އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑު ކަމުދިޔަ އިންޑިއާ މީހާގެ ބަންދަށް އެއް ދުވަސް ޖަހައިފިއެވެ.
އެ މީހާ އިސްލާމީ މަރުކަޒުގެ ތެރެއަށް ބޮޑުކަމުދިޔައީ ރޭ 10:00 ހާއިރުއެވެ. އެ މައްސަލައާ ގުޅިގެން ރޭގެ ވަގުތެއްގައި އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
އެ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އެއް ދުވަސް ޖަހައިފައެވެ. އެއީ ފުލުހުންގެ ފަރާތުން ތަރުޖަމާނަކު ހަމަޖައްސާފައި ނުވާތީ، ތަރުޖަމާނަކާ އެކު މުއްދަތު މަޖިލިސް ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމުގެ ގޮތުންނެވެ.
އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމު ގޮސްފައިވަނީ 52 އަހަރުގެ ފިރިހެކެވެ. އޭނާގެ ބަންދުކުރި ކޯޓު އަމުރުގައިވާ ގޮތުގައިވާ އެމީހާއަކީ ސައްހަ ވިސާއެއްގައި ރާއްޖޭގައި އުޅޭ މީހެކެވެ. އަދި އޭނާއަކީ ރިސޯޓެއްގައި މަސައްކަތް ކުރާ މީހެއް ކަމަށާއި އޭނާ ރޭ މާލެ އައީ ރޭގަނޑުގެ ކެއުމަކަށް ކަމަށް ބުނެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ކޯޓު އަމުރުގައިވެއެވެ.
ފުލުހުން އޭނާގެ މައްޗަށް ތުހުމަތުކުރަނީ އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމެވެ. އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރުގެ ހެއްކާއި ގަރީނާ ފުލުހުން ވަނީ ހުށަހަޅައިފައެވެ.
މީގެ ކުރިންވެސް މިސްކިތުގެ ހުރުމަތް ކެނޑުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދި ބައެއް މީހުން ހައްޔަރުކޮށް، ވަނީ ދައުވާވެސް ކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު