑްފީލްޑަރުން: ހުސެއިން ނިހާން (ނިހާޓް)
  • ހަސަން ސުފްޔާން (ސޫފީ)
  • މުހައްމަދު އިރުފާން (އިރޭ)
  • އަހުމަދު ހަސަން (އަންމަޑޭ)
  • ހަމްޒާ މުހައްމަދު (ހަމްޕު)
  • އަހުމަދު ބައްސާމް (ބައްކު)
  • އިބްރާހިމް ވަހީދު ހަސަން (އިއްބެ)
  • ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ)
  • ފޯވާޑުން: އަހުމަދު ރިޒްވާން (ރިޒޭ)
  • ހަސަން ރާއިފް އަހުމަދު (ހަންނަ)
  • އަބްދުﷲ ޔާމީން (ޔާނު)
  • އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)