ޚަބަރު

ނިހާންގެ މައްސަލާގައި ދިފާއީ ހެކިންގެ ގޮތުގައި ޕީޖީ ޝަމީމް، މަހުލޫފް އަދި އަލީ ވަހީދު ހާޒިރުކުރަނީ

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތުގެ މައްސަލާގައި ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ މައްޗަށް ކުރާ ދައުވާގައި އޭނާގެ ދިފާއީ ހެކިންގެ ގޮތުގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމާއި ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފުގެ އިތުރުން ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ނަން ބަލައިގަތުމަށް ކްރިމިނަލް ކޯޓުން މިއަދު ނިންމައިފިއެވެ.

މިއީ ޕީޖީގެ މަގާމުގައި ހުންނެވި ބޭފުޅަކު، މައްސަލައެއްގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކޯޓަށް ބަލައިގެން ފުރަތަމަ ފަހަރެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ނިހާނުގެ ފަރާތުން ދިފާއީ ހެތްކެއްގެ ގޮތުގައި ޝަމީމުގެ ނަން ހުށަހެޅީ ބޮޑު ހިޔާނާތުގައި ހިމެނޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ ދިފާއީ ވަކީލަކަށް ޝަމީމް އުޅުއްވި އިރު، ކުރެއްވި ޓްވީޓަކާ ގުޅިގެންނެވެ. ނަމަވެސް ދިފާއީ ހެއްކެއްގެ ގޮތުގައި ޝަމީމުގެ ނަން ހުށަހެޅުމުން ދައުލަތުން އެކަމަށް އިންކާރުކުރިއެވެ. ދައުލަތުން އެދުނީ އެކަން ބަލައި ނުގަތުމަށެވެ.

ނަމަވެސް ގާޒީ އަލީ އާދަމް ވިދާޅުވީ ދިފާއީ ހެއްކެއްގެ ގޮތުން ޝަމީމުގެ ނަން ބަލައިގަންނަން ނުޖެހޭ ފަދަ ސަބަބެއް ދައުލަތަށް ދެއްކިފައިނުވާ ކަމަށެވެ. ދިފާއީ ހެއްކެއްގެ ގޮތުގައި މަހުލޫފުގެ ނަން ހުށަހެޅީ ނިހާނު މަޖިލިސް މެމްބަރަކަށް ހުންނެވި އިރު، ޕީޕީއެމް ޕާލިމެންޓްރީ ގުރޫޕްގެ ނިންމުންތައް ނިންމުމުގައި އަމަލުކުރި ގޮތް ސާބިތުކޮށް ދިނުމަށެވެ. އަލީ ވަހީދުގެ ނަން ހުށަހެޅީ އަދީބުގެ ފޯނުގެ މޯބައިލް ފޮރެންސިކް ރިޕޯޓުގެ ސައްހަކަމާމެދު ސުވާލު އުފެދޭކަން ސާބިތުކުރުމަށެވެ.

އެ ބޭފުޅުންގެ އިތުރުން ޕީޕީއެމަށް ނިސްބަތްވާ ކުރި އާއި މިހާރުގެ ބައެއް މަޖިލިސް މެމްބަރުންތަކެއް ނިހާންގެ ދިފާއި ހެކިންގެ ގޮތުގައި ބަލައިގަތުމަށް މިއަދު ނިންމިއެވެ.

އޭގެ ތެރޭގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާއާއި ކެލާ ދާއިރާގެ ކުރީގެ މެމްބަރު އަލީ އާރިފާއި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއު އާއި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ރިފާއު (ބޮޗޭ) ހިމެނެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރުކަމުގައި އަދި މާލިއްޔަތު ކޮމިޓީގެ މުގައްރިރުގެ މަގާމުގައި ނިހާން ހުންނެވި އިރު، އޭނާގެ މަގާމުގެ ހައިސިއްޔަތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ވަކިގޮތަކަށް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުގާބިލުގައި އަދީބު ގާތު ރިޝްވަތަށް އެދި އަދި އޭނާ ދީފައިވާ ރިޝްވަތު ހިފައި، ކުށް ކޮށްގެން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި އެ ފައިސާ ބޭނުންކޮށްފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށް ޕީޖީ އޮފީހުން ވަނީ މީގެ ކުރިން ބުނެފައެވެ.

ޕީޖީން ބުނެފައި ވަނީ، ނިހާން މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން އަދީބު މެދުވެރިވެގެން އެސްއޯއެފް ޕްރައިވެޓް ލިމިޓެޑުން 150،000 އެމެރިކާ ޑޮލަރުގެ ޗެކެއް ލިބިގަނެ، އެ ފައިސާއާއި އެހެން ފައިސާ އެއްކުރުމަށްފަހު ޕްލެޓިނަމް ރެޒިޑަންސް އިން ފްލެޓެއް ގަނެފައިވާ ކަމަށެވެ.

އޭގެ އިތުރުން 2014 ވަނަ އަހަރު ޕީޖީގެ މަގާމަށް މީހަކު އައްޔަން ކުރުމަށާއި ހަމަ އެ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނަށް އައްޔަން ކުރާ މެންބަރު ހޮވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ނެގި ވޯޓާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި ރޮލެކްސް (ސަބްމެރީނާ) ބްރޭންޑުގެ ގަޑިއެއް ދިނުމަށް އަދީބު ގާތުގައި އެދުމުން، މ. ވިލާދަށުގެ/ މުހައްމަދު މަނިކު (އެއްލައިދޫ މަނިކު) މެދުވެރިކޮށް އަދީބު ދިން ގަޑި ބަލައިގަނެފައިވާ ކަމަށް ވެސް ޕީޖީން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، ނިހާން ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުންނެވި އިރު، އޭނާގެ މެންބަރުކަމުގެ ހައިސިއްޔަތުން އަދާކުރެއްވި މަސްއޫލިއްޔަތުތައް އަދީބު އަންގާ ގޮތަށް އަދާކުރުމުގެ މުގާބިލުގައި 650،000 ރުފިޔާ ދިނުމަށް އަދީބު ގާތު އެދިފައިވާ ކަމަށާއި އަދި އެ ފައިސާ ދިނުމުން އެ ފައިސާ ހިފާފައިވާ ކަމަށެވެ.