ޔޫއެފާ ޗެމްޕިއަންސް ލީގު

ޗެމްޕިއަން ރެއާލް ހުއްޓުމެއް ނެތި ކުރިއަށް

1

ޔޫއެފާ ޗެމްޕިއަންސް ލީގުގެ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ރޭ ކުޅުނު ގްރޫޕް އެފްގެ މެޗުގައި އާރްބީ ލެއިޕްޒިގް ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ރޭ ކުޅުނު މެޗުގައި ރެއާލުން ލެއިޕްޒިގް ބަލިކުރީ 2-0ގެ ނަތީޖާއަކުންނެވެ. ރޭގެ މޮޅަކީ ރެއާލްގެ ކޯޗު ކާލޯ އެންސެލޯޓީ ޗެމްޕިއަންސް ލީގުގައި ހޯދި 100 ވަނަ މޮޅެވެ. އޭނާގެ އިތުރުން އެ އަދަދަށް ޗެމްޕިއަންސް ލީގުގައި މޮޅު ހޯދާފައިވާ އަނެއް ކޯޗަކީ ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި ސާ އެލެކްސް ފާގަސަންއެވެ. ފާގަސަން ވަނީ ޔުނައިޓެޑާއެކު ޗެމްޕިއަންސް ލީގުގައި 102 މޮޅު ހޯދައިފައެވެ.

ރޭ ރެއާލުން ޖެހި ދެ ގޯލުވެސް ފެނުނީ މެޗުގެ ފަހުކޮޅުގައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލެއިޕްޒިގުގެ ކްރިސްޓޮފާ އެންކުންކޫގެ ރަނގަޅު ދެ ހަމަލާއެއް ރެއާލްގެ ގޯލްކީޕަރު ތިބޯ ކޯޝުއާ މަތަކުރިއެވެ. އެ ހަމަލާތަކަށްފަހު ރެއާލުން ވަނީ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށްފައެވެ.

އަވަސް މެޗަކަށް ރެއާލުން މިސްރާބު ޖެހި އިރު، އެ ޓީމުގެ ފުރަތަމަ ގޯލު ޖެހީ ފެޑެރީކޯ ވަލްވާޑޭއެވެ. ވިނީޝިއަސް ޖޫނިއާ ދިން ޕާހަކުން ވަލްވާޑޭ ރެއާލްއަށް ލީޑު ނަގައިދިނީ 80 ވަނަ މިނެޓުގައެވެ. ރެއާލުން މެޗުގައި ޖެހި ދެވަނަ ގޯލަކީ ޓޯނީ ކްރޫސްގެ ހިލޭ ޖެހުމަކުން މާކޯ އެސެންސިއޯ ޖެހި ގޯލެކެވެ.

މިހާތަނަށް ސީޒަނުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެފައި އޮތް ރެއާލް އޮތީ ލަލީގާ ތާވަލުގެ އިތުރުން ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖުގެ ތާވަލުގެވެސް އެއްވަނައިގައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟