ސްޕެނިޝް ލަލީގާގައި މިރޭ ބާސެލޯނާއިން ކުޅުނު މެޗުގައި އެލްޗޭގެ މައްޗަށް ކުރި ހޯދައިފިއެވެ.

ބާސާއިން އަމިއްލަ ދަނޑުގައި ކުޅުނު މެޗުގައި އެލްޗޭ ކައިރިން ކުރިހޯދީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ބޮޑު ބައެއްގައި އެލްޗޭން ކުޅެން ޖެހުނީ ކުޅުންތެރިޔަކު މަދުކޮށެވެ. އެއީ މެޗުގެ 14 ވަނަ މިނެޓުގައި އެލްޗޭގެ ކެޕްޓަން ގޮންޒާލޯ ވޭދޫއަށް ދެއްކި ރަތް ކާޑާއެކުގައެވެ.

މިރޭގެ މެޗުން މޮޅުވެ ބާސާ، ލަލީގާ ތާވަލުގެ އެއްވަނައަށް ޖެހިލީ ހަ މެޗުން 16 ޕޮއިންޓާ އެކުގައެވެ. ދެވަނައިގައި އޮތް ރެއާލްއިން ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައި އޮތް އިރު، އެޓީމަށް ފަސް މެޗުން ލިބިފައި ވަނީ 15 ޕޮއިންޓެވެ. ރެއާލްއިން މިހަފުތާގައި ކުޅޭ މެޗުގައި ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. މެޑްރިޑް ޑާބީ އޮންނާނީ މާދަމާ ރޭ ރާއްޖެ ގަޑިން 12:00 ގައެވެ.

ރޭގެ މެޗުގައި ބާސާއިން ޖެހި ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ ރަނގަޅު ފޯމެއްގައި ގޯލު ޖަހަމުންދާ ރޮބާޓް ލެވަންޑޯސްކީއެވެ. މި ސީޒަނަށް ބާސާއަށް ބަދަލުވި ލެވަންޑޯސްކީ ވަނީ މިހާތަނަށް އެ ކްލަބާއެކު ކުޅުނު އަށް މެޗުގައި 11 ގޯލު ޖަހައިފައެވެ. އެއީ މިރޭގެ މެޗުގައި ބާސާއިން ޖެހި ތިންވަނަ ގޯލުވެސް ޖެހީ އޭނާ ކަމަށްވާތީއެވެ. ލެވަންޑޯސްކީގެ ދެވަނަ ގޯލަކީ ދެވަނަ ހާފުގައި އޭނާ ޖެހި ގޯލެކެވެ.

ބާސާއިން މެޗުގައި ފުލުފުލުގައި އެޓޭކްކޮށް 25 ހަމަލާ އުފެއްދި އިރު، ބާސާގެ އަނެއް ގޯލަކީ މެމްފިސް ޑިޕޭ ފުރަތަމަ ހާފު ނިމެން ދަނިކޮށް ޖެހި ގޯލެކެވެ.