އެއް ޖިންސުން ގުޅުން ހިންގި މައްސަލައިގައި ގާނޫނީ ވަކީލް ނާޒިމް ސައްތާރު ތިން މަހާއި 26 ދުވަހަށް ގޭ ބަންދުކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ބަންގުލަދޭޝްގެ އެމްޑީ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ނާޒިމް ވަނީ ކުށަށް އިއުތިރާފުވެ، އެކަމަށް މައާފަށް އެދިފައެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް ކްރިމިނަލް ކޯޓުން މިއަދު ކުރިއަށްގެންދިޔަ ހުކުމް ކުރުމުގެ މަޖިލީހުގައި ނާޒިމަށް އިއްވީ، އެއް މަހާއި 28 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމް ވަނީ ނާޒިމްގެ އެދުމުގެ މަތީންް، ތިން މަހާއި 26 ދުވަހުގެ ގޭބަންދުގެ އަދަބަކަށް ބަދަލުކޮށްދީފައެވެ.

ނާޒިމަށް ލުއި އަދަބެއް ދިނީ އޭނާގެ ކުށުގެ ރެކޯޑެއް ނެތުމާއި ކުށަށް އިއުތިރާފުވެ ތައުބާވެފައިވާތީއެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރާއި ނާޒިމު ސައްތާރުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރިއެވެ.

އަބްދުއްރަހުމާން ރަފީއުއަށް ކުރާ ދައުވާގެ އަޑުއެހުންތައްވެސް ކުރިމިނަލް ކޯޓުގައި މިހާރު ވަނީ ފަށައިފައެވެ. އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަކީލަކު ހަމަޖައްސަން އޭނާއަށް ވަނީ ދިހަ ދުވަސް ދީފައެވެ. އަދި ނަޝީދުގެ މައްސަލަ މިއަދު ފެށި ނަމަވެސް އޭނާގެ މައްސަލައިގައި ކުރިއަށްދަނީ ވަގުތީ އަމުރަކާ މެދު ގޮތް ނިންމުމުގެ ބައެވެ.

މި މައްސަލައިގައި އަލަމްގީރަށް ކުރި ދައުވާގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، ހަތް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.