ފުލުހުންނަށް ހަމަލާދިން މައްސަލައިގައި އިތުރު ފަސް މީހަކު ހައްޔަރުކޮށްފިއެވެ.
ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެ ހަމަލާއާ ގުޅިގެން އިތުރު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މީހުން ހައްޔަރުކުރީ ހަމަލާއަށްފަހު ފިލައިގެން އުޅެނިކޮށް ކަމަށެވެ. އަދި ވިދާޅުވީ ގޭންގުތަކުން ރާވައިގެން ކުރާ ކުށްތަކާއި މަސްތުވާތަކެއްޗާ ދެކޮޅަށްކުރާ މަސައްކަތް ހުއްޓާ ނުލައްވާނެ ކަމަށެވެ.
ހެންވޭރުގައި ހަރަކާތްތެރިވާ ގޭންގަކުން ފަތިބުރި އާއި ލަކުޑިބުރި ބޭނުން ކޮށްގެން ފުލުހުންނަށް ހަމަލާދީފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. އެ ފުލުހުންނަށް އޭޑިކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާދީފައެވެ.
އެ މައްސަލައާ ގުޅިގެން ތިން މީހަކު ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ދެ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރި އިރު، އަނެކަކު ވަނީ ފަސް ދުވަހަށް ބަންދުކުރަން އަމުރުކޮށްފައެވެ.
އެ ހަމަލާއާ ގުޅިގެން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ހަމަލާދީފައި ވަނީ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓް (ޑީއީޑީ) ގެ ތިން ފުލުހަކަށް ކަމަށެވެ. ހަމަލާދިން އިރު އެ ފުލުހުން ތިބީ އޮފް ޑިއުޓީގައި ކަމަށެވެ. ނަމަވެސް ގޭގަކުން އެމީހުންނަށް ހަމަލާދިން ސަބަބު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ލ. ގަމުގައި ކުރިއަށް ގެންދިޔަ ވިއަވަތި ކޮންފަރެންސް ނިންމާލުމަށް ބޭއްވި ޖަލްސާއަށްފަހު ނޫސްވެރިނާއެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ ގޭންގަކުން ފުލުހުންނަށް ހަމަލާދިން ސަބަބު ވިދާޅުވެދެއްވައިފައެވެ.
އެގޮތުން ގޭންގަކުން ހަމަލާދިން ފުލުހުންގެ ތެރެއިން އެކަކީ އެ ގޭންގުން މަސްތުވާތަކެތި ހޯދުމުގެ އޮޕަރޭޝަނުގައި އަމަލީގޮތުން އެންމެ އިސްކޮށް ބައިވެރިވި އޮފިސަރެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު