ރާއްޖޭގެ ހާރިޖީ ސިޔާސަތަށް ސަރުކާރުން ގަނައި ބަދަލުގެ ސަބަބުން ދިވެހި އަސްކަރިއްޔާގެ ގާބިލުކަން އިތުރުވެ، ރާއްޖޭގެ މިނިވަންކަމަށް ވަރަށް ބޮޑު ރައްކާތެރިކަމާއި ޔަގީންކަމެއް ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ކަޅުތުއްކޮލާ ކޮށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މި ސަރުކާރުގެ ހާރިޖީ ސިޔާސަތަކީ ރަހުމަތްތެރިކަމުގެ މައްޗަށް ބިނާވާ ސިޔާސަތެއް ކަމަށެވެ.
"ރާއްޖޭގެ ހާރިޖީ ސިޔާސަތަށް އަޅުގަނޑުމެން ގެނައި ހެޔޮ ބަދަލުގެ ސަބަބުން، ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުވެ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަމަށް މިވަނީ ވަރަށް ބޮޑު ރައްކާތެރިކަމަކާއި ޔަގީންކަމެއް ލިބިފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖެއިން ގެންގުޅޭ ހާރިޖީ ސިޔާސަތުގެ ސަބަބުން ގަދަރާއި އިހުތިރާމް ލިބިފައިވާ ކަމަށާއި ރާއްޖެއިން ގައުމުތަކާ އެކު ރަހުމަތްތެރިކަމުގެ ގުޅުން ބަދަހިކުރަނީ ވަކި ތަރަހައެއްގެ ތެރޭގައި ކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަން ދިފާއުކުރަން އަވައްޓެރި، ރަހުމަތްތެރި ގައުމުތަކުގެ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަން ބެލެހެއްޓުމުގެ ޒިންމާ ރާއްޖެއަށް ވެސް މަތިކުރެވިފައިވާ ކަމަށާއި އެ ޒިންމީ ސިފައިން އަދާކުރަމުން ގެންދާ ކަމަށެވެ.
މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވެފައިވާ ޓެރަރިޒަމްގެ ނުރައްކާތެރިކަމުން އަރައިގަތުމުން ސިފައިން ދަނީ ގައުމީ އަދި ބައިނަލްއަގުވާނީ ފެންވަރުގައި އެކި ގައުމުތަކުގައި ޕޯސްޓުވެގެން ތިބެ މަސައްކަތް ކުރަމުން ކަމަށެވެ. އަދި ބޭރު ގައުމުތަކުގައި ތިބެ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރާ ސިފައިން އެ ކުރަނީ ފުރިހަމަ ލާމަސީލު މަސައްކަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ޓެރަރިޒަމްގެ ނުރައްކާތަކުން ރާއްޖެ ދިފާއުކުރުމަށް ސިފައިންނަށް ޒަމާނީ ހަތިޔާރު ސަރުކާރުން ހޯދައިދީފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލުކަން އިތުރުކުރުމަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި މުހިންމު މަސައްކަތްތަކެއް ކުރެވިއްޖެ. ޒަމާނީ ވަސީލަތްތައް ހޯދައި، ޓެރަރިޒަމްގެ ހާދިސާތަކާ ކުރިމަތިލުމުގެ ގާބިލުކަން އެތައް ގުނައެއް އިތުރުކުރެވިއްޖެ. ގައުމުގެ ދިފާއުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް މިހާރުވަނީ ހޯދިފައި،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސިފައިންގެ ތެރޭގައި މިހާރު މިންތީގެ ހަމަހަމަކަން ގާއިމުކުރެވިފައިވާ ކަމަށެވެ. ހިލްމާއި ހުނަރު ހުރި ކޮންމެ މީހަކަށް ވެސް މިހާރު ސިފައިންގެ ތެރެއިން ކުރިއަރައިގެން ދެވޭނެ ކަމުގައި ޔަގީންކަން ރައީސް ދެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު