އެއްޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށް ސާބިތުވެފައިވާ ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރަށް ހުކުމް ކުރުމަށް މާދަމާއަށް ތާވަލުކޮށްފިއެވެ.

ބަންގުލާދޭޝްގެ ރައްޔިތެއް ކަމަށްވާ، އެމްޑީ އަލަމްގީރާއެކު، އެއްޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލަ އޭނާގެ މައްޗަށް ސާބިތުވީ، މިދިޔަ އާދިއްތަ ދުވަހު ބޭއްވި އިބްތިދާއީ އަޑުއެހުމުގައި އޭނާ އެކަމަށް އިއުތިރާފުވުމުންނެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުގެ މީޑިއާ އޮފިޝަލް، ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު "ވަން" އަށް މިއަދު ވިދާޅުވީ، ނާޒިމަށް ހުކުމް ކުރުމުގެ އަޑުއެހުން މާދަމާ ހަވީރު 4:30 އަށް ކުރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވާ ކަމަށެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ އަސާސީ އަދަބަކީ، ނުވަ މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައިވާތީ އެއް ދަރަޖަ ލުއިކޮށް، އޭނާގެ މައްޗަށް އަންނާނީ ހަތް މަހާއި ހަ ދުވަހުގެ ހުކުމެކެވެ. ނަމަވެސް ބަންދުގައި އޭނާ ހަތް ދުވަސް ހޭދަކޮށްފައިވުމުން އެ މުއްދަތުވެސް ހުކުމުން އުނިވާނެއެވެ.

އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި އަލަމްގީރް އާއި ނާޒިމް ސައްތާރުގެ އިތުރުން، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމެންޓުގެ އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރި އަބްދުއްރަހުމާން ރަފީއު އާއި މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ މައްޗަށް ދައުވާ ކުރިއެވެ.

އަބްދުއްރަހުމާން ރަފީއު އާއި ނަޝީދުގެ މައްސަލައިގެ އަޑުއެހުންތައްވެސް ވަނީ ފަށައިފައެވެ.

މި މައްސަލައިގައި އަލަމްގީރަށް ކުރި ދައުވާގައި އޭނާ ކުށަށް އިއުތިރާފުވެފައިވާތީ، ހަތް މަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ހުކުމްކޮށްފައެވެ.