ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި، ވިނީޝިއަސް ޖޫނިއާއަށް ނަސްލީ ގޮތުން ދިމާކުރަމުންދާތީ، ދިފާއުގައި ބްރެޒިލްގެ އެތަކެއް ކުޅުންތެރިންނަކާއެކު ޕެލޭވެސް ބަސް ބުނެފިއެވެ.
ވިނީޝިއަސް ޖޫނިއާ ތަފާތު ފޯމެއްގައި ކުޅެމުން އަންނަ އިރު، އޭނާގެ ވާހަކަ ފުރަތަމަ ފެށުނީ ރެއާލްއިން މަލޯކާއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި ވިނީޝިއަސްއަށް އަމާޒުކޮށް ވަރުގަދަ ޓެކުލްތަކެއް މަލޯކާ ކުޅުންތެރިން ކުރިކަން ފެނިގެން ގޮސްފައިވާ އިރު، ސްޕެއިންގެ ނޫސްތަކުން ބުނެފައިވަނީ އެ ޓެކުލްތަކަކީ ކޯޗު ޖާވިއާ އަގުއޭރީ މެޗު ތެރެއިން ކުޅުންތެރިންގެ ކައިރީގައި ބުނެގެން ކުރުވި ޓެކުލްތަކެއް ކަމަށެވެ. އެ ޓެކުލްތަކެއް ކުރުމަށް އަގުއޭރީ އިރުޝާދު ދޭ ބައެއް ވީޑިއޯތައްވެސް އާންމުވެފައިވެއެވެ.
އެ މެޗުގައި ވިނީޝިއަސް ގޯލު ޖަހައި އުފާފާޅުކުރީ ނެށުމަކުންނެވެ. އެ ނެށުމަކީ އިދިކޮޅު ޓީމަށް އިހުތިރާމު ކުޑަކުރުމަށް ނެށި ނެށުމެއް ކަމަށް ބައެއް ކޯޗުން ސިފަކޮށްފައިވާ އިރު، ރެއާލް ކޯޗު ކާލޯ އެންސެލޯޓީ ވަނީ އެކަމުގައި ވިނީޝިއަސް ދިފާއުކޮށްފައެވެ. އެ މައްސަލަ އިތުރަށް ހޫނު ވެގެން ދިޔައީ އެލް ޗުރިންގުއިޓޯއަށް ސްޕެނިޝް ފުޓްބޯލް އެޖެންޓްސްގެ ރައީސް ޕެޑްރޯ ބްރާވޯ ދިން އިންޓަވިއުއަކުންނެވެ.
"އިދިކޮޅު ޓީމަށް އިހުތިރާމުކުރަން ވާނެ. ގޯލެއް ޖަހައިފައި ސަމްބާ ނެށުން ނަށަންޏާ ބްރެޒިލަށް ދޭ. އިދިކޮޅު ޓީމަށް އިހުތިރާމު ކުރަން ޖެހޭނެ. އެ ރާމާމަކުނު ކުޅުނަ ނުދޭންވީ،" ބްރާވޯ އިންޓަވިއުގައި ވިދާޅުވެފައިވެއެވެ.
އެ މައްސަލައިގައި ނޭމާއާއި ބްރެޒިލްގެ އިތުރު ކުޅުންތެރިންވެސް ވިނީޝިއަސްގެ ދިފާއުގައި ނުކުމެފައިވާ އިރު، އެންމެ ބޮޑު ހިތްވަރެއް ދިނީ ފުޓުބޯޅަ ލެޖެންޑް ޕެލޭއެވެ.
"ފުޓުބޯޅައަކީ އުފަލެއް. އެއީ ނެށުމެއް. އެއީ އުފާވެރިކަމުގެ ބޮޑު ޕާޓީއެއް. ނަސްލީ ތަފާތުކުރުންތައް އަދިވެސް ދުނިޔޭގައި އޮތް ނަމަވެސް އެކަމުގެ ސަބަބުން އަހަރެމެންގެ ހިނިތުންވުމެއް ނުހުއްޓޭނެ. އުފަލުގައި ތިބުމަށް އަބަދުވެސް ވަކާލާތުކޮށް، ހައްގުގޮތުގައި ވާހަކަ ދައްކާނަން. އަހަރެން ބޭނުންވަނީ ވިނީޝިއަސްވެސް ގޯލު ޖަހައިފައި ބޭނުން ގޮތަކަށް އުފާކުރަން. ނަށާލަންވީ. އެއީ ބްރެޒިލްގެ ހުނަރުވެރި ކުޅުންތެރިއެއް،" ތިން ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ ޕެލޭ ބުންޏެވެ.
ވިނީޝިއަސް ޖޫނިއާގެ ދިފާއުގައި އީއޭ ސްޕޯޓްސް ފަދަ ބޮޑެތި ކުންފުނިތަކުންވެސް ޓުވީޓު ކޮށްފައިވެއެވެ. އީއޭ ސްޕޯޓްސްއިން ވަނީ ފީފާ ގޭމުގައި އެ ސެލެބްރޭޝަން ހިމަނާނެ ކަމުގެ އިޝާރާތެއްވެސް ދީފައެވެ.
ބްރެޒިލް
ބްރެޒިލް
ބްރެޒިލް
ބްރެޒިލް