ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި މިހާރު މެންބަރުން ހިމެނޭ ގޮތަށް ބަދަލު ގެނެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި ބަންޑާރަ ނާއިބާއި ސިޔާސީ އެއްވެސް ބޭފުޅަކު ނުހިމެނޭ ގޮތަށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރަން ގާނޫނުއަސާސީއަށް އިސްލާހު ގެންނަން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު ތިން ވަނަ ފަހަރަށް ހުށަހެޅި ބިލުވެސް މަޖިލީހަށް ބަލައެއް ނުގަތެވެ.

ކުރިންވެސް ހުށަހެޅި ގޮތަށް މިފަހަރުވެސް ތޯރިގު ހުށަހަޅުއްވާފައި ވަނީ ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށެވެ.

މި ބިލު މަޖިލީހުން ބަލައި ގަތުމަށް ނެގި ވޯޓުގައި، ބިލު މަޖިލީހަށް ބަލައި ގަތުމަށް ވޯޓު ދެއްވީ އެ ޖަލްސާގައި ތިއްބެވި 47 މެމްބަރުންގެ ތެރެއިން އެންމެ ހަ މެމްބަރުންނެވެ. ބިލު ބަލައި ނުގަތުމަށް 37 މެްބަރުން ވޯޓް ދެއްވިއެވެ. ބިލު ބަލައި ގަތުމަށް ބޭނުންވަނީ 22 މެމްބަރުންގެ ވޯޓެވެ.

ގާނޫނުއަސާސީ އިސްލާހުކޮށް ޖޭއެސްސީގެ ކޮމްޕޮޒިޝަން ބަދަލުކުރުމަށް ތޯރިގު ހުށަޅުއްވި އިސްލާހުގައި ވަނީ، ކޮމިޝަން މެމްބަރުންގެ އަދަދު އަށަކަށް މަދުކޮށް ސިޔާސީ އެއްވެސް ފަރާތަކާއި އެއްވެސް ފަނޑިޔާރެއް އެ ކޮމިޝަންގައި ނުހިމެނުމަށެވެ.

ތޯރިގު އިސްލާހު ހުށަހަޅުއްވާފައި ވަނީ ޖޭއެސްސީ އެތުރިފައިވާ ގޮތް ބަދަލުކުރުމަށް ގާނޫނުއަސާސީގެ 158 ވަނަ މާއްދާ އިސްލާހުކުރުމުގެ އިތުރުން ކޮމިޝަންގެ މެމްބަރުންގެ މުއްދަތު ކަނޑައަޅާފައިވާ 161 ވަނަ މާއްދާ އާއި މެމްބަރުކަމުން އިސްތިއުފާ ދޭނެ ގޮތް ކަނޑައަޅާފައިވާ 162 ވަނަ މާއްދާ އާއި އެ ފަރާތްތަކުގެ މުސާރަ އާއި އިނާޔަތްތައް ކަނޑައަޅާފައިވާ 164 ވަނަ މާއްދާ އާއި މެމްބަރުކަމުން ވަކި ކުރެވޭނެ ގޮތް ކަނޑައަޅާފައިވާ 165 ވަނަ މާއްދާއަށެވެ.

  • ފަނޑިޔާރުންގެ ތެރެއިން ޝަރަފުވެރިކަމާ އެކު މުސްކުޅި ކުރައްވާފައިވާ އަދި ކޯޓުތަކުގައި ވަކާލާތު ނުކުރާ މީހުންގެ ތެރެއިން އިންތިހާބު ކުރާ މީހަކު
  • ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ގާނޫނީ ވަކީލަކު
  • ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ އަންހެން ގާނޫނީ ވަކީލަކު
  • ރާއްޖޭގެ ޔުނިވަސިޓީތަކުގައި އިސްލާމީ ޝަރީއަތުގެ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން އިންތިހާބުކުރާ ދާރިސަކު
  • ޔުނިވަސިޓީތަކުގައި ގާނޫނީ އިލްމު ކިޔަވައިދޭ ދާރިސުންގެ ތެރެއިން އިންތިހާބުކުރާ ދާރިސަކު
  • ތައުލީމީ ދާއިރާއިން މަތީ ތައުލީމު ހާސިލުކޮށްފައިވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބު ކުރާ މީހެއް
  • ވިޔަފާރީގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބު ކުރާ މީހަކު
  • ގާނޫނީ ފަންނު ފިޔަވައި އެހެން ފަންނަކުން މަތީ ތައުލީމު ހާސިލު ކޮށްފައިވާ ތަޖުރިބާކާރުންގެ ތެރެއިން އިންތިހާބު ކުރާ މީހަކު

ގާނޫނު އަސާސީގެ 161 ވަނަ މާއްދާގައި މިހާރު އޮންނަ ގޮތުން ޖޭއެސްސީގެ މެމްބަރުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބަކީ ވަކި މަގާމެއްގެ ހައިސިއްޔަތުން ކޮމިޝަންގައި ހިމެނޭ ބޭފުޅުން ކަމަށްވާތީ އެ ބޭފުޅުން އެ މަގާމުތަކުގައި ދެމި ތިބިހާ ދުވަހަކު ކޮމިޝަންގެ މެމްބަރުންގެ ގޮތުގައި ހިމެނޭނެއެވެ.

ނަމަވެސް ކޮމިޝަންގައި ދެން ތިއްބެވި ބޭފުޅުންނަށް ކޮމިޝަނުގައި ތިއްބެވޭނީ ފަސް އަހަރުގެ އެއް ދައުރަށެވެ. އެ ދައުރު ހަމަވުމުން އެ ބޭފުޅަކު އަލުން އެ ކޮމިޝަނަށް އައްޔަނެއް ނުކުރެވޭނެއެވެ.

އެ މާއްދާއަށް ތޯރިގު ގެންނަން ހުށަހެޅުއްވި އިސްލާހުގައި ވަނީ ޖޭއެސްސީގެ މެމްބަރުންގެ ދައުރުގެ މުއްދަތަކީ ތިން އަހަރު ދުވަސް ކަމަށް ކަނޑައެޅުމަށެވެ. އަދި ވިދިވިދިގެން ދެ ދައުރަށް މީހަކު އައްޔަނު ނުކުރެވޭނެ ކަމަށްވެސް ހިމަނާފައިވެއެވެ.

ގާނޫނުއަސާސީގެ 162 މާއްދާ މިހާރު ބުނާ ގޮތުން ޖޭއެސްސީގެ މެމްބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، ސިޓީއަކުން އެކަން ބަޔާންކޮށް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެމްބަރަކު މެމްބަރުކަމުން ވަކިވާނެ ކަމަށެވެ.

ނަމަވެސް މެމްބަރުކަމުން އިސްތިއުފާ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބު ފިޔަވައި ދެން ތިއްބެވި މެމްބަރުންނަށް ކަމަށް ބުނެއެވެ.

އެ މާއްދާ އިސްލާހުކުރަން ތޯރިގު ހުށަހެޅުއްވި ގޮތަކީ، ޖޭއެސްސީގެ މެމްބަރަކު އިސްތިއުފާ ދޭން ބޭނުންވެއްޖެ ނަމަ، އެކަން ބަޔާންކޮށް ސިޓީއަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅައި، އެ ސިޓީ ރައީސުލްޖުމްހޫރިއްޔާއަށް ލިބުމުން އެ މެމްބަރަކު ވަކިވީ ކަމަށެވެ.

ޖޭއެސްސީއަށް އައްޔަން ކުރެވޭ މީހުންގެ ތެރެއިން ވެރިކަން ހިންގާ ފަރާތުގެ ނުވަތަ އަދުލު އިންސާފު ގާއިމުކުރުމުގެ ބާރުގެ ނުވަތަ ރައްޔިތުންގެ މަޖިލީހުގެ ނުވަތަ މުސްތަގިއްލު ކޮމިޝަނެއްގެ މެމްބަރުކަމުގެ މަގާމުގައި ނެތް ކޮންމެ މީހަކަށް، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިން މުސާރަ އާއި އިނާޔަތްތައް ދެވިދާނެ ކަމަށް 164 ވަނަ މާއްދާގައި ބުނެފައިވާ އިރު، ޖޭއެސްސީއަށް އަންޔަންކުރާ މީހުންނަށް މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތީން މުސާރަ އާއި އިނާޔަތްތައް ދެވިދާނެ ކަމަށް ހިމަނަން ތޯރިގު ވަނީ ހުށަހަޅުއްވައިފައެވެ.

މަޖިލިސް ރައީސާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސާއި ބަންޑާރަ ނާއިބު ކޮމިޝަނުންގެ މެމްބަރުކަމުން ވަކިވަނީ އެ ބޭފުޅުން އަދާކުރައްވަމުން ގެންދަވާ މަގާމުތަކުން ވަކިވެގެން ކަމަށާއި ދެން ތިއްބެވި ބޭފުޅުން ވަކި ކުރާނީ އެ މީހަކު ކޮމިޝަނަށް އައްޔަންކުރި ފަރާތުން ކަމަށް 165 ވަނަ މާއްދާގައި ބުނެފައިވާ އިރު، ތޯރިގު ވަނީ ޖޭއެސްސީއަށް އައްޔަން ކުރާ މީހުން މަގާމުން ވަކި ކުރާނީ އެ މީހަކު ކޮމިޝަނަށް އައްޔަން ކުރި ފަރާތަކުން ކަމަށް ކަނޑައަޅަން އިސްލާހު ހުށަހަޅުއްވައިފައެވެ.

ޖޭއެސްސީއަށް ބަދަލު ގެންނަން އެންމެ ފުރަތަމަ ތޯރިގު ހުށަހެޅުއްވީ 2020 ވަނަ އަހަރެވެ. ނަމަވެސް 27 އޮކްޓޯބަރު 2020ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވެސް ވަނީ އެ ބިލު މަޖިލީހުން ބޭރު ކޮށްލައިފައެވެ. އެ ދުވަހުގެ ޖަލްސާގައި އެ ބިލު މަޖިލީހަށް ބަލައިގަތުމަށް ވޯޓު ދެއްވީ، ޖަލްސާގައި ތިއްބެވި 66 މެމްބަރުންގެ ތެރެއިން އެންމެ 13 މެމްބަރުންނެވެ. މަޖިލީހަށް ބަލައި ނުގަނެ ބިލު ބޭރުކޮށްލަށް 50 މެމްބަރުން ވޯޓު ދެއްވިއެވެ.

ޖޭއެސްސީއަށް ބަދަލު ގެންނަން އެންމެ ފަހުން ތޯރިގު މަޖިލީހަށް ބިލު ހުށަހެޅުއްވީ މިއަހަރުގެ ފުރަތަމަ ދައުރަށެވެ. ނަމަވެސް މިއަހަރުގެ ފެބްރުއަރީ މަހުގެ 22 ގައި ބޭއްވި މަޖިލިސް ޖަލްސާގައި އެބިލުވެސް ބޭރުކޮށްލިއެވެ. އެ ޖަލްސާއިން ބިލު ބޭރުކޮށްލީ، މަޖިލިސް ޖަލްސާގައި އެ ވަގުތު ތިއްބެވި 60 މެމްބަރުންގެ ތެރެއިން 46 މެމްބަރުން ވޯޓު ދެއްވައިގެންނެވެ. އެ ބިލު މަޖިލީހަށް ބަލައި ގައުމަށް އެދުވަހު ވޯޓު ދެއްވީ އެންމެ 11 މެމްބަރުންނެވެ.