ޚަބަރު

ކުންފުނިތަކުން ދައްކަން ހުރި ޖޫރިމަނާތައް އުވާލަން ގާނޫނަށް އިސްލާހު ހުށަހަޅާނަން: ފައްޔާޒު

އިބްރާހިމް ޒަކީ

އަހަރީ ރިޕޯޓް ހުށަނާޅާ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުން ދައްކަންޖެހޭ ޖޫރިމަނާ މާފުކޮށްދިނުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް އިކޮނޮމިކު މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މިހާރު އަމަލުކުރަމުން އަންނަ ޒަމާންވީ ކުންފުނީގެ ގާނޫނު ބަދަލުކުރަން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާ ގުޅޭ ގޮތުން މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާރު ގާނޫނު އޮންނަ ގޮތުން ކުންފުނީީގެ ރިޕޯޓު ހުށަނޭޅުމުން މެނޭޖިން ޑިރެކްޓަރު 10،000 އިން ޖޫރިމަނާ ކުރެވޭ ކަމަށެވެ.

ނަމަވެސް އެގޮތަށް ޖޫރިމަނާ އަރަމުން ގޮސް، ނުހިންގާ އޮތް 14،000 އެއްހާ ކުންފުނި އުވާނުލެވި އެބަ ހުރި ކަމަށް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ހުއްދައެއްގެ ދަށުން އެގޮތަށް ނުހިންގާ ހުރި ކުންފުނިތަކުން ދައްކަންޖެހޭ ޖޫރިމަނާ މާފުކޮށްދިނުމަށްފަހު އެ ކުންފުނިތައް އުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ގާނޫނު މިހާރު އޮތް ގޮތުން ޖޫރިމަނާ ނުދެއްކިގެން ކުންފުނި އުވާނުލެވި، އެ މައްސަލައިގައި އުމުރުން ދުވަސްވީ މީހުންވެސް ކޯޓަށް ގެންދިއުމަށް ހައްލެއް ގެންނަންޖެހޭ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެނަށް އެބަ ފެނޭ 80 އަހަރު ވެފައި ތިބި މަންމައިންނާއި އަނބިން، ދަރިފުޅު ބުނެގެން ހިއްސާއަކަށް ސޮއިކޮށްލައިގެން ތާށީވެފައިވާތަން، ދޭތެރެ ދޭތެރެއިން ބަލިހާލުގައި އޮއްވައި ކޯޓަށް އެބަ ގެންދޭ އެހެންކަމުން އެކަމަށް އެބަޖެހޭ ހައްލެއް އަންނަން،" މިނިސްޓަރު ވިދާޅުވިއެވެ.