ޚަބަރު

ބަސް ދަތުރުތަކަށް ފަސޭހަކުރަން ސޯސަން މަގު އުތުރުގައި ޕާކުކުރުން މަނާކުރަނީ

އަލީ ޔާމިން

1

މިނީ ބަހުގެ ހިދުމަތަށް ފަސޭހަކުރަން ސޯސަން މަގު އުތުރުގައިވެސް ޕާކުކުރުން މަނާކޮށް، މަގު ހުސްކުރަން ސަރުކާރުން އަންގާފައިވާ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް "ވަން" އަށް މިއަދު ވިދާޅުވީ، މިނީ ބަސް ދަތުރުތަކަށް ފަސޭހަކުރުމަށް ސޯސަން މަގުގެ އުތުރު ފަރާތުގައި ހުރި އާއްމު ޕާކިންތައް ނަގަން އަންގާފައިވާ ކަމަށެވެ. ނަމަވެސް ހާއްސަ ހުއްދަ ދީފައިވާ ސެކިއުރިޓީ ޕާކިންތައް ނަގަން އަންގާފައި ނުވާ ކަމަށް ވިދާޅުވިއެވެ.

މިނީ ބަހުގެ ހިދުމަތް ފެށުމަށް މަޖީދީ މަގާއި އަމީނީ މަގާއި އޯކިޑް މަގުގެ އިތުރުން ފަރީދީ މަގުގައި ވެހިކަލް ޕާކުކުރުން ވަނީ މަނާކޮށްފައެވެ. އެ މަގުތަކުގެ ތެރެއިން މަޖީދީ މަގުގައި މިހާރުވެސް ޕާކު ނުކުރެވޭ ގޮތް ހަދާފައިވާ އިރު، ޕާކިން ޖާގަ ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ.

ކޮންމެ ދުވަހެއްގެވެސް ފަތިހު 05:45 އިން ދަންވަރު 12:15 އަށް ބަހުގެ ހިދުމަތް މާލޭގައި ދެމުން އަންނައިރު ތިން ރޫޓަކަށް ބަސް ދަތުރުތައް ކުރެއެެވެ.